ފާޚާނާތަށި މަތީ އިންނަ އިރު ހިތުގެ ވިންދު ބަލައި ދޭނެ!

ޖަރުމަނުވިލާތުގެ މެޑިކަލް ޓެކްނޮލޮޖީ ކުންފުންޏަކުން ވަނީ، ތަށި މަތީގައި އިންނަ ވަގުތު އެންމެ 30 ސިކުންތުގެ ތެރޭގައި ހިތުގެ ވިންދު ބަލައި، ވިންދު ޖެހުން ހުންނަގޮތް ދެނެގަނެވޭފަދަ ޒަމާނީ ފާޚާނާ ތަށްޓެއް ތައްޔާރުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން، 'ހާރވް އީ.ކޭ.ޖީ ސީޓް' ނަމަކަށް ކިޔާ މި ފާޚާނާ ތަށްޓަކީ ބަލާބެލުމަށް އާންމު ފާޚާނާ ތަށިތަކާ އެއްގޮތް އެއްޗެކެވެ. ނަމަވެސް، މި ތަށީގައި ޚާއްޞަ ސެންސަރުތަކެއް ހަރުކޮށްފައިވެއެވެ.

ތަށީގައި އިށީނދެ ތިބޭ ވަގުތު ހަށިގަނޑުން ކަރަންޓް ސިގުނަލްތައް ނަގައިދޭ މި ސެންސަރުތަކުން، 6 ލީޑްގެ މައްޗަށް އެކުލެވިގެންވާ އީސީޖީ ރެކޯޑްކޮށް، ބްލޫޓޫތު މެދުވެރިކޮށް މޮބައިލް ފޯނުގައި އޮންނަ އެޕަކަށް އޭގެ ނަތީޖާ ފޮނުވައިދެއެވެ.

އެހެން ކަމުން މި ތަށި ބޭނުން ކުރާ މީހުންނަށް ގައިގައި އެއްޗެއް ހިއްޕުމަކާ ނުލައި ސިއްހަތު މޮނީޓާ ކުރެވޭނެއެވެ.

މި ތަށި އުފެއްދި ކުންފުނިން ބުނާގޮތުގައި، ގާތގަނޑަކަށް 30 ސިކުންތުގެ ރެކޯޑިންއަކަށްފަހު މޮބައިލް އެޕުން ހިތުގެ ވިންދުތައް ދިރާސާކޮށް، ވިންދު ހުރި ގޮތްތައް ފާހަގަކޮށްދޭނެ އެވެ. ފުރަތަމަ މަރުހަލާގެ ދިރާސާތަކުން މި ސްމާޓް ފާޚާނާ ތަށިން ހޯދައިދޭ އީސީޖީ ނަތީޖާތަކާއި، އާންމުކޮށް ބޭނުންކުރާ 12 ލީޑްގެ އީސީޖީ ނަތީޖާއާ އެއްގޮތް ކަން ވަނީ ހާމަވެފައެވެ.

ސިއްޙަތ ާބެހޭ މާހިރުން ވަނީ މި ފަޚާނާ ތަށިން ލިއްބައިދޭ ނަތީޖާތަކަކީ އެންމެ ފަހުގެ ސިއްހީ ޓެސްޓެއް ކަމުގައި ނުބެލޭނެ ކަމަށް އިންޒާރުދީފައެވެ. މިކަމާ ގުޅޭ ދިރާސާތަކުގެ ފުރިހަމަ ނަތީޖާތައް އަދި މިނިވަން މެޑިކަލް ޖާނަލްއެއްގައި ޝާއިއުކޮށްފައި ނުވާތީ، އިތުރު ދިރާސާތައް ބޭނުންވާކަމަށް މާހިރުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!