މަޤާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިންޑިއާގެ ފަސްގަނޑުގައި ހުންނަވައިގެން ސިޔާސީ ތަޤްރީރުތައް ކުރެއްވުން ހުއްޓުވުމަށް ބަންގްލަދޭޝްއިން އިންޑިއާގެ ކިބައިން އެދިއްޖެއެވެ. ހަސީނާގެ ސިޔާސީ ތަގްރިރުތަކުގެ ސަބަބުން ދެޤައުމުގެ ގުޅުމަށް ބުރޫއަރައި، ހަމަނުޖެހުން އުފެދުމުގެ ފުރުސަތު އޮތްކަމަށް ބުނެ ބަންގްލަދޭޝްއިން ވަނީ އިންޒާރުދީފައެވެ.
ބަނގްލަދޭޝްއިން މި މައްސަލަ ހުށަހެޅީ ޑާކާއަށް ކަނޑައެޅުއްވި އިންޑިއާގެ އާ ހައިކޮމިޝަނަރު ދިނޭޝް ތްރިވެދީ އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ޚާރިޖީ މުޝީރު ހުމާޔޫން ކަބީރުއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.
ޝެއިޚް ހަސީނާ ވަނީ މީސްމީޑިއާގައި އާންމު ބަޔާނެއް މިއަދު ނެރުއްވުމަށް ނިންމަވަފާއެވެ. އެކަމާ ގުޅިގެން، ބަންގްލަދޭޝްއިން އެދެނީ މަނާ ކޮށްފައިވާ ޖަމާއަތްތަކާ ގުޅުންހުރި އެއްވެސް ފަރާތަކުން އިންޑިއާގެ ފަސްގަނޑު ބޭނުންކޮށްގެން ސިޔާސީ ބަޔާންތައް ދިނުމާއި ބަންގްލަދޭޝްގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރުން ހުއްޓުވުމަށް އިންޑިއާއިން އެހީތެރިވެ ދިނުމަށެވެ.
ޝެއިޚް ހަސީނާ މަޤާމުން އިސްތިއުފާ ދެއްވައި އިންޑިއާއަށް ފިއްލެވީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ދަރިވަރުން އިސްނަގައިގެން ހިންގި ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ. ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގެވި ކަމުގެ ކުށް ސާބިތުވެ، އެކަމަނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.





