އިސްލާމޯފޯބިކް ހަމަލާއަކުން އަންހެނަކު ސަލާމަތްކުރަން އުޅުނު ބެލްޖިއަމްގެ މީހަކު މަރުވެއްޖެ

ބްރަސެލްސްގެ ޓްރާމެއްގެ ތެރޭގައި އަންހެނަކަށް އަމާޒުކޮށް ދިން ނަސްލީ އަދި އިސްލާމޯފޯބިކް ހަމަލާތަކަކުން އަންހެނަކު ސަލާމަތްކުރަން މަސައްކަތްކުރި ބެލްޖިއަމްގެ ފިހާރައެއްގެ ވެރިއަކަށް ދިން އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ. މުޅި ބެލްޖިއަމްގެ ސަމާލުކަން ހުއްޓިފައިވާ މި ހާދިސާއާ ގުޅިގެން ބެލްޖިއަމްގައި ވަނީ ބޮޑު ނުރުހުމެއް އުފެދިފައެވެ.

ބެލްޖިއަމްގެ މީޑިއާ އާރްޓީބީއެފް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝާބީކް ސަރަހައްދުގައި ސުޕާމާކެޓެއް ހިންގަމުންދިޔަ ދުރީސް އަތުވާން މި މައްސަލައިގެ ތެރެއަށް ވަނީ، ފިރިހެނަކު އަންހެނަކަށް އަމާޒުކޮށް ނަސްލީ އަދި އިސްލާމްދީނާ ދެކޮޅު ބަސްތަކުން ފުރައްސާރަކުރަން ފެށުމުންނެވެ.

އެއާއެކު، ތުހުމަތުކުރެވޭ މީހާ ވަނީ އަތުވާންއަށް އަމާޒުކޮށް، އަނިޔާވެރި ގޮތަކަށް ތަކުރާރުކޮށް ހަމަލާދީފައެވެ. ސީރިއަސް އަނިޔާތަކަކާއެކު ހޮސްޕިޓަލަށް ގެންދެވުނު އަތުވާން މަރުވީ އެ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އާދީއްތަ ދުވަހުއެވެ.

ބްރަސެލްސްގެ ޕްރޮސެކިއުޓަރުގެ އޮފީހުން ބުނީ، ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން އަވަހަށް ގޮސް، ހަމަލާދިންތާ މާގިނައިރުތަކެއް ނުވަނީސް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުސް ތަރުޖަމާނު އޮރެލީ-އޭން ޑި ވޮސް ވިދާޅުވީ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުގެ އަމުރެއް ނެރެ، އޭނާގެ ނަފްސާނީ ހާލަތު ވަޒަންކުރުމަށް ސައިކިއޭޓްރިކް އެކްސްޕާޓަކު މިޙާރު ހަމަޖައްސާފައިވާ ކަމަށެވެ.

އަތުވާން އަކީ އޭނާ ސުޕާމާކެޓް ހިންގި ސަރަހައްދުގެ އާންމުންގެ މެދުގައި މަގުބޫލު އަދި އާންމުން ދަންނަ މީހެކެވެ. ޝާބީކްގެ އިންތިޚާބީ މޭޔަރު ހަސަން ކޮޔުންޖޫ ވަނީ އަތުވާން މަރުވުމުން ހިތާމަކުރައްވާފައެވެ. އަދި އަތުވާންގެ ހިތްވަރުގަދަކަން ހަނދާން ނައްތާނުލެވޭނެ ކަމަށާއި އިންސާފު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ވަނީ ނުދަންނަ އަންހެނަކު ހިމާޔަތްކުރަން އުޅުމުގެ ތެރޭގައި ފުރާނަ ގެއްލުނު އަތުވާންއަކީ "ބަޠަލެއް" ގެ ގޮތުގައި ސިފަކޮށް އޭނާއަށް ތައުރީފުކޮށްފައެވެ.

ހިއްސާ ކުރައްވާ!