ކެމެރޫންގެ އުމުރުން 93 އަހަރުވެފައިވާ ރައީސް ޕޯލް ބިޔާ ވީތަނެއް ނޭނގި، ޚަބަރެއް ނުވެ ގިނަ ދުވަސްވުމާ ގުޅިގެން އެ ޤައުމުގެ މީޑިއާއިން ސުވާލު ކުރަން ފަށައިފި އެވެ. މީޑިއާއިން ސުއާލު ކުރަނީ ޕޯލް ބިއާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރައްވަނީ ތޯ އެވެ. ނޫނީ ސުއިޒަރލެންޑަށް ފަރުވާއަށް ވަޑައިގަތީތޯއެވެ؟
ކެމެރޫންގެ ވެރިރަށް ޔާއުންޑީ އިން ލިބޭ މަޢުލޫމާތުތައް ބުނާގޮތުން، ރައީސް ބިޔާ އެ ޤައުމު ދޫކޮށް ވަޑައިގަތީ މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހު އެވެ. އަނބިކަނބަލުންނާއެކު ބޭރަށް ކުރެއްވި މި ދަތުރުފުޅަކީ ޚާއްޞަ، އަމިއްލަ ދަތުރުފުޅެއް ކަމަށް ބުނެފައިވެއެވެ. ނަމަވެސް، މިހާތަނަށް 58 ދުވަސް ވެފައިވާއިރު، އެމަނިކުފާނުގެ އެއްވެސް ފޮޓޯއެއް އަދި ރަސްމީ ބަޔާނެއް ވެސް ޢާންމުކޮށްފައެއް ނުވެ އެވެ.
މި ފަދަ ދިގު މުއްދަތަކަށް ރައީސް ގެއްލިވަޑައިގަތުމަކީ މީގެ ކުރިންވެސް ހިނގާފައިވާ ކަމެކެވެ. އެއިން އްެއްފަހަރު ބިއާ ހުންނެވީ ޗުއްޓީގައި ރާއްޖޭގައެވެ. އަދި އޭގެ ކުރިން ފަރުވާއަށް ސއުިޒަރލެންޑްގައެވެ.
މި މައްސަލައާ ގުޅިގެން ކެމެރޫންގެ ސަރުކާރުން ބުނެފައިވަނީ ރައީސް ބިޔާ އަދި ދުނިޔޭގައި ހުންނެވި ކަމަށެވެ. އަދި ވަރަށް އަވަހަށް އެނބުރި ޤައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.
ކެމެރޫންގައި ވެރިކަން ބަދަލުވުމުގެ ޤާނޫނީ ސާފު ނިޒާމެއް ޤާއިމުވެފައި ނެތުމާއި، ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ މަސްރަޙަށް އައިސްފައިވާ ނުތަނަވަސްކަމުގެ ސަބަބުން ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.







