އެމެރިކާގެ އަސްކަރީ ބޯޓެއް ކުއްލި ގޮތަކަށް މޮސްކޯއަށް ޖެއްސުމުން ޖަވާބު ނުލިބޭ ގިނަ ސުއާލުތަކެއް!

އެމެރިކާގެ އެއާ ފޯސްގެ އަސްކަރީ ބޮޑު މަތިންދާބޯޓެއް ކުއްލި ގޮތަކަށް ރަޝިއާގެ ވެރިރަށް މޮސްކޯގެ ވުނުކޯވޯ އެއާޕޯޓަށް ޖައްސައިފިއެވެ. މި ދަތުރުގެ މަގުސަދަކީ ކޮބައިކަން އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާތީ، މުޅި ބައިނަލްއަގުވާމީ މަސްރަހުގައި ވަނީ ބޮޑެތި ސުވާލުތަކަކާއި ތަފާތު ތުހުމަތުތައް އުފެދިފައެވެ.

ފްލައިޓް ޓްރެކިން މައުލޫމާތުތަކުން ދައްކާ ގޮތުގައި RCH4555ގެ ކޯލްސައިންގައި ދަތުރުކުރި އެމެރިކާ އެއާ ފޯސްގެ "ސީ-17 ގްލޯބްމާސްޓާ 3″ މަރުކާގެ މަތިންދާބޯޓު މޮސްކޯއަށް ޖެއްސީ މިއަދު އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ބޯޓު މޮސްކޯއަށް ދިޔައީ ލެޓްވިއާގެ ރީގާއިން ނައްޓާލައިގެންނެވެ. މީގެ ކުރިން، އޮގަސްޓް 23 ގައި މި ބޯޓު ރީގާއަށް ގޮސްފައިވަނީ އެމެރިކާގެ މޭރީލޭންޑްގައި އޮންނަ ޖޮއިންޓް ބޭސް އެންޑްރިއުސްއިންނެވެ. އެއީ އެމެރިކާގެ ރައީސް ދަތުރުކުރައްވާ "އެއާ ފޯސް ވަން" ވެސް އާންމުކޮށް ބޭނުންކުރާ ހާއްސަ އަސްކަރީ މަރުކަޒެކެވެ.

މިބޯޓު ޖެއްސި އިރު ބުނެފައި ވަނީ އެބޯތަށް ހަމަލަތައް އަމާޒު ކުރެވޭ ކަމަށާއި އެހެންވެ ސަލާމަތުން ޖައްސަން ބޭނުންވާ ކަމަށެވެ!

ރަޝިއާއާއި އެމެރިކާގެ ހިމޭންކަން: ސިއްރު ޑިޕްލޮމެޓިކް ދަތުރެއް؟

މި ދަތުރާ ގުޅޭގޮތުން ކްރެމްލިންގެ ތަރުޖަމާނު ދިމީތުރީ ޕެސްކޯވް ވިދާޅުވީ، އެމެރިކާގެ އަސްކަރީ ބޯޓެއް މޮސްކޯއަށް އައިކަމުގެ އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި މި ހަފުތާ ތެރޭގައި އެމެރިކާ ސަރުކާރުގެ އެއްވެސް އިސް މަސްއޫލުވެރިޔަކާއެކު މޮސްކޯގައި ބައްދަލުވުމެއް ރޭވިފައި ނެތް ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

އަނެއްކޮޅުން އެމެރިކާގެ ޔޫރަޕް ކޮމާންޑް އިންވެސް މި ދަތުރާ ގުޅޭގޮތުން އެއްވެސް ތަފްސީލެއް ދިނުމަށް ވަނީ އިންކާރުކޮށްފައެވެ. ބޯޓުގައި ދަތުރުކުރީ ކޮން ބައެއް ކަމެއް، އޭގައި ހުރީ ކޮން އެއްޗެއް ކަމެއް އަދި ދަތުރުގެ އަސްލު މިޝަންއަކީ ކޮބައިކަން އެއްވެސް ފަރާތަކުން ސާފުކޮށްދީފައެއް ނުވެއެވެ.

މި ސިއްރުވެރިކަމުގެ ސަބަބުން މީޑިއާ އަންދާޒާ ކުރަނީ، މިއީ ޔޫކްރޭން ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ވޮޝިންގްޓަންއާއި މޮސްކޯގެ ދެމެދުގައި ސިއްރިއްޔާތުގައި ކުރިއަށްދާ ސުލްހައިގެ ވާހަކަތަކާ ގުޅުންހުރި ދަތުރަކަށް ވެދާނެ ކަމަށެވެ. ޔޫކްރޭން ހަނގުރާމައަށް ހައްލެއް ހޯދުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އާ ހުށަހެޅުންތަކެއް ތައްޔާރުކުރަމުންދާއިރު، ރަޝިއާއިންވެސް އާ މަޝްވަރާތަކަށް ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސީ-17 ގްލޯބްމާސްޓާ 3ގެ ގާބިލުކަން

މި ދަތުރުގައި ބޭނުންކޮށްފައިވާ ސީ-17 ގްލޯބްމާސްޓާ 3 އަކީ އެމެރިކާ ސިފައިން ދުރު ރާސްތާއަށް ގިނަ އަދަދެއްގެ ސިފައިންނާއި، އަސްކަރީ އުޅަނދުފަހަރާއި ބަރު ތަކެތި އުފުލުމަށް ބޭނުންކުރާ އެންމެ ބޮޑު އެއް މަތިންދާބޯޓެވެ.

  • އުފުލޭ ބަރުދަން: ގާތްގަނޑަކަށް 77,500 ކިލޯ
  • ބޮޑުމިން: ދިގުމިނުގައި 53 މީޓަރު، އަދި ދެފިޔަ ދެމެދުގައި 52 މީޓަރު.
  • އިންޖީނާއި ބާރުމިން: ޕްރެޓް އެންޑް ވިޓްނީ F117 ގެ ބުރަފަތި ލީ އިންޖީނު އަދއަދި ގަޑިއަކު 450 ނޮޓްސްގެ ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލުކަން.

މިފަދަ ބޮޑު އަސްކަރީ އުޅަނދެއް ދުނިޔޭގެ ސިޔާސީ ގޮތުން އެންމެ ނާޒުކު ދަނޑިވަޅެއްގައި މޮސްކޯއަށް ޖެއްސުމުން، މިއީ ހަމައެކަނި އަސްކަރީ ލޮޖިސްޓިކްސް ދަތުރެއް ނޫނީ ނުރައްކަލެއް އޮވެގެން ޖެއްސި ޖެއްސުމަކަމާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ހިއްސާ ކުރައްވާ!