އިންޑިއާއާއި އަރުމީނިޔާއާ ދެމެދު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާއާއި އަރުމީނިޔާއާ ދެމެދު ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމާއި، އަސްކަރީ އުފެއްދުންތައް ގުޅިގެން އުފެއްދުމަށް މަގުފަހިކުރާ މުހިންމު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންގް އަރުމީނިޔާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ހައިޓެކް އިންޑަސްޓްރީއާ ބެހޭ ވަޒީރު ދާވިތު ތަދެވޯސްޔާންއާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

އިންޑިއާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ފަހުމުނާމާގެ މައިގަނޑު އަމާޒަކީ ދިފާއީ އުފެއްދުންތަކުގެ ދާއިރާއިން ދިރާސާކުރުމާއި، އާ އީޖާދުތައް ތައާރަފުކުރުމުގެ އިތުރުން ދެ ގައުމު ގުޅިގެން އަސްކަރީ ވަސީލަތްތައް އުފެއްދުމެވެ.

މި ދަތުރުފުޅުގައި ރާޖޭޝް ކުމާރު ސިންގް ވަނީ އަރުމީނިޔާގެ ދިފާއީ ވަޒީރު ސުރެންދިކްޔާންއާއި ސައިންސް އެކަޑަމީގެ އިސްވެރިންނާ ބައްދަލުކުރައްވައި، އިންޑިއާގެ އެހީތެރިކަމާއެކު އެ ގައުމުގެ މިލިޓަރީ އެކަޑަމީގައި ގާއިމުކޮށްފައިވާ އައިޓީ ލެބޯޓްރީގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި އިންޑިއާއިން ފޯރުކޮށްދީފައިވާ އަސްކަރީ އާލާތްތަކުގެ ބޭނުން ހިފަމުންދާ ގޮތުގެ މައުލޫމާތުވެސް އޭނާ ވަނީ ހޯއްދަވާފައެވެ.

އަރުމީނިޔާއަކީ މިހާރު އިންޑިއާގެ ދިފާއީ އުފެއްދުންތައް އެންމެ ގިނައިން ގަންނަ އެއް ގައުމެވެ. އެގޮތުން، އެ ގައުމުގެ ސިފައިން ޒަމާނީ ކުރުމަށާއި ސެކިއުރިޓީ ވަސީލަތްތައް ސިންދަފާތު ކުރުމަށްޓަކައި، އިންޑިއާގެ އަސްކަރީ ހާޑްވެއާ ހޯދުމަށް ގާތްގަނޑަކަށް 2 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި 'ޕިނާކާ' މަލްޓި-ބެރެލް ރޮކެޓް ސިސްޓަމާއި، 'އާކާޝް' އެއާ ޑިފެންސް ސިސްޓަމްގެ އިތުރުން 'ސްވާތީ' ރޭޑާ ސިސްޓަމްތައް ހިމެނެއެވެ.

މި އެއްބަސްވުމާއެކު، އިންޑިއާއާއި އަރުމީނިޔާގެ ގުޅުން ހަމައެކަނި ހަތިޔާރު ވިއްކުމުގެ ވިޔަފާރި ގުޅުމަކުން ބޭރަށްގޮސް، ދެ ގައުމު ގުޅިގެން ދިފާއީ އުފެއްދުންތައް އުފައްދާ ސްޓްރެޓެޖިކް ބައިވެރިވުމަކަށް ބަދަލުވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!