ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާއި އޭނާގެ ލޯބިވެރިޔާ ސަބާ އާޒާދު ވަކިވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޚާބަރުތަކަށްފަހު، ދެމީހުން އަތުގުޅުވައިގެން ސިނަމާއަކުން ނުކުންނަނިކޮށް ފެނުމުން އެ އަޑުތަކަށް ނިމުމެއް އަތުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ރާޔާ ނަމަކަށް ކިޔާ ހާއްސަ ޑޭޓިން އެޕްލިކޭޝަނެއްގެ ސްކްރީންޝޮޓަކާ ގުޅިގެން ރިތިކް އާއި ސަބާގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެ ސްކްރީންޝޮޓްގައިވާ ޕްރޮފައިލްގައި ރިތިކްގެ ފޮޓޯއާއި، މުމްބާއީގެ އެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެއެވެ. ނަމަވެސް އެއީ ރިތިކްގެ އަސްލު ޕްރޮފައިލެއްކަން ނުވަތަ ނޫންކަން ކަށަވަރުވެފައެއް ނުވެއެވެ.
މިފަދަ އަޑުތަކެއް ފެތުރެމުންދަނިކޮށް، ހޮނިހިރު ދުވަހުގެ ރޭ މުމްބާއީގެ ޖުހޫގައި ހުންނަ ޕީވީއާރު ސިނަމާއިން ފިލްމެއް ބެލުމަށްފަހު ރިތިކް އާއި ސަބާ ނުކުތީ އަތުގުޅުވައިގެން ތިބެއެވެ. ދެމީހުންވެސް ތިބީ ކަޅު ކުލައިގެ ޓީޝާޓުގައި، އާދައިގެ ގޮތަކަށް ހެދުން އަޅައިގެންނެވެ.
2021 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މި ގުޅުން ރަސްމީކޮށް އާންމުކުރީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ 50 ވަނަ އުފަންދުވަހުގެ ހަފްލާގައެވެ. އޭގެ ފަހުން އެކި ހަފްލާތަކުންނާއި އާއިލީ ބައްދަލުވުންތަކުން ދެމީހުން އެކުގައި އަންނަނީ ފެންނަމުންނެވެ.
ރިތިކް ކުރިން ކައިވެނިކޮށްގެން އުޅުނު ސުޒާން ޚާން އާއެކު 2014 ގައި ވަރިވި ނަމަވެސް، އެ ދެމީހުންގެ މެދުގައި އަދިވެސް ގާތް ރަހުމަތްތެރިކަމެއް އޮވެއެވެ. ސަބާވެސް ގަވާއިދުން ރިތިކްގެ ކުރީގެ އަންހެނުންނާއި އާއިލާގެ ހަރަކާތްތަކުގައި ބައިވެރިވާކަން ފާހަގަކުރެވެއެވެ.
މީގެ ކުރިންވެސް މިފަދަ ތޯތޯ ވާހަކަތަކެއް ފެތުރުނު ނަމަވެސް، ރިތިކް އާއި ސަބާ އެއްވެސް އިރެއްގައި އެފަދަ ވާހަކަތަކަށް ރަސްމީކޮށް ރައްދުދީފައެއް ނުވެއެވެ. އިއްޔެ ދެމީހުން އެކުގައި އާންމުންގެ ތެރެއަށް ނުކުތުމުން، ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކަކީ ހަގީގަތެއް ނޫންކަން ވަނީ ސާބިތުވެފައެވެ.






