ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުގެ ޤާބިލުކަން އިތުރުކޮށް، މުއައްސަސީ ހިންގުން ހަރުދަނާކުރުމުގެ މަޤުޞަދުގައި ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމުކުރާ "ބީއެމްއެލް އިސްލާމިކް މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026″ މިރޭ މާލޭގައި ފެށުމަށް ނިންމައިފިއެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި މަހާސިންތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ސާޅީހަށްވުރެ ގިނަ ޖަމްޢިއްޔާއިން ބައިވެރިވަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
"ގުޅިގެން އޯގާތެރި މުޖުތަމަޢަކަށް" މި ޝިޢާރުގެ ދަށުން މާލޭ ސިޓީގެ ދާރުލްއާސާރު ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ލީޑަރޝިޕާއި، މާކެޓިންގއާއި، އައިޓީގެ އިތުރުން އޭއައި އަދި ޝަރުޢީ ދާއިރާތަކާ ގުޅުންހުރި މުހިންމު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަހާސިންތާގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ނިސްބަތްވާ ޖަމްޢިއްޔާތަކާއި، އަންހެނުންނަށް ޚާއްޞަ ޖަމްޢިއްޔާތަކާއި، ކުޅިވަރު ކުލަބުތައް ހިމެނޭހެން ތަފާތު ދާއިރާތަކުން ޖަމްޢިއްޔާތައް ބައިވެރިވަމުންދެއެވެ.
މި މަހާސިންތާއާ ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް ވިދާޅުވީ، މި މަހާސިންތާގެ ސަބަބުން ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އެއް ޖަމްޢިއްޔާ އަނެއް ޖަމްޢިއްޔާގެ ކިބައިން ތަޖުރިބާއާއި ފަންނީ ޤާބިލުކަން ލިބިގަތުމަށް ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މުއައްސަސީކޮށް ކުރާ މަސައްކަތްތައް އިންތިޒާމުކުރުމުގައި ޖަމްޢިއްޔާތަކުގެ ހަކަތަ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ މަގުތައް ހޯދޭނެ ކަމަށް ފާހަގަކުރެއްވިއެވެ.
މަދަނީ ޖަމްޢިއްޔާތަކުގެ މި މަހާސިންތާ ބާއްވާ މިއީ ދެވަނަ އަހަރެވެ. އެންމެ ފުރަތަމަ މި މަހާސިންތާ ބާއްވާފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު އއ. މަތިވެރީގައެވެ. ފުރަތަމަ މަހާސިންތާގެ ތެރެއިން ޖަމްޢިއްޔާތަކުގެ މެދުގައި ވެވުނު އެއްބަސްވުންތަކުގެ ދަށުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ގިނަ ޙަރަކާތްތަކެއް ކާމިޔާބުކަމާއެކު ހިންގިފައިވާކަން ފާހަގަކޮށްލެވެއެވެ.
މި އަހަރުގެ މަހާސިންތާގެ ޓައިޓަލް ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކް ކަމަށްވާއިރު، މެއިން ސްޕޮންސަރަކީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އެވެ. އަދި މި މަހާސިންތާގެ އޮފިޝަލް މީޑީއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދާރިސް ޓީވީ އެވެ. މި ދެ ދުވަހުގެ މަހާސިންތާ ނިމިގެންދާއިރު، ރާއްޖޭގެ މަދަނީ ދާއިރާގެ ކުރިމަގަށް މުހިންމު ނިންމުންތަކެއް ނިންމޭނެ ކަމަށް އިންތިޒާމުކުރި ފަރާތްތަކުން އުންމީދުކުރެއެވެ.






