ދައުލަތުގެ މާލީ އިލްތިޒާމްތައް އަދާކުރުމުގައި ސަރުކާރުން އިސްކަންދެމުންދާ މިންވަރު ހާމަވަނީ، ބޭރުގެ މާލީ އިދާރާތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ކޮށްފައިވާ ބޮޑެތި ހަރަދުތަކުންނެވެ. މިއަހަރުގެ އޯގަސްޓް 06 ގެ ނިޔަލަށް ދައުލަތުން ލޯނު ދެއްކުމަށް ކުރި ޚަރަދު ވަނީ 9.6 ބިލިއަން ރުފިޔާއަށް އަރައި، ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ.
ފައިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މިއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދަރަނި އަދާކުރުމަށް ހަރަދުކުރި 3.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 146.0 އިންސައްތައިގެ އިތުރުވުމެކެވެ.
2026 ވަނަ އަހަރަށް ދަރަނި އަދާކުރުމަށް ބަޖެޓުގައި 12.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއީ ދައުލަތުގެ ބަޖެޓަށް އޮތް އެންމެ ބޮޑު އެއް މާލީ ގޮންޖެހުމެވެ.
ފިސްކަލް ބެލެންސް އަދި ޑެފިސިޓް ދަރަނި އަދާކުރުމުގެ ޚަރަދުތަކާއި ދައުލަތުގެ ހިންގުމުގެ ޚަރަދުތައް މައްޗަށް ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސް ވަނީ 792.8 މިލިއަން ރުފިޔާއިން ޑެފިސިޓްވެފައެވެ. ނަމަވެސް، މާލީ އިގްތިސާދީ ނަޒަރިއްޔާތަކުން ބަލާއިރު އުންމީދީ ސިގްނަލެއް ލިބެނީ ޕްރައިމަރީ ބެލެންސް އިންނެވެ.
ދަރަނި އަދާކުރުމުގެ ޚަރަދުތައް އުނިކުރުމަށްފަހު ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ފަރަގު ދައްކުވައިދޭ ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ. މީއިން ރަމްޒުކޮށްދެނީ، ދަރަނީގެ އިންޓްރެސްޓާއި ފައިސާ ދެއްކުން ފިޔަވައި ދައުލަތުގެ ދާޚިލީ ހިންގުން ސަރޕްލަސް ހާލަތެއްގައި އޮތް ކަމެވެ.







