މިޞްރަށް ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައި ބިންހެލުމަކީ ކަނޑުއަޑީގައި ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ ނިއުކްލިއާ ތަޖުރިބާއެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ސައިންސްވެރިން ދޮގުކޮށްފިއެވެ.
3 އޮގަސްޓް 2026 ވީ ހޯމަ ދުވަހުގެ ފަތިހު އައި މި ބިންހެލުމާ ގުޅިގެން، އެއީ ކަނޑުއަޑީގައި ސިއްރުން ނިއުކްލިއާ އެއްޗެއް ގޮއްވާލުމުގެ ސަބަބުން މިޞްރުގެ ކައިރީގައިވާ ކަނޑުއަޑީގެ ފަށަލައިގެ ރެނޑުތަކަށް ގުޑުން އައިސްގެން ދިމާވި ކަމެއް ކަމަށް ބުނެ މިޞްރުގެ ބައެއް ފިލްމީ ތަރިންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ސޯޝަލް މީޑިއާގައި ޚަބަރުތައް ފަތުރާފައެވެ.
ނަމަވެސް، މި ވާހަކަތަކަށް ބާރުދޭ އެއްވެސް ސައިންސްގެ ހެކިތަކެއް ނެތް ކަމަށާއި، ބިންހެލުން އުފެދުނު ސަރަޙައްދާއި އޭގެ އަޑިއަށް ބަލާއިރު މިއީ ތަބީޢީ ބިންހެލުމެއްކަން ސައިންސީ މަޢުލޫމާތުތަކުން ކަށަވަރުވާ ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އަދި ދުނިޔޭގެ ނިއުކްލިއާ ހަރަކާތްތައް މޮނިޓަރުކުރާ ނިޒާމުތަކުންވެސް މިފަދަ އެއްވެސް ގޮއްވައިލުމެއް ރެކޯޑުކުރެވިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސަވޭ އިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިއީ 5.3 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައިސްފައިވަނީ ޤާހިރާ ގަޑިން މެންދަމު 3:00 ގައެވެ. މީގެ މަރުކަޒު ހުރީ ސުއޭޒް ސިޓީގެ އިރުއުތުރުން 41 ކިލޯމީޓަރު ބޭރުގައި، ބިމުގެ 10 ކިލޯމީޓަރު އަޑީގައެވެ. ސައިންސްގެ މައުލޫމާތުތައް ދިރާސާކުރުމަށްފަހު ބުނެފައިވަނީ މިއީ ތަބީޢީ ބިންހެލުމެއްކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، ބޮޑެތި ގޮއްވުންތަކުގެ ސަބަބުން ސީސްމޯގްރާފްތަކަށް ސިގްނަލްތައް ލިބުނު ކަމުގައިވިޔަސް، ނިއުކްލިއާ ގޮއްވުމަކުން އުފެދޭ ރާޅުތަކާއި ތަބީޢީ ބިންހެލުމަކުން އުފެދޭ ރާޅުތަކުގެ ބައްޓަމާއި، ހަކަތަ ފެތުރޭ ގޮތް މުޅިން ތަފާތެވެ. އެހެންކަމުން މިއީ ނިއުކްލިއާ ގޮއްވުމެއް ނޫންކަން ވަނީ ސާބިތުވެ ފައެވެ.





