އެމެރިކާގެ ސިފައިން ކަނޑަށް ފުންމާލައި އަމިއްލައަށް މަރުވާން ދިމާކުރަނީ

މެދުއިރުމަތީގައި ތިބޭ މުއްދަތު އިތުރުވުމުން ނަފްސާނީ ހާލަތު ގޯސްވެ އެމެރިކާގެ މަނަވަރު ތަކުގެ ފަޅުވެރިން މޫދަށް ފުންމާލަން މަސައްކަތްކުރަން ފަށައިފިއެވެ.

އެމެރިކާގެ ސިފައިންގެ ނަފްސާނީ މައްސަލަތައް ބޮޑުވެ، އެމެރިކާގެ އަސްކަރީ މަނަވަރު ޔޫއެސްއެސް އަބްރަހާމް ލިންކަންގެ ފަޅުވެރިން މޫދަށް ފުންމާލަން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އަދި އެ މަނަވަރުގައި ހާލަތު އިންތިހާއަށް ގޯސްވަމުންދާ ކަމަށް ސިފައިންގެ އާއިލާތަކުންނާއި އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުން އިންޒާރު ދެއްވައެވެ.

އެއާކްރާފްޓް ކެރިއަރުގައި ތިބި ގާތްގަނޑަކަށް 5،000 ފަޅުވެރިންނާއި މެރިންސް ވަނީ ކަނޑުމަތީގާއި 250 ދުވަސް ހޭދަކޮށްފައެވެ. ނޭވީ ޓައިމްސް އާއި ސްޓާސް އެންޑް ސްޓްރައިޕްސް އިން ސިފަކުރި ގޮތުގައި މިއީ އާދަކާދައާ ހިލާފު އުނދަގޫ ޒަމާނެކެވެ. މަނަވަރު އެނބުރި އަންނަން ކުރިން ތާވަލުކުރީ މެއި މަހުއެވެ. ނަމަވެސް އީރާނާއެކު ކުރާ ހަނގުރާމައާ ގުޅިގެން އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތައް ކުރިއަށްދާތީ މަނަވަރު ވަނީ އަނެއްކާވެސް އެ ސަރަހައްދުގައި ބާއްވާފައެވެ.

އިތުބާރު ގެއްލިފައިވާ ކަމަށް އާއިލާތަކުން ބުނުން

ގާޑިއަން އާއި ދަ ހިލް އިން ކޯޓުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، ފަޅުވެރިން މޫދަށް ފުންމާލަން އުޅުމާއި ސަންޖެހުމާ މެދު ވިސްނުމުގެ އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ. އަދި އެކަކު މޫދަށް ފުންމާލަން އުޅެނިކޮށް އެހެން ފަޅުވެރިއަކު ވަނީ އެކަން ހުއްޓުވާފައެވެ. މަނަވަރުގައި ތިބި މީހުން އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ފާޅު ކުރާާތީ އާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސެން ޑިއޭގޯގައި 200 އަށްވުރެ ގިނަ އާއިލާގެ މެންބަރުން ބައިވެރިވި ބައްދަލުވުމެއްގައި، އާއިލާތަކުން ވަނީ ނޭވީގެ އިސްވެރިންނާ ބައްދަލުކޮށް އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އަންހެނަކު މަސްއޫލުވެރިންނަށް ކިޔައިދިން ގޮތުގައި، އެ ދުވަހު އޭނާގެ ފިރިމީހާ ފޮނުވި މެސެޖެއްގައި "މާދަމާ ހޭނުލެވޭނެ ނަމައޭ" ބުނެފައިވެއެވެ.

އެހެން އާއިލާއެއްގެ މެންބަރަކު ބުނި ގޮތުގައި ނޭވީގެ އިސްވެރިން ވަނީ "އާއިލާތަކާއި ލީޑަރޝިޕާ ދެމެދު އޮތް އިތުބާރު ގެއްލުވާ ލާފައެވެ."

އެނަބެލް ލޯމާ ނޭވީ ޓައިމްސް އަށް ބުނި ގޮތުގައި، މަނަވަރުގައި ހުންނަންޖެހޭ މުއްދަތު އެކި ފަހަރު މަތިން އިތުރުކުރުމުން އޭނާގެ ފިރިމީހާ ވަނީ މޫދަށް ފުންމާލަން މަސައްކަތްކޮށްފައެވެ. "އޭނާ ހުރީ ބިރުން. އޭނާ ހީކުރަނީ އަބުރުވެރި ނޫން ގޮތަކަށް ވަޒީފާއިން ވަކިކުރާނެ ކަމަށް. އަދި ވަރުބަލިވެގެން ދިމާވި ކަމަކުން އޭނާގެ 13 އަހަރުގެ ކެރިއަރު ހަލާކުވީ،" އޭނާ ބުންޏެވެ.

މި މަނަވަރު ސެން ޑިއޭގޯއިން ފުރީ ނޮވެމްބަރު 21 ގައެވެ. ކުރިން ރޭވީ ޕެސިފިކް ސަރަހައްދަށް ދިއުމަށެވެ. ނަމަވެސް އީރާނާއެކު ހަނގުރާމަ ފެށުމުން މަނަވަރުގެ މިސްރާބު މެދުއިރުމައްޗަށް ބަދަލުކުރިއެވެ. މުޅި ދަތުރުގައި ފަޅުވެރިންނަށް އެއްގަމަށް ފޭބުމުގެ ފުރުސަތު ލިބުނީ އެންމެ ދެ ދުވަހުއެވެ. އެއީ ޑިސެމްބަރު މަހު ގުއާމްގައާއި ޖުލައި މަހު އޮމާންގައެވެ.

އާއިލާތަކުންނާއި ފަޅުވެރިން ވަނީ މަނަވަރުގެ ދިރިއުޅުމުގެ ހާލަތާ މެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ކާނާއާއި ފެން ތަދުމާވުމާއި، ފާޚާނާތަކާއި ލޯންޑްރީ ހަލާކުވުމާއި، ފަންގަސް ޖެހުމާއި، ހޫނުފެން ނުލިބި ދިގު މުއްދަތެއް ހޭދަވުން ހިމެނެއެވެ. ކޮންގްރެސް މެންބަރު މައިކް ލެވިން ދިރިއުޅުމުގެ ހާލަތު ސިފަކުރެއްވީ ފަންގަސް ޖެހިފައިވާ ފެންވަރާ ތަންތަނާއި، ހަލާކުވެފައިވާ ފާޚާނާތަކާއި، ހަފުތާތަކަކަށް ހުއްޓިފައިވާ ލޯންޑްރީއާއި، ހޫނުފެން ނުލިބޭ ދިގު މުއްދަތުތަކުގެ ޖަލުގެ ގޮތުގައެވެ. އަދި ކެއުމަށް ލިބެނީ އެންމެ ބައި ތަށި ހަނޑުލާއި ދެ ރޮށި ކަމަށް އޭނާ ވިދާޅުވިއެވެ.

ލެވިން ވަނީ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މަނަވަރުގެ ހާލަތާ މެދު ދެކެވަޑައިގަންނަވާ ގޮތަށް ފާޑުވިދާޅުވެފައެވެ. ހެގްސެތު ކުރިން ވަނީ މަނަވަރުގެ ހާލަތުގެ ރިޕޯޓުތަކަކީ "ދޮގު ޚަބަރު" ކަމަށް ބުނެފައެވެ.

އެމެރިކާ ނޭވީއިން ތުހުމަތުތައް ދޮގުކުރުން

ނަމަވެސް އެމެރިކާގެ ނޭވީއިން ވަނީ މަނަވަރުގައި އަމިއްލައަށް މަރުވާން އުޅުމުގެ ހާދިސާތައް އިތުރުވި ކަމަށް ބުނާ ބުނުން ދޮގުކޮށްފައެވެ.

ހިއްސާ ކުރައްވާ!