ބައްޝާރުލް އަސަދަށް މަރުގެ ޙުކުމް އިއްވައިފި

ސޫރިޔާގެ ދިމަޝްޤުގެ ޖިނާއީ ކޯޓުން ވަނީ މަޤާމުން ދުރުކޮށްފައިވާ ރައީސް ބައްޝާރު އަލްއަސަދާއި، އޭނާގެ ކޮއްކޮ އަދި ފޯތު ދިވިޜަންގެ ކޮމާންޑަރު މާހިރު އަލްއަސަދުގެ އިތުރުން ދަރްޢާގެ ސިޔާސީ ސެކިއުރިޓީ ޔުނިޓުގެ ކުރީގެ ވެރިޔާ ޢާޠިފް ނަޖީބުގެ މައްޗަށް ޤަޞްދުގައި މީހުން މެރުމާއި އަނިޔާކުރުމުގެ ކުށް ސާބިތުވެގެން މަރުގެ ހުކުމް އިއްވާފައެވެ.

މި ހުކުމް އިއްވާފައިވަނީ ޤަޞްދުގައި މީހުން މެރުމާއި އަނިޔާކުރުމުގެ ކުށް ސާބިތުވުމުންނެވެ. ކޯޓުން މިމީހުންގެ ޢަމަލުތައް ސިފަކޮށްފައިވަނީ އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާތަކެއްގެ ގޮތުގައާއި ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައެވެ.

  • ބައްޝާރު އަލްއަސަދު:
    އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ޣައިރު ޙާޟިރުގައެވެ. އޭނާގެ މައްޗަށް އެކަކަށްވުރެ ގިނަ މީހުން ޤަޞްދުގައި މެރުމާއި، 15 އަހަރުން ދަށުގެ ކުޑަކުދިން މެރުމާއި، އަނިޔާކޮށްގެން މީހުން މެރުމާއި، މީހުން މެރުމަށް ހިތްވަރުދިނުމުގެ ކުށް ސާބިތުވާކަމަށް ކޯޓުން ނިންމާފައިވެއެވެ
  • މާހިރު އަލްއަސަދު: އޭނާގެ މައްޗަށްވެސް ޣައިރު ޙާޟިރުގައި މަރުގެ ހުކުމް އިއްވާފައިވެއެވެ.
  • ޢާޠިފް ނަޖީބު: އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ޙާޟިރުގައެވެ.
    މަރުގެ ހުކުމުގެ އިތުރުން އަހުލީ ހަނގުރާމައާއި މަޒުހަބީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރެމުން އުމުރު ދުވަހުގެ ޖަލު ހުކުމަކާއި، ދައުލަތުގެ ފައިސާއިން ވައްކަންކުރުމުން 5 އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގގެ ކުށުގައި 6 އަހަރުގެ ޖަލު ހުކުމަކާއި އެއް މިލިއަން ލީރާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ.

މިއީ ސޫރިޔާގެ ކޯޓަކުން ކުރީގެ ރައީސެއްގެ މައްޗަށް އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ ކުށް ސާބިތުކޮށް މަރުގެ ހުކުމް އިއްވި ފުރަތަމަ ފަހަރެވެ.

މި ޙުކުމާ ގުޅިގެން ކޯޓުން ވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ ދަށުން އެމީހުން ހޯދުމަށް އަމުރު ނެރެ، މުދާތައް ހިފެހެއްޓުމަށްވެސް ނިންމާފައެވެ.

ހިއްސާ ކުރައްވާ!