ބަންގްލަދޭޝްގެ ޖަލުތައް ތޮއްޖެހި ނުރައްކާތެރި ހާލަތަކަށް

ބަންގްލަދޭޝްގެ ޖަލުތަކުގައި ތިބެންޖެހޭ މިންވަރަށްވުރެ އިތުރަށް ކުށްވެރިންނާއި ބަންދުކުރާ މީހުން ގިނަވެ، ޖަލުތަކުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާތީ އަވަސް އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހިއްޖެ އެވެ. އެގައުމުގެ ޖަލުތަކުގައި އިންސާނީ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މީހުން ބަންދުކޮށްފައި ތިބިއިރު، ސިއްހީ އިންތިޒާމުތަކާއި އަސާސީ ޚިދުމަތްތައް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބަންގްލަދޭޝްގެ 75 ޖަލެއްގައި ޖުމުލަ ތިބެވޭނީ 45,186 ކުށްވެރިންނަށެވެ. ނަމަވެސް މިވަގުތު 98,233 އަށްވުރެ ގިނަ މީހުން އެ ޖަލުތަކުގައި ބަންދުކޮށްފައި އެބަތިއްބެވެ.

މި ތޮއްޖެހުމުގެ ސަބަބުން ސިއްހީ ޚިދުމަތް ދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މުޅި ގައުމުގެ ޖަލުތަކަށް ކަނޑައަޅާފައިވާ 151 ޑޮކްޓަރުންގެ މަގާމުގެ ތެރެއިން ދާއިމީކޮށް ފުރިހަމަކުރެވިފައިވަނީ އެންމެ ދެ މަގާމެވެ. ވެރިރަށް ޑާކާގެ ސެންޓްރަލް ޖަލުގައި 13،900 އަށްވުރެ ގިނަ ގައިދީން ތިބިއިރު، އެތަނުގައިވެސް ހަރަކާތްތެރިވަނީ އެންމެ ދެ ޑޮކްޓަރުންނެވެ.

މި ހާލަތުގެ ސަބަބުން ޖަލުތަކުގައި މީހުން މަރުވާ މިންވަރު ވަނީ އިތުރުވެފައެވެ. ވޭތުވެދިޔަ އަހަރު އެކަނިވެސް ޖަލުތަކުގައި 187 ގައިދީން މަރުވެފައިވާއިރު، މި އަހަރުގެ މިހާތަނަށް 122 މީހުން ވަނީ މަރުވެފައެވެ.

މީގެއިތުރުން، ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް ޝަރުއީ ނިޒާމުގެ ތެރެއިން ލަސްވުމާއި، ކުށް ނުކުރާ މީހުން ވާނުވާގައި ހައްޔަރުކުރުން ފަދަ ކަންކަމަކީ މި ތޮއްޖެހުން ބޮޑުވާ ސަބަބު ކަމަށް ފާހަގަކުރެވެއެވެ. ސަރުކާރުން އިމާރާތްތައް ބޮޑުކުރުމުގެ ބަދަލުގައި، ބަންދުކުރެވޭ ސަބަބުތަކާއި ޝަރުއީ ނިޒާމު އިސްލާހުކުރުން އަވަސް ކުރުމަށް ގޮވާލާފައި ވެއެވެ.

ހިއްސާ ކުރައްވާ!