ޣައްޒާގައި އިޒްރޭލުގެ ޔަހޫދީ ޒަޔަނިސްޓުންގެ ޖެނޮސައިޑާ ދެކޮޅަށް ހަނގުރާމަކޮށް ޝަހީދުވި ޢުމުރުން 16 އަހަރުގެ ޝަހީދު ސުހައިބު ލުބާދުގެ ހަނދާން އައުވެއްޖެއެވެ. ޣައްޒާގައި ޖެނޮސައިޑް ހިންގަމުންދިޔަ ޔަހޫދީ ޒަޔަނިސްޓުންގެ އަސްކަރީ އުޅަނދަކަށް ސުހައިބު ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، ޢުމުރުން 16 އަހަރުގެ ފަލަސްޠީނުގެ ހަނގުރާމަވެރިޔާ ޝަހީދުވުމުގެ ހާދިސާއަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
މި މަންޒަރުތަކުން ދައްކުވައިދެނީ އޭނާ އެހެން ހަނގުރާމަވެރިންނާ އެކު ކުރިއަށް ގެންދިޔަ ކުއްލި ހަމަލާއެއްގެ ތެރެއިން، ޔަހޫދީ ޒަޔަނިސްޓުންގެ އުޅަނދަކާ ގާތްވެ، "ޔާސީން 105″ މަރުކާގެ ރޮކެޓަކުން ހަމަލާދިން ގޮތެވެ.
މި ހާދިސާ އައިސްފައި ވަނީ ޙަމާސް ޖަމާޢަތުގެ އަސްކަރީ ގޮފި ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސްއިން ޣައްޒާ ސިޓީގެ ޒައިތޫން ބްރިގޭޑްގެ މައިދާނީ ހަނގުރާމަވެރިއެއް ކަމަށްވާ އަނަސް ކާމިލް އަދި ދުރައިމްލީ ޝަހީދުވެފައިވާކަން އިޢުލާނުކުރުމާ ދިމާކޮށެވެ.
މިކަމާ ގުޅިގެން، ސުހައިބުގެ ބޮޑު ދައިތަ، ބުނެފައިވާ ގޮތުގައި، 2023 ނޮވެމްބަރު 19 ވަނަ ދުވަހު ޣައްޒާ ސީޓީގެ އިރުމަތީގައި އޮންނަ އަލްދަރަޖް އަވަށުގައި އާއިލީ ގެއަކަށް ޔަހޫދީ ޒަޔަނިސްޓުން ދިން ވައިގެ ހަމަލާއެއްގައި އޭނާގެ މަންމައާއި، ކޮއްކޮ ނާޞިރާގެ އިތުރުން މުޙައްމަދާއި ހާނީ އަދި އަނަސް ކިޔާ ތިން ބެއިން ވެސް ވަނީ ޝަހީދު ކޮށްލާފައެވެ.
އަދި އޭނާގެ ބޭބެއެއްގެ އަނބިމީހާ ވެސް ޝަހީދުވެފައިވާ ކަމަށާއި، ނަމަވެސް ބައްޕައާއި ތިން އަންހެން ކޮއްކޮ ސަލާމަތްވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޢާއިލާގެ އެންމެ ހަނގު މެންބަރު ކަމުގައިވާ ސުހައިބު، ޢާއިލާ މީހުން ގެއްލުމުގެ ހިތާމައަށްފަހު، މި ހަނގުރާމައިގެ ތެރޭގައި ޤައްސާމް ބްރިގޭޑްސްއާ ގުޅުނީ ކަމަށް އޭނާގެ ބޮޑު ދައިތަ ބުނެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ސުހައިބުގެ ހިތްވަރު ދައްކާ ވީޑިއޯ އާންމުވުމާއެކު، ޢުމުރުން ހަނގު މި ކުއްޖާގެ ހިތްވަރަށާއި އާއިލާއަށް ލިބުނު ގެއްލުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.
ޣައްޒާ އެކްޓިވިސްޓް އަޙްމަދު ޙަމްދާން ބުނެފައިވާ ގޮތުގައި، ޒަޔަނިސްޓުންގެ ބާރުގަދަ އުޅަނދަކާ ދެކޮޅަށް ސުހައިބު ނުކުތީ ހަނގުރާމައިގެ ހަޤީޤީ މައިދާނުގައެވެ. އަދި މި ފަދަ ހާދިސާތަކުން ދައްކުވައިދެނީ ހަނގުރާމައިގެ މާޙައުލެއްގައި ބޮޑުވެގެން އަންނަ ޒުވާން ޖީލުގެ ނަފްސާނީ އަދި ޖިސްމާނީ ގުރުބާނީ ކަމަށް އޭނާ ބުންޏެވެ.
ސުހައިބުގެ ވީޑިއޯއަކީ ޤައްސާމް ބްރިގޭޑްސްއިން 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރިއަށް ގެންދާ "ޠޫފާނުލް އަޤްޞާ" ހަނގުރާމައިގައި ޝަހީދުވި ކޮމާންޑަރުންނާއި ހަނގުރާމަވެރިންގެ ޤުރުބާނީގެ ހަނދާން އާކުރުމަށް ތައްޔާރުކޮށްފައިވާ "އަޤްމާރު ޠޫފާން" ޔޫފާނުގެ ތަރިންގެ ސިލްސިލާގެ ދަށުން ގެނެސްދީފައިވާ ވީޑިއޯއެކެވެ.







