އެމެރިކާގެ އެތެރެއިން ދޭ ޑްރޯން ހަމަލާތަކުން ދިފާއުވުމުގެ ގާބިލުކަން ނެތް ކަމަށް އިއުތިރާފުވެއްޖެ

އެމެރިކާގެ އެތެރޭގެ ސަރަހައްދުތަކުން ފޮނުވާލެވޭ، އަގުހެޔޮ އަދި އެކީގައި ދަތުރުކުރާ ޑްރޯން ފުޅަނދުގެ ނުރައްކާތެރި ހަމަލާތަކުން އެގައުމުގެ މައި ސަރަހައްދުތައް ދިފާއުކުރުމުގެ ފުރިހަމަ ގާބިލުކަމާއި ވަސީލަތްތައް މިވަގުތު އެމެރިކާގެ ސިފައިންގެ އަތުިގައި ނެތް ކަމަށް އެގައުމުގެ އަސްކަރީ އިސް ކޮމާންޑަރަކު އިއުތިރާފުވެވަޑައިގެންފިއެވެ.

އެމެރިކާގެ ނޯތުއެމެރިކަން އޭރޯސްޕޭސް ޑިފެންސް ކޮމާންޑް (ނޯރާޑް) އަދި ނޯތަން ކޮމާންޑް (ނޯތުކޮމް) ގެ ޑެޕިއުޓީ ކޮމާންޑަރު، ލެފްޓިނެންޓް ޖެނެރަލް ޖޯސެފް ޖަރާޑް އަލަބާމާގައި ބޭއްވުނު އަހަރީ "ސްޕޭސް އެންޑް މިސައިލް ޑިފެންސް ސިމްޕޯޒިއަމް" ގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމެރިކާގެ ފަސްގަނޑުގެ ތެރެއިން އުފަންވާ މިފަދަ ހަމަލާތައް ދެނެގަތުމަށް ބޭނުންވާ ސެންސަރުތަކާއި، އެ ހަމަލާތައް ނައްތާލުމަށް ބޭނުންވާ ފިޔަވަޅުތައް އަދިވެސް އެގައުމުގައި ގާއިމުކުރެވިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަތަކު އެފަދަ ހަމަލާތައް ދެނެގަންނާނެ ސެންސަރުތަކެއް ނެތް. އެފަދަ ޑްރޯން ގްރޫޕަކުން ހަމަލާދޭން އަންނަ ސަރަހައްދަކަށް ބަލައި، އެއީ ސެންސަރެއް އޮތް ތަނެއްތޯ ނުވަތަ އެ ހަމަލާއަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ވަސީލަތެއް އޮތް ތަނެއްތޯ ސުވާލު އުފެދޭ،" ޖެނެރަލް ޖަރާޑް ވިދާޅުވިއެވެ. "މިފަދަ ނުރައްކަލަކާ ކުރިމަތިލުމަށް އަޅުގަނޑުމެން މިވަގުތު މިތިބީ އެކަށީގެންވާ ވަސީލަތްތައް ނެތި، ނިކަމެތި ހާލަތެއްގައި."

ޖެނެރަލް ޖަރާޑް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގައި ކޮންމެ ދުވަހަކުވެސް ކުދި އަދި އަގުހެޔޮ ޑްރޯންތައް ބޭނުންކޮށްގެން ދޭ ހަމަލާތައް އިތުރުވަމުންދާއިރު، އެ ނުރައްކާތައް ކުޑަކުރާނެ ގޮތްތަކެއް ހޯދުމަށް އެމެރިކާގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ނުރައްކާތަކުން ފުރިހަމައަށް ރައްކާތެރިވެވޭނެ ހިސާބަކަށް އެމެރިކާއަށް އަދިވެސް ދެވިފައެއް ނުވެއެވެ.

ޒަމާނީ ހަނގުރާމަތަކުގެ މައިގަނޑު ސިފައަކަށް ޑްރޯން ބޭނުންކުރުން ވެފައިވާއިރު، އެމެރިކާގެ އަސްކަރީ ބޭސްތަކާއި ހައްސާސް ބިނާތަކަށް ކުދި ޑްރޯންތަކުން ދީފާނެ ހަމަލާއަކާމެދު އޮތް ކަންބޮޑުވުންތައް ދަނީ ބޮޑުވަމުންނެވެ. ހާއްސަކޮށް، ދުޝްމަނުން އަގުބޮޑު މިސައިލްގެ ބަދަލުގައި، މަދު އެކުއެކީގައި އެތައް ސަތޭކަ ކުދި ޑްރޯން ބޭނުންކޮށްގެން ދޭ ހަމަލާތަކުން ދިފާއުވުމަށް، އެމެރިކާގެ އަގުބޮޑު ދިފާއީ ނިޒާމުތައް އެކަށީގެން ނުވާކަން އަސްކަރީ ތަޖުރިބާކާރުންވެސް ދަނީ ފާހަގަ ކުރަމުންނެވެ.

ޕެންޓަގަންގެ ރިޕޯޓްތަކާ ހަވާލާދީ ބޭރުގެ މީޑިއާ ބުނާގޮތުގައި، މިފަދަ ހަމަލާތަކުން ދިފާއުވުމަށް އެމެރިކާއިން ބޭނުންކުރާ ސާފޭސް-ޓޫ-އެއާ މިސައިލްތަކަކީ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އާލާތްތަކެވެ. ނަމަވެސް، އެ ހަމަލާތައް ދިނުމަށް ދުޝްމަނުން ބޭނުންކުރަނީ އެންމެ ދެތިން ހާސް ޑޮލަރުގެ އަގުހުރި "ކާމިކާޒީ" ޑްރޯންތަކެވެ. މިއީ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ދިފާއުވެވޭނެ އުސޫލެއް ނޫންކަން މާހިރުން ފާހަގަކުރެއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެމެރިކާގެ ދިފާއީ އިދާރާއިން މިހާރު ދަނީ "ޑައިރެކްޓެޑް އެނާޖީ" ނުވަތަ ލޭޒާ ސިސްޓަމްތަކާއި، މައިކްރޯވޭވް އާލާތްތައް ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކުރަމުންނެވެ.

ހިއްސާ ކުރައްވާ!