4 މަސް ދުވަސް ތެރޭ 22 މީހަކަށް މަރުގެ އަދަބު އިއްވުމުން ސުއާލު އުފައްދައިފި

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މުޒައްފަރުނަގަރުގެ ފަނޑިޔާރު ރަވީ ކުމާރު ދިވާކަރު، ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި 10 މައްސަލައެއްގައި 22 މީހަކަށް މަރުގެ އަދަބު އިއްވުމާ ގުޅިގެން، އިންޑިއާގެ ޝަރުއީ ނިޒާމުގައި އެންމެ ނާދިރު މައްސަލަތަކުގައި ހުކުމް ކުރާ އުސޫލު ބޭނުންކުރާ ގޮތާމެދު ބޮޑެތި ބަހުސްތަކެއް އުފެދިއްޖެއެވެ. ދިވާކަރަކީ 2022 ވަނަ އަހަރު ވާރާނަސީގެ ގަޔާންވާޕީ މިސްކިތުގެ ތެރޭގައި ފައްޅިއެއް ހުރިކަމަށް ބުނުމުން އެ ސަރަހައްދު ސަރވޭ ކުރުމަށް އަމުރުނެރުއްވައިގެން މުޅި އިންޑިއާގެ ސަމާލުކަން ހޯއްދެވި ގާޒީއެކެވެ.

އޭޕްރީލް މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް މި ގާޒީ އިއްވި މި ހުކުމްތަކުގެ ތެރޭގައި:

  • ގާނޫނީ ވަކީލަކު މަރާލުމުގެ މައްސަލައެއްގައި 3 މީހަކަށް މަރުގެ އަދަބު ދިނުމާއި،
  • އެއް އާއިލާއެއްގެ 4 މީހަކަށް މަރުގެ އަދަބު ދިނުން
  • ބަރެއިލީގައި ޚިދުމަތް ކުރެއްވި ދުވަސްވަރު އިއްވި 13 މަރުގެ ހުކުމް
  • އޭނާގެ މުޅި ފަނޑިޔާރުކަމުގައި މަރުގެ އަދަބު އިއްވި މީހުންގެ އަދަދު މިހާރު ވަނީ 35 އަށް އަރާފަ

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން މި ފަނޑިޔާރުގެ ހުކުމްތަކަކީ އަނިޔާލިބޭ އާއިލާތަކަށް އިންސާފު ލިބި، ޝަރުއީ ނިޒާމަށް އޮތް އިތުބާރު ބޮޑުވާ ކަމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ގާނޫނީ މާހިރުން ދަނީ މަރުގެ އަދަބު އިއްވުމުގައި އަވަސްއަރައިގަތުމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ގާޒީ މިސްކިތް ސާވޭ ކުރުމަށް އަމުރު ނެރުމުން ސަމާލުކަން ހޯދި ނަމަވެސް، އޭނާ މަރުގެ ނިޔާ އިއްވާފައިވާ ގިނަ މީހުންނަކީ މުސްލިމުން ނޫން މީހުންނެވެ. އިންޑިއާގެ އާބާދީގެ 14 އިންސައްތަ ކަމުގައިވާ މުސްލިމުންނަކީ އިންޑިއާގެ ޖަލުގެ އާބާދީގެ 20 އިންސައްތައެވެ.

ގާޒީ ދިވާކަރަކީ އޭނާގެ ނިންމެވުންތަކުގެ ސަބަބުން އެކި ފަހަރު މަތިން އިންޒާރުތައް ލިބި، ސެކިއުރިޓީ ވަރުގަދަކުރެވިފައިވާ ބޭފުޅެކެވެ.

ބަރެއިލީގައި ހުންނެވި ދުވަސްވަރު ހަރުކަށި ޗީފް މިނިސްޓަރު ޔޯގީއަށް ތައުރީފު ކުރެއްވުމުން ހައިކޯޓުން ވަނީ އޭނާއަށް ނަސޭހަތްތެރިވެފައެވެ.

އިންޑިއާގެ ގާނޫނު ބުނާ ގޮތުން ސެޝަންސް ކޯޓަކުން އިއްވާ ކޮންމެ މަރުގެ ހުކުމެއް ތަންފީޒު ކުރެވޭނީ ހައިކޯޓުން އެ ހުކުމެއް ކަށަވަރުކޮށްދިނުމުންނެވެ.

ހިއްސާ ކުރައްވާ!