ޗައިނާގެ ޓްރެފިކް ބެލެހެއްޓުމަށް ރޮބޯޓުން ނެރެފި

ޗައިނާގެ އާންމު އިޖުތިމާއީ ޚިދުމަތްތަކާއި ޓްރެފިކް ބެލެހެއްޓުމުގެ މަރުހަލާގެ ތެރެއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ރޮބޯޓިކްސްގެ އާ އީޖާދުތައް ޢަމަލީގޮތުން ނެރެން ފަށައިފިއެވެ. އެގޮތުން، ޗައިނާގެ ހަންގްޒޫ ސިޓީގެ ބާރުބޮޑު މަގުތަކުގައި ޓްރެފިކް ގަވާއިދުތަކަށް އާންމުން އަހުލުވެރިކުރުވައި އިންޒާރު ދިނުމަށް "ރޮބޮޓް ކޮޕް" އޭއައި ރޮބޯޓުން ވަނީ މަސައްކަތަށް ނެރެފައެވެ.

އޭގެއިތުރުން، ޗައިނާގެ ރޮބޯޓިކްސް ކުންފުންޏަކުން ވަނީ ދުނިޔޭގެ އެންމެ ބާރުގަދަ ދުވުންތެރިޔާ ޔޫސެއިން ބޯލްޓަށްވުރެ ވެސް ބާރަށް ދުވާ އާ އިންސާނުންނާ ވައްތަރު "ސުޕަރމޭން" ރޮބޯޓެއް އާންމުކޮށްފައެވެ.

ހަންގްޒޫގެ ބާރުބޮޑު މަގުތަކުގެ ކަންމަތީގައި ބަހައްޓާފައިވާ 1.88 މީޓަރު އުސް، އަދި 98 ކިލޯގްރާމް ހުންނަ ޓީ2 މޮޑެލްގެ މި ރޮބޯޓަކީ ސަޕްކޮން ކުންފުނިން އުފައްދާފައިވާ ރޮބޯޓެކެވެ. މި ރޮބޯޓުގައި ހަރުކޮށްފައިވާ ކެމެރާތަކާއި، ރާޑާރު އަދި ސިކުނޑީގެ ގޮތުގައި މަސައްކަތްކުރާ އޭއައި ސިސްޓަމްގެ އެހީގައި، ހެލްމެޓް ނައަޅާ އީ ބައިކް ދުއްވާ ފަރާތްތަކާއި، ގަވާއިދާ ޚިލާފަށް މަގުހުރަސްކުރާ މީހުންނާއި ގަވާއިދާ ޚިލާފަށް ޕާކު ކުރާ އުޅަނދުތައް ބަލާނެއެވެ. އަދި ސިގްނަލަށް ނުބަލާ މަގުހުރަސްކުރާ އާންމުން ދެނެގަންނާނެއެވެ.

ނަމަވެސް، މި ރޮބޯޓުތަކަށް މީހުން ހައްޔަރުކުރުމުގެ ބާރެއް ލިބިފައެއް ނުވެއެވެ. އަދި ހަތިޔާރެއް ވެސް ދީފައެއް ނުވެއެވެ. މީގެ ބަދަލުގައި މި ރޮބޯޓުން ކުރާ ކަމަކީ:

  • އިންޒާރު ދިނުން: ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް އަޑުން އަންގައި އިންޒާރު ދިނުން.
  • މައުލޫމާތު ފޯރުކޮށްދިނުން: މަގުތަކާއި، ޕާކިންގ ސަރަހައްދުތަކާއި، ޓްރެފިކް ގަވާއިދުތަކާ ބެހޭގޮތުން އާންމުން ކުރާ ސުވާލުތަކަށް ޖަވާބުދިނުން.
  • ކުރިމަތިވާ ކުއްލި ހާލަތްތައް: އިމަޖެންސީ ހާލަތްތަކުގައި ސީދާ ފުލުހުންގެ ކޮންޓްރޯލް ރޫމާ ގުޅުވައިދިނުން.
  • އިޝާރާތް ކުރުން: ހަތް ހަރަކާތް ކުރެވޭ އަތުގެ އެހީގައި ޓްރެފިކް ފުލުހުން ކުރާ ފަދަ އަތުގެ އިޝާރާތްތައް ސިގްނަލްތަކާ އެއްގޮތަށް މީހުންނަށް ދެއްކުން

ސަޕްކޮން ކުންފުނީގެ އިންޓެލިޖެންސް އަންމޭންޑް ސިސްޓމްސްގެ އިސްވެރިޔާ ކާއޯ ހުއީ ވިދާޅުވި ގޮތުގައި، މި ރޮބޯޓުތަކަކީ ވަރުބަލިކަމެއް ނެތި، ހެނދުނު 7:00 އިން ހަވީރު 6:00 އަށް މެދުކެނޑުމެއްނެތި މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވާ ސޮރުންތަކެއް ކަމަށެވެ.

މޭ މަހުންެ ފެށިގެން ހަންގްޒޫގައި 15 ރޮބޯޓު ބޭނުންކުރަން ފެށިފަހުން 170,000 އަށްވުރެ ގިނަ އިންޒާރު ދީފައިވާ ކަމަށާއި، މީގެ ސަބަބުން ގަވާއިދާ ހިލާފަށް ހެލްމެޓް ނައަޅާ ދުއްވާ މިންވަރު 40 އިންސައްތައަށް ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އަހަރު ނިމުމުގެ ކުރިން ޗައިނާގެ 8 ސިޓީއެއްގައި މީގެ 200 ވަރަކަށް ރޮބޯޓު ބަހައްޓާނެއެވެ.

ޓްރެފިކް ރޮބޯޓުތަކުގެ އިތުރުން، ޗައިނާގެ ޔުނިޓްރީ ރޮބޯޓިކްސް ކުންފުނިން ވަނީ ސުޕަރމޭން ގެ ނަމުން ނަންދީފައިވާ އިންސާނުންނާ ވައްތަރުގެ އާ ހިއުމަނޮއިޑް ރޮބޯޓެއް ދައްކާލާފައެވެ.

ޔުނިޓްރީން އެކްސްގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ރޮބޯޓަކީ މުޅި ދުނިޔޭގެ އިންސާނުންގެ އުސް ފުންމުމާއި ދުވުމުގެ ރެކޯޑުތައް މުގުރާލެވޭ ފެންވަރަށް ކުޅަދާނަކަން ލިބިފައިވާ ރޮބޯޓެކެވެ.

  • ދުވުމުގެ ބާރުމިން: ސިކުންތަކު 12.66 މީޓަރުގެ ބާރުމިނުގައި ދުވުމުގެ ގާބިލުކަން.
    (މިއީ ޔޫސެއިން ބޯލްޓްގެ 100 މީޓަރުގެ ރެކޯޑު ދުވުމުގައި ހުރި އެވްރެޖް ބާރުމިނަށްވުރެ ބާރު މިންވަރެކެވެ).
  • މައްޗަށް ކުއްލިއަކަށް ފުންމައިގަތުން: ކޮޅަށް ހުރެގެން 2 މީޓަރު މައްޗަށް ފުންމައިގަތުމުގެ ގާބިލުކަން ލިބިފައި ވުން.
  • ފަައިގެ ދިގުމިން: 0.85 މީޓަރު.
ހިއްސާ ކުރައްވާ!