އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހިންގަމުންދާ ހިޖުރަވެރިންނާ ދެކޮޅުވެރި ސިޔާސަތުގެ ތެރެއިން، އެ ޤައުމުގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް އިން މީހުން ހައްޔަރުކުރުމަށް ނިކުންނައިރު އޮފިސަރުން ބޭނުން ކުރުމަށް ކަރަންޓު ޖައްސާ އަންގި ގަތުމަށް ނިންމައިފިއެވެ. މި ނިންމުމާއެކު، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި މަދަނީ ޖަމުޢިއްޔާތަކުން ވަނީ މިކަމާ މެދު ނުތަނަވަސްކަން ފާޅުކޮށް، މިއީ ރައްޔިތުންނަށް ލިބޭ އަނިޔާއެއް ކަމަށް ބުނެ ހަރުކަށި އިބާރާތުން ފާޑުކިޔާފައެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ރަސްމީ ވެބްއިޓުގައި ޝާއިޢުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ވިހި މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ފައިސާ ޚަރަދުކޮށްގެން ދަށް ވޯޅްޓޭޖެއްގެ ކަރަންޓު އުފައްދާ އަންގިތައް ހޯދުމަށް ވަނީ ރާވާފައެވެ. މި އަންގިތަކަކީ މީހުންގެ ހަރަކާތްތައް ހުއްޓުވައި، ދެކޮޅު ހެދުމުގެ ޤާބިލުކަން ނެތިކޮށްލުމަށް ބޭނުންކުރާނެ ވަސީލަތެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެއެވެ. އަދި މިއީ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ބޭނުންކުރާނެ އާ ހަތިޔާރެއް ކަމަށް އެ ވުޒާރާއިން ސިފަކުރެއެވެ.
ނަމަވެސް، އެމެރިކާގެ ސިވިލް ލިބަޓީސް ޔޫނިއަން އޭސިއެލް އިން ބުނެފައިވާ ގޮތުގައި، އިމިގްރޭޝަން މުވައްޒަފުންނަށް ފަސޭހައިން ފޮރުވައިގެން ގެންގުޅެވޭ ގޮތަށް މީހުންނަށް ބޮޑެތި ވޭންތައް ލިބޭ ފަދަ ވަސީލަތްތައް ދިނުމަކީ ޒިންމާދާރުކަން ކުޑަ، އަދި ޢާންމު ރައްޔިތުންނަށް އިތުރު އަނިޔާ ލިބިގެންދާނެ ކަމެކެވެ. މިކަމާ ގުޅިގެން ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، ސިފައިންނާއި އޮފިސަރުންނަށް ކަމާބެހޭ ޚާއްޞަ ތަމްރީނުތައް ދެމުންދާ ކަމަށާއި، ބޭނުންކުރާ ހުރިހާ ވަސީލަތްތަކަކީވެސް ޤާނޫނީ މިންގަނޑުތަކުގެ ތެރޭގައި ފާސްކުރެވިފައިވާ ތަކެތި ކަމަށެވެ.
ޓްމްޕްގެ ވެރިކަން ފެށުނު ފަހުން، އިމިގްރޭޝަން ބަންދުގައި ތިބި 50 އަށް ވުރެ ގިނަ މީހުން ނިޔާވެފައިވާ ކަމަށް ކަމާބެހޭ ތަފާސްހިސާބުތަކުން ދައްކާއިރު، މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ނުރައްކާތެރި މާޙައުލެއް އުފެދެމުންދާކަމަށް އިންސާނީ ޙައްޤު ހިމާޔަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.







