ރަސްމާލެ ޓަނަލް ވެސް މި ގޮތަށް ކޮނެ ނިންމާލެވޭނެ ނަމަ ދޯ؟

ދުނިޔޭގެ އެންމެ ދިގު ކަނޑުއަޑީގެ ހައިސްޕީޑް ރޭލު މަގު ހެދުމަށް ޗައިނާއިން ތާރީޚީ އެންޖިނިއަރިން ކާމިޔާބީއެއް ހޯދައިފި އެވެ. ޗައިނާގެ އިރުމަތީ ކަނޑުގެ އަޑީގައި ކުރިއަށްދާ، ދުނިޔޭގެ އެންމެ ދިގު ކަނޑުއަޑީގެ ހައިސްޕީޑް ރޭލު ޓަނަލް ހެދުމުގެ މަޝްރޫއުގައި ކުރިމަތިވި އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޒީޖިއަންގް ޕްރޮވިންސްގެ ނިންގްބޯ އާއި ޒޫޝާން ގުޅުވައިދިނުމަށް ހަދާ 16.18 ކިލޯމީޓަރުގެ "ޖިންޓަންގް އަންޑަސީ ޓަނަލް" ގެ މަސައްކަތުގައި، ކަނޑުއަޑީގެ ބާރުގަދަ ޕްރެޝަރުގެ ތެރޭގައި 21 ދުވަސް ވަންދެން މަސައްކަތްކޮށް، ކޮންނަ މެޝިނުގެ 104 ކަޓަރު ބަދަލުކުރުމުގެ އޮޕަރޭޝަން ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މި މަޝްރޫއަކީ ނިންގްބޯ އާއި ޒޫޝާންއާ ދެމެދު ދަތުރުކުރުމަށް މިހާރު ހޭދަވާ 2 ގަޑިއިރުގެ ވަގުތު އެންމެ 26 މިނެޓަށް ކުރުކޮށްދޭނެ ތާރީޚީ މަޝްރޫއެކެވެ. ކަނޑުގެ އަޑިން 92 މީޓަރު އަޑީގައި، ފެނާއި ފަސްގަނޑުގެ ބާރުމިން 8.5ގެ ޕްރެޝަރަށް އަރާ ސަރަހައްދެއްގައި ކުރިއަށްދިޔަ މި މަސައްކަތުގައި ޗައިނާއިން ވަނީ އެގައުމުގައި އަމިއްލައަށް އުފެއްދި ނިޒާމެއް ބޭނުންކޮށްފައެވެ. މިއީ ފުން ކަނޑުއަޑިއަށް ފީނުމަށް ބޭނުންކުރާ ޓެކްނޮލޮޖީ އަސްކަރީ އަދި ސިވިލް އެންޖިނިއަރިންގެ ތެރެއަށް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.

ކަނޑުއަޑީގެ އެހާ ފުންމިނުގައި ނޭވާލުމަށް ބޭނުން ކުރާ އާދައިގެ ކޮމްޕްރެސްޑް އެއަރ ސިސްޓަމް ބޭނުންކޮށްގެން މަސައްކަތްކުރެވޭނީ ދުވަހަކު އެންމެ 40 މިނެޓަށެވެ. ނަމަވެސް "ޑީޕް-ސީ ސްޕޭސް ސްޓޭޝަން" ގެ ނަމުން ނަންދެވިފައިވާ މި އާ ނިޒާމުގެ ސަބަބުން، 9 އިންޖިނިއަރުންގެ ޓީމަކަށް ޕްރެޝަރު ކޮންޓްރޯލް ކުރެވިފައިވާ މާހައުލެއްގައި ތިބެގެން، އެއްފަހަރާ 8 ގަޑިއިރު މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އަދި 28 ދުވަހުގެ މުއްދަތަކަށް، 24 ގަޑިއިރު މެދުކެނޑުމެއްނެތި ފިނިޝިން މަސައްކަތްތައް ކުރިއަށް ގެންދެވުނެވެ.

  • ޓަނަލްގެ މުޅި ދިގުމިން: 16.18 ކިލޯމީޓަރު (އޭގެ ތެރެއިން 11.21 ކިލޯމީޓަރަކީ ކަނޑުއަޑީން ތޮރުފައިގެން ހަދާ މަގުގެ ސަރަހައްދު)
  • މަސައްކަތުގެ ކުރިއެރުން: "ޔޮންގްޒޫ" މެޝިނުން މިހާރު ވަނީ 3,936 މީޓަރު (ޙަވާލުކުރެވުނު މަސައްކަތުގެ ގާތްގަނޑަކަށް 80 އިންސައްތަ) ކޮނެ ނިންމާފައެވެ.
  • ދަތުރުގެ ސްޕީޑް: ރޭލުތަކަށް ގަޑިއަކު 350 ކިލޯމީޓަރުގެ ބާރުމިނުގައި މި މަގު ހަދައި ނިމުމުން ދަތުރުކުރެވޭނެއެވެ.

މި ސިސްޓަމްގެ އެންމެ ބޮޑު އެއް ފައިދާއަކީ، ކޮންމެ ދުވަހަކު ސިއްހީ ގޮތުން ނުރައްކާތެރި ޕްރެޝަރު ބަދަލުވުންތަކަށް އިންޖިނިއަރުން ހުށަހެޅުމުގެ ބަދަލުގައި، މުޅި މަސައްކަތް ނިމުމުން އެއްފަހަރާ ޑިކޮމްޕްރެޝަން މަރުހަލާ ފުރިހަމަކުރުމުގެ ފުރުސަތު ލިބުމެވެ. މިއީ މޫދުއަޑީގެ އިންޖިނިއަރިންގ އާއި ބިމުއަޑީގެ ކޮންސްޓްރަކްޝަން މަސައްކަތްތައް އެއްކޮށްލައިގެން ހޯދާފައިވާ ބޮޑު ކުރިއެރުމެކެވެ.

ޖިންޓަންގް ޓަނަލް ކޮންނަމުންދާ "ޔޮންގްޒޫ" މެޝިނަށް 4,940 މީޓަރުގެ ސަރަހައްދެއް ކޮންނަންޖެހެނީ ހަރު އަދި މަޑު ގާތަކުގެ 24 ފަށަލައެއްގެ ތެރޭން ލައިގެންނެވެ. މި ސަރަހައްދުގެ ގާތަކުގެ ހަރުކަން 191 މެގަޕާސްކާލްސްއަށް އަރާއިރު، މިއީ މެޝިނުގެ ގާ ކަނޑާ ދަތްތަކަށް އިންތިހާއަށް ބާރުބޮޑުވެ، ހަލާކުވާ މިންވަރު އަވަސްވި މައިގަނޑު ސަބަބެވެ.

އާންމު މައުލޫމާތު ކޮޅެއް:

  • މެގަޕާސްކާލްސް: އަކީ ސައިންސާއި އެންޖިނިއަރިންގ ދާއިރާގައި ޕްރެޝަރު (އޮއްބުން/ބާރު) ނުވަތަ މާއްދާއެއްގެ ވަރުގަދަކަން މިނުމަށް ބޭނުންކުރާ މިންގަނޑެކެވެ.
  • ކޮންކްރީޓްގެ ވަރުގަދަކަން: އިމާރާތްތައް ހެދުމަށް ބޭނުންކުރާ ވަރުގަދަ ކޮންކްރީޓްގެ ހަރުކަން ހުންނަނީ އާންމުކޮށް 30 އިން 50 މެގަޕާސްކާލްސްއާ ދެމެދުގައެވެ.
  • 191 މެގަޕާސްކާލްސް: މިއީ އިންތިހާއަށް ބާރުގަދަ އަދި އާދަޔާޚިލާފަށް ބޮޑު ޕްރެޝަރެކެވެ. (މިސާލަކަށް: ކަނޑުއަޑީގެ އެންމެ ފުން ސަރަހައްދުތަކުގައި ހުންނަ ޕްރެޝަރަށްވުރެވެސް ނުވަތަ އާދައިގެ ކޮންކްރީޓަށްވުރެ 4 ގުނަ ހަރު ގަލުގެ ޕްރެޝަރެވެ.)

މި މަޝްރޫއުގެ އިތުރުން، ޗައިނާއިން ވަނީ ޔަންގްޒީ ކަނޑުގެ އަޑިން ޝަންހާއި-ޗޮންގްކިންގް-ޗެންގްޑޫ ހައިސްޕީޑް ރޭލު މަގު ކޮނުމުގެ ތާރީޚީ މަސައްކަތްވެސް ދާދިފަހުން ނިންމާލާފައެވެ.

ހިއްސާ ކުރައްވާ!