ހަތް އަހަރަށްފަހު: ޖައްމޫ އަދި ކަޝްމީރުން ތަރައްގީގެ އައު މަގެއް ޚިޔާރުކޮށްފި

އިންޑިއާގެ ގާނޫނުއަސާސީގެ މާއްދާ 370 އުވާލިތާ ހަތް އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ޖައްމޫ އަދި ކަޝްމީރު އޮތީ މުހިންމު ބަދަލެއްގައެވެ.

ބުދަ ދުވަހު މި މުނާސަބާ ފާހަގަ ކުރިއިރު ޖައްމޫ ކަޝްމީރުގައި ފެންނަމުންދާ ތަރައްގީއަށް ގިނަ ފަރާތްތަކުން ވަނީ ތައުރީފް ކޮށްފައެވެ. އިންޑިއާ ސަރުކާރުގެ އިސް ނެގުމާއެކު ގެނެވުނު އިޤްތިޞާދީ އައު ދިރުމާއި، އިދާރީ އިޞްލާޙުތަކާއި، އިޖުތިމާޢީ ގުޅުން ބަދަހިވުމުގެ މުހިންމު ސިފަތައްވެސް ވަނީ ފެނިގެން ގޮސްފައެވެ.

ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ) އާއި ސަރުކާރުން ދެކޭގޮތުގައި 2019ވަނަ އަހަރުގެ އޮގަސްޓް 5ވަނަ ދުވަހަކީ، އެތައް އަހަރެއް ވަންދެން ކަޝްމީރުގައި އޮތް ތަފާތުކުރުންތަކުގެ ޤާނޫނުތައް އަބަދުގެ އަބަދަށް ނިމުމަކަށް ގެނަސް "އެއް ޤައުމެއް، އެއް ދިދައެއް، އެއް ޤާނޫނެއް" ގެ ޝިޢާރުގެ ދަށުން އެ ސަރަޙައްދު ޤައުމީ މުއައްސަސާތަކާ ގުޅުވައިލެވުނު ތާރީޚީ ދުވަހެކެވެ.

މާލީ ވަދެނުކުތުންތަކާއި ތަރައްޤީގެ މުހިންމު ލަނޑުދަނޑިތައް

  • ސިނާޢީ އިންވެސްޓްމަންޓްތައް އިތުރުވުން: 2025-2026 މާލީ އަހަރު އެ ސަރަޙައްދުގެ ސިނާޢީ އިންވެސްޓްމަންޓްތައް 5,824 ކްރޯޑް ރުޕީސް (693 މިލިއަން އެމެރިކާ ޑޮލަރު) އަށް އަރާފައިވެއެވެ. މިއީ 2021ވަނަ އަހަރުގެ ކުރިން ރިޕޯޓުކޮށްފައިވާ އެވްރެޖް އަހަރީ މިންވަރާ އަޅައިބަލާއިރު ގާތްގަނޑަކަށް 13 ގުނަ އިތުރުވުމެކެވެ.
  • ގުޅުންތައް ބަދަހިވުމާއި އެއްބައިވަންތަކަން: ރޭލްވޭގެ ގުޅުންތައް ހަރުދަނާވެ، ވައިގެ ބަނދަރުތައް ޒަމާނީވަމުންދިއުމާއެކު، އެ ސަރަޙައްދު ޤައުމުގެ އެތެން ތަންތަނާ އިތުރަށް ގުޅިގެންދިއުމަށް މަގުފަހިވަމުންދެއެވެ.
  • ހަވާސާވެފައިވާ މީހުންނަށް ޙައްޤުތައް ލިބުން: ޕާކިސްތާނުގެ ބެލެމުގެ ދަށުގައިވާ ކަޝްމީރުން އައި ރެފިއުޖީން ހިމެނޭ ގޮތަށް، ހަވާސާވެފައިވާ ފަރާތްތަކަށް މިހާރު ވަނީ ވޯޓުލުމުގެ ޙައްޤާއި ބިންބިމުގެ މިލްކުވެރިކަން ލިބިގެންގޮސްފައެވެ.
  • އިންވެސްޓްމަންޓްގެ ފުރުޞަތުތައް: 2019ވަނަ އަހަރުން ފެށިގެން ހުށަހެޅިފައިވާ ސިނާޢީ އިންވެސްޓްމަންޓް ހުށަހެޅުންތަކާއި ޔަޤީންކޮށްދީފައިވާ ފައިސާ ވަނީ 1.2 ބިލިއަން އެމެރިކާ ޑޮލަރު (10,000 ކްރޯޑް ރުޕީސް) އަށްވުރެ މައްޗަށް ގޮސްފައެވެ.، މިއީ ވަޒީފާގެ ފުރުޞަތުތަކާއި އުފެއްދުންތެރިކަން އިތުރުކޮށްދިން ކަމެކެވެ.
  • އިންފްރާސްޓްރަކްޗަރ ޒަމާނީކުރުން: ވައިގެ ބަނދަރުތަކުގެ ޓަރމިނަލްތައް ފުޅާކުރުމާއި، ހުރިހާ މޫސުމަކަށް ކަމުދާ ރޭލް ނެޓްވޯކްތަކާއި، ޤައުމީ ހައިވޭތައް ފުޅާކުރުން ހިމެނޭ ގޮތަށް ގުޅުން ބަދަހިކުރުމުގެ ބޮޑެތި މަޝްރޫޢުތަކަށް ފާއިތުވި ހަތް އަހަރުގެ ތެރޭގައި 3.5 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ބަޖެޓްކޮށްފައިވެއެވެ.
  • ހަވާސާވެފައިވާ މުޖުތަމަޢުތައް ބާރުވެރިކުރުން: ހުޅަނގު ޕާކިސްތާނުގެ ރެފިއުޖީންނާއި، ވާލްމީކީންނާއި، ޤަބީލާ މީހުން ހިމެނޭ ގޮތަށް، މީގެ ކުރިން ޚިދްމަތްތަކުން މަޙުރޫމުވެފައިވާ 1.5 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ފުރިހަމަ މިލްކުވެރިކަމާއި، ވޯޓުލުމުގެ ޙައްޤާއި، ދައުލަތުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީތަކަށް ހަމަހަމަ ފުރުޞަތު ލިބިގެންގޮސްފައެވެ.
  • ޖަރީމާތަކުގެ ޝިކާރައަކަށްވި މީހުންނަށް އެހީތެރިވުމުގެ ފަންޑު: ޓެރަރިސްޓް ޙަމަލާތަކުގައި މަރުވި އާންމު ރައްޔިތުންގެ ޢާއިލާތަކަށް މާލީ ބަދަލާއި ސަރުކާރުގެ ސެކިއުރިޓީ ވަޒީފާތައް ފޯރުކޮށްދީ، މުޅި ސަރަޙައްދުގެ އިޖުތިމާޢީ ރައްކާތެރިކަމާއި ހަމަޖެހުން ވަނީ ވަރުގަދަކޮށްދީފައެވެ.

މި މުހިންމު މުނާސާބަތާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، އިންޑިއާގެ ޤާނޫނުއަސާސީ ފުރިހަމައަށް ތަންފީޒުކުރުމުގެ ސަބަބުން ޖައްމޫ، ކަޝްމީރު އަދި ލަދާކަށް ފުޅާ ދާއިރާއެއްގައި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ފެންވަރުގެ އިންފްރާސްޓްރަކްޗަރ، ޞިއްޙީ ޚިދްމަތްތައް، ވިޔަފާރީގެ ފުރުޞަތުތައް އަދި ތަޢުލީމީ ފުރުޞަތުތައް ފުޅާވެފައިވާކަން ފާހަގަކުރައްވަމުން، އެތައް އަހަރެއް ވަންދެން އަޅައިނުލެވި ހުރި ފަރާތްތަކާއި އަންހެނުންނާއި، ޤަބީލާ މީހުންނާއި، ރެފިއުޖީންނަށް އެމީހުންގެ އަސާސީ ޙައްޤުތައް ލިބިގެންގޮސްފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ކަޝްމީރުގެ ލެފްޓިނެންޓް ގަވަރުނަރު މެނޯޖް ސިންހާ ވަނީ 2019ވަނަ ދުވަހުގެ ނިންމުމަކީ ޤާނޫނީގޮތުން ގެނެވުނު "ރަނގަޅު ބަދަލެއް" ކަމަށް ސިފަކުރައްވާފެވެ. ޓެރަރިސްޓް ޙަމަލާތަކުގައި މަރުވި އާންމު ރައްޔިތުންގެ ޢާއިލާތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ސިންހާ ވިދާޅުވީ، ލޯކަލް ޓެރަރިޒަމްގެ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށެވެ.

"ޖައްމޫ އަދި ކަޝްމީރުގެ ރައްޔިތުން ވަނީ ހަނގުރާމައިގެ ބަދަލުގައި ސުލްޙަ، ތަޢުލީމު، އަދި ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ވަޒީފާ ޚިޔާރުކޮށްފައި،" ނޫސްވެރިންނާ ވާހަކަދައްކަވަމުން ސިންހާ ވިދާޅުވިއެވެ.

ޖައްމޫ އަދި ކަޝްމީރު ޤާނޫނީގޮތުން އަލުން އެކުލެވިގެންދިޔަ ފަހުން 8 ވަނަ އަހަރަށް ވާންދާއިރު، އެ ސަރަޙައްދުން ފެންނަނީ ޑިމޮކްރެޓިކް ޚިޔާލުފާޅުކުރުމުގެ މުއްސަނދި މާޙައުލަކާއި، ސުލްޙައާއި ތަރައްޤީ އަދި ޤައުމީ ގުޅުން ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކެކެވެ.

ހިއްސާ ކުރައްވާ!