މިސްރަށް ބާރުގަދަ ބިން ހެލުމެއް

ހޯމަ ދުވަހުގެ މެންދަމުން އަނބުރާ 3:00 ޖެހިއިރު މިޞްރަށް އައި 5.5ގެ ބާރުމިނުގެ ބިންހެލުމެއްގައި ޤާހިރާއާއި، ޖީޒާއާއި، އަދި އެ ޤައުމުގެ އެހެން ބައެއް ސަރަޙައްދުތަކަށް ބިންހެލުމުގެ އަސަރު ކޮށްފިއެވެ. ނަމަވެސް މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް ނުވަތަ ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މި ބިންހެލުމުގެ އަސަރު ޤާހިރާ ސަރަޙައްދަށާއި އިތުރު އެހެން މުހިންމު ސަރަޙައްދުތަކަށްވެސް ކޮށްފައިވެއެވެ.

ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޮނޮމީ އެންޑް ޖިއޮފިޒިކްސް އިން ފުރަތަމަ ހާމަކުރި ގޮތުގައި މި ބިންހެލުމުގެ ބާރުމިނަކީ 5.2 މެގްނެޓިއުޑެވެ. ނަމަވެސް ފަހުން އެ ޢަދަދު ވަނީ 5.5 އަށް ބަދަލުކޮށްފައެވެ.

އެެ އިދާރާއިން ބުނިގޮތުގައި ބިންހެލުން އައިސްފައިވަނީ މެންދަމުގެ ވަގުތެއްގައެވެ. އަދި އިތުރު މަޢުލޫމާތު ހާމަކުރަމުން އެ އިންސްޓިޓިއުޓުން ބުނީ ބިންހެލުމުގެ މަރުކަޒު ހުރީ އިރުމަތީ ޤާހިރާގެ 10 ކިލޯމީޓަރުގެ ފުންމިނެއްގައި ކަމަށެވެ. މީގެ ކުރިން ބުނެފައިވަނީ މަރުކަޒު ހުރީ ސުއޭޒުން ފެށިގެން 38 ކިލޯމީޓަރު ދުރުގައި ކަމަށެވެ.

މި ބިންހެލުމާއެކު ގޫގުލްގެ ފަރާތުން ފޯރުކޮށްދިން ބިންހެލުމުގެ އިންޒާރުގެ ނޯޓިފިކޭޝަންތައް މިސްރުގެ ފޯނުތަކަށް ލިބުނެވެ.

އެންޑްރޮއިޑް ފޯނުތަކުން އޭގެ ވެރިފަރާތްތަކަށް އިންޒާރު ދިން ކަމަށް މިސްރުގެ މީސްމީޑިއާއިން ބުނެއެވެ. ނަމަވެސް އައިފޯނުތަކަށް އެ އިންޒާރު ލިބިފައެއް ނުވެއެވެ. އައިފޯނުގެ އިންޒާރުތައް އަދި ލިބެން ހުރީ އެމެރިކާއާއި ތައިވާނަށް އެކަންޏެވެ. މިސްރުގެ މޮބައިލް ބޭނުން ކުރާ މީހުންގެ 88.85 ޕަސެންޓަށް މި އިންޒާރު ލިބުނު ކަމަށް ބެލެވެއެވެ.

މިސްރުގައި އައިފޯނު ބޭނުން ކުރަނީ 11 އިންސައްތަ މީހުންނެވެ.

ހިއްސާ ކުރައްވާ!