1945 ވަނަ އަހަރު އެމެރިކާއިން ޖަޕާނާ ދެކޮޅަށް ދިން ހަނގުރާމައިގެ ޖަރީމާ ކަމަށްވާ އެޓޮމިކް ބޮމުގެ ހަމަލާއަށް 81 އަހަރު ފުރުން ޖަޕާނުގެ ނަގަސާކީން ފާހަގަކުރަމުންދާއިރު، ނިއުކްލިއާ ހަތިޔާރަކީ އިންސާނިއްޔަތާ ނުގުޅޭ "މުޅިން ނުބައި" އެއްޗެއްގެ ގޮތުގައި އެ ސިޓީގެ މޭޔަރު ޝީރޯ ސުޒުކީ އިންޒާރު ކުރައްވައިފިއެވެ. އަދި ޖަޕާނުގެ ސުލްހަވެރި އުސޫލުތަކާ މެދު އަލުން ބަހުސްތައް ފެށިފައިވާ ދަނޑިވަޅެއްގައި، ދުނިޔޭގެ ބާރުތަކުން ނިއުކްލިއާ ބިރުދެއްކުމުގެ ސިޔާސަތުތައް ދޫކޮށްލުމަށް އެނާ ގޮވާލެއްވިއެވެ.
ޖަޕާނުގެ ދެކުނު ހުޅަނގު ސިޓީއެއް ކަމަށްވާ ނަގަސާކީއަށް 1945 ގައި އެމެރިކާއިން ދިން އެޓޮމިކް ބޮމުގެ ހަމަލާއަށް 81 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޭޔަރު ޝީރޯ ސުޒުކީ ވަނީ ނިއުކްލިއާ ހަތިޔާރުގެ ސިޔާސަތުތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.
ސުލްހައިގެ ބަޔާން
"ނިއުކްލިއާ ހަތިޔާރަކީ 'ކޮންމެހެން ބޭނުންތެރި ނުބަޔެއް' ނޫން. އެއީ 'މުޅިން ނުބައި' އެއްޗެއް. އަދި އިންސާނިއްޔަތާއެކު އެއަކަށް އެއްވެސް އިރަކު އެކީގައި ނުއުޅެވޭނެ،" ހަމަލާއިން ސަލާމަތްވި މީހުންނާއި މަސްއޫލުވެރިންގެ ކުރިމަތީގައި ސުލްހައިގެ ބަޔާން އިއްވަވަމުން ސުޒުކީ ވިދާޅުވިއެވެ.
މީގެ 81 އަހަރު ކުރިން ޖަޕާނަށް ދިން ހަމަލާގެ ހަނދާން އައުކުރުމުގެ ވަގުތުގައި ގަޑިން ހެނދުނު 11:02 ގައި ހިމޭންކަމުގެ ސުކޫތެއް ގެނައެވެ.
މިއީ 9 އޯގަސްޓް 1945 ގައި "ފެޓް މޭން" ގެ ނަން ދީފައިވާ އެޓޮމިކް ބޮން ނަގާސާކީ ސިޓީއަށް އެމެރިކާއިން ވައްޓާލި ވަގުތެވެ. ބޮޑުވަޒީރު ސަނާއޭ ތަކާއިޗީވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ޖަޕާނުގެ ފަސްގަނޑުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި، ގެންގުޅުމާއި، ނުވަތަ އެތެރެކުރުމަށް ހުއްދަ ނުދިނުމުގެ ތިން އުސޫލަށް ޓޯކިޔޯއިން ހުރުމަތްތެރިކޮށް ހިތާނެކަން އަލުން ކަށަވަރުކޮށްދެއްވިއެވެ.
ދުނިޔޭގެ ސެކިއުރިޓީ ކަންބޮޑުވުންތައް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 12,000 އަށްވުރެ ގިނަ ނިއުކްލިއާ ވޯހެޑް އަދިވެސް ގާއިމުކޮށްފައިވާކަން ފާހަގަކުރައްވައި، ސުޒުކީ ވަނީ ނިއުކްލިއާ ބާރުތަކަށާއި ބިރުދެއްކުމުގެ އުސޫލުތަކަށް ބަރޯސާވާ ގައުމުތަކަށް ވަރުގަދަ އިންޒާރުތަކެއް ދެއްވާފައެވެ. އަދި އެނާ ވިދާޅުވީ އެޓޮމިކް ހަނގުރާމައެއްގެ ނުރައްކާ ކުޑަވުމުގެ ބަދަލުގައި ދަނީ އިތުރުވަމުން ކަމަށެވެ.
"އެޓޮމިކް ބޮމުގެ ހަމަލާތަކުގެ ހަގީގަތް މުޅި ދުނިޔެއަށް ރަނގަޅަށް ދެނެގަތުމުގެ މުހިންމުކަން އަންނަނީ އިތުރަށް ބޮޑުވަމުން،" ބޮޑުވަޒީރު ތަކާއިޗީ އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އަދި ތާރީޚީ ހަނދާންތަކުން މިއަދުގެ ހަތިޔާރު އުވާލުމުގެ މަސައްކަތްތަކަށް ބާރުލިބެންޖެހޭނެކަން އެނާ ފާހަގަކުރެއްވިއެވެ.
ޖަޕާނުގެ ނިއުކްލިއާ ސިޔާސަތު
މި އަހަރީ ހަނދާނީ ރަސްމިއްޔާތު މި އައީ، ޖަޕާނުގެ ގާނޫނުގައިވާ ސުލްހަވެރި އުސޫލުތަކާމެދު އަލުން ވިސްނުމަށް ޖަޕާނުގެ ވެރިންނަށް ކުރިމަތިވަމުންދާ ގޮވާލުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ޑިފެންސް މިނިސްޓަރު ޝިންޖީރޯ ކޮއިޒުމީ ނިމުނު މަހު ނިއުކްލިއާ ހަތިޔާރާމެދު ޓޯކިޔޯއިން ފުޅާ ދާއިރާއެއްގައި ބަހުސްކުރަންޖެހޭ ކަމަށް ވިދާޅުވުމުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.
6 އޯގަސްޓް 1945 ގައި ހީރޯޝީމާއަށް ދިން ބޮމުގެ ހަމަލާގައި އެ އަހަރު ނިމުނުއިރު 140,000 މީހުން މަރުވިއެވެ. އަދި ތިން ދުވަސް ފަހުން ނަގަސާކީއަށް ދިން ހަމަލާގައި އެކަނިވެސް 74,000 އެއްހާ މީހުން މަރުވިއެވެ. މީގެ ސަބަބުން 15 އޯގަސްޓް 1945 ގައި ޖަޕާނުން އަމާންދީ، ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކަށް އައެވެ.







