ސޫރިޔާގެ މިހާރުގެ ރައީސް އަޙްމަދު އައްޝަރައުގެ ޖައުލާނީ ރައީސްގެ ބައްޕަ ހުސައިން އައްޝަރައު ވަނީ، ސޫރިޔާގެ ރައްޔިތުންގެ "ކެތްތެރިކަން އިމްތިހާނު ނުކުރުމަށް" ޔަހޫދީ ރެޖީމަށް އިންޒާރެއް ދެއްވާފައެވެ.
ސޫރިޔާގެ ރައްޔިތުންނަކީ ހަނގުރާމަވެރި، ހިތްވަރުގަދަ ބައެއް ކަމަށާއި، ބޭނުންވެއްޖެ ހިނދެއްގައި އެތައް ހާސް ސިފައިންގެ މަދަދާއެކު ހަނގުރާމަވެރި ލަޝްކަރެއް ގާއިމުކުރުމުގެ ގާބިލުކަން އެގައުމުގައި އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިސްރާއީލުން ހިފާފައިވާ ގޯލާން ކޮންމެފަދަ ވަގުތެއްގައި ނަމަވެސް އެނބުރި ސޫރިޔާގެ ދަށަށް އަންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ފޭސްބުކްގައި ކުރެއްވި މެސެޖެއްގައި ހުސައިން އައްޝަރައު ވިދާޅުވީ، ސޫރިޔާގެ އައު ސަރުކާރުން އިސްރާއީލުގެ އުދުވާންތަކަށް ރައްދުދިނުން ލަސްވިނަމަވެސް، އެގައުމުގެ ރައްޔިތުން ހިމޭނުން ނުތިބޭނެ ކަމަށެވެ. ސޫރިޔާގެ އިންގިލާބަށްފަހު ގައުމު ހަމައަކަށް އެޅެމުންދާއިރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިސްރާއީލު ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އިސްރާއީލުގެ މައިގަނޑު މަގުސަދަކީ ސޫރިޔާގެ ގައުމީ އެއްބައިވަންތަކަމާއި ހަމަޖެހުން ނަގާލައި، އެގައުމަކީ އަސްކަރީ ގޮތުން ނިކަމެތި ގައުމަކަށް ހެދުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ޖެނޮސައިޑް ރެޖީމުން ދަނީ 1974 ވަނަ އަހަރުގެ އެއްބަސްވުންތަކާ ހިލާފަށް ސޫރިޔާގެ ސަރަހައްދީ އިމުގެ ތެރެއަށް ވަދެ، އެތައް ސަތޭކަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.
މީގެ ތެރޭގައި ޖަބަލުއްޝައިޚު ހިފުމާއި، ގުނޭތުރާގެ ސަރަހައްދުތަކަށް އަރައިގަތުމުގެ އިތުރުން، ސޫރިޔާގެ ދިފާއީ ވުޒާރާއާއި ރިޔާސީ ގަނޑުވަރަށް ދީފައިވާ ހަމަލާތައް ހިމެނެއެވެ.
ދިމަޝްގުން މިހާތަނަށް ކެތްތެރިކަން އިސްކުރީ ބައިނަލްއަގުވާމީ މަސްރަހަށް ބަލައި ސަރަހައްދީ ހަނގުރާމައަކުން ރެކުމަށް ކަމަށްވީ ނަމަވެސް، އިސްރާއީލުގެ އުދުވާންތައް ހުއްޓައިނުލައިފިނަމަ ސޫރިޔާގެ ރައްޔިތުން އަތް އުރައިގެން ނުތިބޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.






