ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން، އެ ޤައުމުގެ ވެރިކަން ކުރާ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ މިރްޒާ ފަޚްރުލް އިސްލާމް ޢާލަމްގީރު އެ ޤައުމުގެ އާ ރައީސަކަށް އިންތިޚާބުކޮށްފިއެވެ. މިއީ އެ ޤައުމުގެ ކުރީގެ ރައީސް ޞިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން ބޭއްވުނު އިންތިޚާބެކެވެ.
އުމުރުން އައްޑިހައަށްވުރެ ކައިރިވެފައިވާ ޢާލަމްގީރު މި މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވަނީ ޕާލަމެންޓުގައި ނެގި ވޯޓުގައި ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. ވެރިކަން ކުރާ ބަންގްލަދޭޝް ނޭޝަނަލްޕާޓީ (ބީ.އެން.ޕީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވަމުންދާ ޢާލަމްގީރާ ދެކޮޅަށް ވާދަކުރައްވާފައިވަނީ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓެކެވެ. މި އިންތިޚާބަކީ ފާއިތުވެދިޔަ 23 އަހަރުގެ ތެރޭގައި ބަންގްލަދޭޝްގައި ރައީސަކު ހޮވުމަށް އެއް ކެންޑިޑޭޓަށްވުރެ ގިނަ ބޭފުޅުން ވާދަކުރެއްވި ފުރަތަމަ ފަހަރެވެ.
އިންތިޚާބުގެ ކާމިޔާބީއަށްފަހު ވާހަކަދައްކަވަމުން ޢާލަމްގީރު ވިދާޅުވީ ޤައުމުގެ އެންމެހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި ޤައުމުގެ ދަތިހާލުގައި އުޅޭ ފަރާތްތަކާއި އާންމު މަސައްކަތްތެރިންގެ އަސާސީ ބޭނުންތައް ފުދޭފަދަ ވެއްޓެއް ޤާއިމުކޮށްދިނުމަކީ މައިގަނޑު އަމާޒު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.





