ރޭގަނޑު މަޖީދީމަގުގައި މުޒާހަރާކުރަން ހުއްދަ ނުދޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ އެވެ.
މާލޭގެ އެންމެ ބާރުބޮޑު މަޖީދީމަގުގައި ރޭގަނޑުގެ ވަގުތުތަކުގައި ސިޔާސީ މުޒާހަރާތައް ބޭއްވުމުގެ ހުއްދަ ސަރުކާރުން ނުދޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިހުސާން މިއަދު އިޢުލާނު ކުރައްވައިފިއެވެ.
އިދިކޮޅު އެމްޑީޕީން "ދަތިވެއްޖެ"ގެ ނަމުގައި ބާއްވާ މުޒާހަރާ ރަސްފަންނު ސަރަޙައްދުން ފަށައިގެން މަޖީދީމަގުން ގޮސް އާޓިފިޝަލް ބީޗަށް ނިންމާލުމަށް ރާވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، މަޖީދީމަގުގައި ސިޔާސީ ހަރަކާތެއް ހިންގުމަށް ހުއްދައަށް އެދުމުން އެކަމަށް ހުއްދަ ދިނުމުގައި އެ ހަރަކާތެއް ރާވާފައިވާ ދުވަހާއި ވަގުތަށް ފުލުހުން ބަލާ ކަމަށެވެ. މަޖީދީމަގު ބަންދުކުރުމުން މާލޭގެ އެހެން ސަރަޙައްދުތަކުގެ ދަތުރުފަތުރަށް ބާރުބޮޑުނުވާފަދަ ވަގުތުތަކުގައި އެފަދަ ހަރަކާތްތަކަށް ހުއްދަ ދޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، އެމްޑީޕީން މުޒާހަރާކުރަން އެދިފައިވާ ރޭގަނޑުގެ ވަގުތަކީ މަޖީދީމަގުގައި އާންމުކޮށް ކާރުބާރު އެންމެ ބޮޑުވާ ވަގުތަށްވާތީ، އެ ވަގުތު އެ މަގުގައި މުޒާހަރާކުރަން ހުއްދަ ދެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު އެމްޑީޕީން އެދިފައިވާ ވަގުތަކީ ރޭގަނޑުގެ ވަގުތަކަށްވާތީ، އެއީ އަޅުގަނޑުމެންނަށް އާންމު ގޮތެއްގައި ކާރޫބާރޫ ވަރަށް ބޮޑުކޮށް އޮންނަ ވަގުތެއް. އެހެންވެ އެ ގަޑީގައި އެތަނުގައި މުޒާހަރާކުރަން ހުއްދަ ނުދެވެނީ،" އިހުސާން ވިދާޅުވިއެވެ.
އެމްޑީޕީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކުރީގެ ނައިބުރައީސް މުޙައްމަދު ޝިފާޒް ވަނީ މިހާރު އޮތް ސަރުކާރު ބަދަލުކުރުމުގެ ހާލަތު ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަކޮށް، މަގުމައްޗަށް ނުކުންނަ ދުވަހަކީ 13 ވަނަ ދުވަސް ކަމަށްވެސް އޭނާ ވަނީ އިޢުލާނު ކުރައްވާފައެވެ.







