ރަޝިޔާއިން ބެލިސްޓިކް މިސައިލުން ކީއޭވްއަށް ހަމަލާދީފި

ޔޫކްރޭނުގެ ވެރިރަށް ކީވްއަށް ރަޝިޔާއިން މިއަދު ހެނދުނު ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން ދެ މީހުން މަރުވެ، 12 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ކީވްގެ މިލިޓަރީ އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ޔޫކްރޭންގެ އެއާ ފޯސްއިން ބުނި ގޮތުގައި، ގާތްގަނޑަކަށް 3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ސިޓީއަށް މިސައިލްތައް ފޮނުވާލާފައިވަނީ ދެ މިސްރާބަކުންނެވެ.

ކީވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ވިދާޅުވީ، މިސައިލް ހަމަލާއެއްގެ ސަބަބުން 20 ބުރީގެ އާންމުން ދިރިއުޅޭ އިމާރާތެއްގައި ރޯވެ، ބޮޑު އަލިފާންގަނޑެއް އުފެދުނު ކަމަށާއި، މީގެ އިތުރުން ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ގުދަންތަކަށްވެސް ހަމަލާތައް އަމާޒުވި ކަމަށެވެ.

ރަޝިޔާގެ ބެލިސްޓިކް މިސައިލް ހަމަލާތަކުން ސަލާމަތްވުމަށްޓަކައި، އެމެރިކާގައި އުފައްދާ ޕެޓްރިއަޓް މިސައިލް ދިފާއީ ނިޒާމުތައް އިތުރަށް ފޯރުކޮށްދިނުމަށް ޔޫކްރޭނުން ދަނީ އެކުވެރި ގައުމުތަކުގައި އެދެމުންނެވެ.

ހަމަލާތައް ވަރުގަދަވުން

މި ހަމަލާއަކީ ފަހަކަށް އައިސް ރަޝިޔާއާއި ޔޫކްރޭނާ ދެމެދު ދުރު ރާސްތާގެ ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި ދިން ހަމަލާއެކެވެ. އޭއެފްޕީއިން ހެދި ތަހުލީލުތަކުން ދައްކާ ގޮތުގައި، ނިމުނު ޖުލައި މަހު ރަޝިޔާއިން ބޭނުންކުރި މިސައިލްގެ އަދަދު ވަނީ ދެގުނައަށްވުރެ އިތުރުވެފައެވެ.

މީގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހު ކީވްއަށާއި އެސިޓީގެ އަވަަށްތަކަށް ރަޝިޔާއިން ދިން ހަމަލާތަކުގައި 10 މީހުން މަރުވެ، 30 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އޭގެ ބަދަލުގައި، ޔޫކްރޭނުން ވަނީ ކަޅުކަނޑުގައި އޮތް ރަޝިޔާގެ ކާގޯ އުޅަންދެއް ޑްރޯން ބޭނުންކޮށްގެން ފައްތާލާފައެވެ.

އިންސާނީ ހައްގުތަކާ ބެހޭ އޮބްޒާވަރުން ވަނީ، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަނގުރާމަ ފެށުނު ފަހުން އާންމުން މަރުވާ މިންވަރު މައްޗަށް ގޮސްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިއްސާ ކުރައްވާ!