އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ޓްރަމްޕާ ދެކޮޅަށް ޝަރުޢީ ހަނގުރާމައެއް 

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) އާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހިންގަމުން ގެންދާ ފުޅާ ދާއިރާއެއްގެ ކެމްޕޭނަކީ، ހަމައެކަނި ދުނިޔޭގެ ޢަދުލު އިންސާފުގެ ނިޒާމަށް ދެވޭ ހަމަލާއެއް ނޫނެވެ؛ އެއީ އެމެރިކާގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޤާނޫނީ ޙައްޤުތަކުގެ މައްޗަށް އެޅުނު ހުރަހެއް ކަމަށް ބުނެ، ދުނިޔޭގެ ނުފޫޒުގަދަ ހަތަރު ޖަމިއްޔާއަކުން ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް އާ ޝަރުޢީ ދައުވާއެއް އުފުލައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ހުށަހެޅި މި ދައުވާއަކީ، އައި.ސީ.ސީގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ޓްރަމްޕްގެ ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ.

ޤާނޫނީ ހަނގުރާމައިގެ ފެށުން

މި ދައުވާގައި ބައިވެރިވެފައިވާ ޖަމިއްޔާތަކުގެ ތެރޭގައި ހިއުމަން ރައިޓްސް ވޮޗް، ސެންޓަރ ފޯ ކޮންސްޓިޓިއުޝަނަލް ރައިޓްސް، އެމެރިކަން ފްރެންޑްސް ސަރވިސް ކޮމިޓީ، އަދި އޯޕަން ސޮސައިޓީ އިންސްޓިޓިއުޓް ހިމެނެއެވެ. މި ޖަމިއްޔާތަކުން ތުހުމަތުކުރާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން އައި.ސީ.ސީއާ ގުޅުން ހުރި ފަރާތްތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ، ޙަޤީޤީ އެއްވެސް ބިންގަލެއް ނެތް "ޤައުމީ ކުއްލި ނުރައްކަލުގެ" ނަމުގައި ހިންގާ ޣައިރު ޤާނޫނީ އަމަލެކެވެ.

"އެމެރިކާ ސަރުކާރުގެ މި މަސައްކަތަކީ އައި.ސީ.ސީ ފުނޑުފުނޑުކޮށް، ހަނގުރާމައިގެ ޖަރީމާތަކަށް ޢަދުލު އިންސާފު ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް އަދަބު ދިނުމެވެ. މިއީ ހަމައެކަނި އެ ޖަމިއްޔާތަކަށް ދެވޭ ގެއްލުމެއް ނޫނެވެ. މިއީ ހަނގުރާމައިގެ ޝިކާރައަކަށްވި ހުރިހާ ފަރާތްތަކެއްގެ ޙައްޤުތަކަށް އަރައިގަތުމެކެވެ،" އެމެރިކަން ފްރެންޑްސް ސަރވިސް ކޮމިޓީގެ ސެކްރެޓަރީ-ޖެނެރަލް ޖޮއިސް އަޖްލޫނީ ވިދާޅުވިއެވެ.

ޓްރަމްޕްގެ 'އެގްޒެކެޓިވް އޯޑަރ' ގެ ނުރައްކާ

2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޓްރަމްޕް ނެރުއްވި އެގްޒެކެޓިވް އޯޑަރަކީ އައި.ސީ.ސީއާ ދެކޮޅަށް އެޅި ފުރަތަމަ ފިޔަވަޅެވެ. މި އަމުރުގެ ދަށުން، އެ ކޯޓުގެ ޕްރޮސެކިއުޓަރުންނާއި ފަނޑިޔާރުންނާއި އަދި އެ ކޯޓުގެ ތަހުގީގުތަކަށް އެއްބާރުލުންދޭ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ކަނޑައަޅާފައެވެ.

މި ފިޔަވަޅުތަކުގެ މައިގަނޑު އަމާޒަކީ، ޣައްޒާގައި އިޒްރޭލުން ހިންގާފައިވާ ޖެނޮސައިޑް ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އައި.ސީ.ސީން ނެރުނު ހައްޔަރުކުރުމުގެ އަމުރެވެ. މީގެ އިތުރުން، އަފްޣާނިސްތާނުގައި އެމެރިކާއާއި ރައްޓެހި ގައުމުތަކުގެ ފައުޖުތަކުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ބެލުމަށް އެ ކޯޓުން ކުރަމުންދާ ތަހުގީގުތަކަކީ ވެސް ޖެނޮސައިޑަށް ވާގިވެރިވާ އެމެރިކާގެ ރުޅިވެރިކަމަށް ހުށަހެޅުނު ސަބަބެކެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެމެރިކާގެ ސްޓޭންޑް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ މިދިޔަ މަހު ވަނީ އައި.ސީ.ސީ "ނުކުޅެދޭ" ހާލަތަކަށް ގެނައުމަށް ފިއްތުންތައް އިތުރުކުރާނެ ކަމަށް ބޮޑު ބަސް ބުނެފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، އައި.ސީ.ސީން މަސައްކަތްކުރަނީ ބައިނަލްއަޤްވާމީ ޤާނޫނުގެ ނަމުގައި އެމެރިކާއާ ދެކޮޅަށް ހަނގުރާމައެއް ކުރުމަށެވެ.

ނަމަވެސް، ޤާނޫނީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، އެމެރިކާއަކީ އައި.ސީ.ސީ އުފެދުނު 'ރޯމް ސްޓެޗިއުޓް' ގައި ސޮއިކޮށްފައިވާ ޤައުމަކަށް ނުވާއިރު، އެ ކޯޓުގެ ދަޢުވާތައް އެމެރިކާގެ ރައްޔިތުންނަށް އަމާޒުވުމުގެ ފުރުސަތު ކުޑައެވެ. އަދި މިހާތަނަށް އެމެރިކާގެ އެއްވެސް ރައްޔިތަކާ ދެކޮޅަށް އެ ކޯޓުން ޝަރީޢަތް ހިންގާފައެއް ނުވެއެވެ.

މި އާ ދައުވާއަކީ، ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ދާއިރާގައި އެމެރިކާ އަދާކުރަމުން އައި އިސްދައުރު ދޫކޮށްލުމުގެ ނަތީޖާ ކަމަށް، މި މައްސަލާގައި ހިމެނޭ ފަރާތްތަކުން ދެކެއެވެ. ޤާނޫނީ މި ހަނގުރާމައިގެ ނަތީޖާއަކީ ކޮބައިކަން އަދި ނޭނގުނު ނަމަވެސް، މިއީ ބައިނަލްއަޤްވާމީ ޢަދުލުގެ ނިޒާމާއި އެމެރިކާގެ ޚާރިޖީ ސިޔާސަތާ ދެމެދު އުފެދިފައިވާ ފުން ކޯޅުމުގެ އެންމެ ފުރަތަމަ ހަރުފަތެވެ.

ހިއްސާ ކުރައްވާ!