ސޫރިޔާގެ ކުރީގެ މުފްތީ އަޙްމަދު ޙައްސޫން އުމުރު ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފި

ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލްއަސަދު އަޒުލުކުރުމަށްފަހު، އެ ގައުމުގެ ޝަރުއީ ނިޒާމުގެ ކުރީގެ މަސްއޫލުވެރިންގެ ޝަރީއަތް ކުރަމުންދާއިރު ސޫރިޔާގެ ކުރީގެ މުފްތީ އަޙްމަދު ބަދުރުއްދީން ޙައްސޫން އުމުރު ދުވަހަށް ޖަލަށް ލުމަށާއި އޭނާގެ މުދާ ދައުލަތަށް ނެގުމަށް ދިމިޝްޤުގެ ޖިނާއީ ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ އަސަދުގެ ވެރިކަން ވެއްޓުމަށްފަހު، އެ ނިޒާމުގެ ދަށުން ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކަށް އިންސާފު ހޯދައިދިނުމުގެ ގޮތުން ކުރިއަށްދާ ޝަރީއަތްތަކުގެ ތެރެއިން ނިންމާފައިވާ ޝަރީއަތެކެވެ. ދިމިޝްޤުގެ ހަތަރުވަނަ ޖިނާއީ ކޯޓުގައި ކުރިއަށްދިޔަ މި ޝަރީއަތުގެ ހަވަނަ އަޑުއެހުމުގައި ޤާޟީ ފަޚްރުއްދީން މުޞްޠަފާ އަލްޢަރިއާން ރިޔާސަތު ބެލެހެއްޓެވި ޝަރީއަތުގައި މުފްތީ ޙައްސޫންގެ މައްޗަށް ވަނީ ދާޚިލީ ހަނގުރާމައާއި މަޒުހަބީ ހަމަނުޖެހުންތަކަށް ހިތްވަރުދިނުމާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި ބައިވެރިވުމުގެ އިތުރުން ސޫރިޔާގެ ސިފައިންނާ ގުޅިގެން ހަރަކާތްތެރިވި މިލީޝިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިންކަން ސާބިތު ކޮށްފައެވެ.

ޙައްސޫން ހައްޔަރުކޮށްފައިވަނީ 2025 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި، ދިމިޝްޤުގެ އިންޓަނޭޝަނަލް އެއާޕޯޓުން ގައުމުން ބޭރަށް ފުރަން އުޅެނިކޮށެވެ. އޭގެ ކުރިން، އަސަދުގެ ވެރިކަން ވެއްޓުމަށްފަހުވެސް އޭނާ ހަލަބުގައި އާންމުކޮށް އުޅެނިކޮށް ފެނުމުން އާންމު ރައްޔިތުން ނުރުހުން ފާޅުކޮށް އޭނާ އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ގޮވާލާފައި ވެއެވެ.

ސޫރިޔާގެ އާންމު ރައްޔިތުންގެ މެދުގައި "ބާރޫދު ބޮމުގެ މުފްތީ"ގެ ނަމުން މަޝްހޫރުވި ޙައްސޫން، 2005 އިން 2021 އަށް ސޫރިޔާގެ މުފްތީގެ މަގާމުގައި ހުރިއިރު، ސަރުކާރާ ދެކޮޅު އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހަރުކަށި ސިޔާސަތުތަކަށް އޭނާ ވަނީ  ތާއީދުކޮށްފައެވެ. ޚާއްޞަކޮށް، އާންމުން ދިރިއުޅޭ އަވަަށްތަކަށް ބާރޫދު އަޅާފައިވާ ފީފާ އެއްލާލުމަށް ހިތްވަރުދީ، އިދިކޮޅު ސަރަހައްދުތައް އެއްކޮށް ނައްތާލުމަށް އޭނާގެ ދީނީ ޚުޠުބާތަކާއި ދަރުސްތަކުގައި ވަނީ ގޮވާލާފައެވެ. އަދި ޞައިދުނާޔާ ޖަލުގައި 13,000 އަށްވުރެ ގިނަ ކުށްވެރިން ދަންޖެއްސުމަށް ސޫރިޔާގެ ސަރުކާރުން ނެރުނު އަމުރުތަކުގައި މުފްތީގެ ހައިސިއްޔަތުން ޙައްސޫން ސޮއިކޮށްފައިވާކަން އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓުތަކުންވެސް ވަނީ ހާމަވެފައެވެ.

ޙައްސޫންގެ ޝަރީއަތް 2026 ވަނަ އަހަރުގެ ޖޫން މަހުގެ 25 ގައި ދިމިޝްޤުގައި ފެށިގެންދިޔައިރު، ބައިނަލްއަޤްވާމީ ފަރާތްތަކާއި އަދި އެތެރޭގެ ހިއުމަން ރައިޓްސް ޖަމްއިއްޔާތަކުން ވަނީ މި ޝަރީއަތް ކައިރިން މޮނީޓަރުކޮށްފައެވެ. ޝަރީއަތުގައި ވާހަކަދައްކަވަމުން ފަނޑިޔާރު ޢަރިއާން ވިދާޅުވީ، އަސަދުގެ ނިޒާމުން ވަނީ ދައުލަތުގެ ދީނީ މުއައްސަސާތަކާއި ފަތުވާ މަޖިލިސް ނަހަމަ ގޮތުގައި ބޭނުންކޮށް، އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތަކަށް ދީނީ ހިމާޔަތާއި އަދި ޝަރުއީ ސިއްކަ ޖަހައިދީފައި ކަމަށެވެ.

1949 ވަނަ އަހަރު ހަލަބަށް އުފަންވި ޙައްސޫންއަކީ މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީން އިސްލާމީ ފިޤުހުން ޑޮކްޓަރޭޓް ހާސިލުކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ 1990 ގެ އަހަރުތަކުގައި ސޫރިޔާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައެވެ. ނަމަވެސް 2011 ގައި ސޫރިޔާގެ އިންގިލާބު ފެށުމާއެކު، އޭނާ އިޚްތިޔާރުކުރެއްވީ އަސަދުގެ ރެޖީމުގެ ދިފާއުގައި ހުންނެވުމަށެވެ.

ހައްސޫނބް އުމުރަށް ޖަލަށް ލުމުގެ ޙުކުމާއެކު، ޙައްސޫންގެ ހުރިހާ މުދަލަކާއި ފައިސާއެއް ވަނީ ސޫރިޔާގެ ދައުލަތުގެ ޚަޒާނާއަށް ނެގުމަށް އަމުރުކޮށްފައެވެ.

ހިއްސާ ކުރައްވާ!