ވެލާނާ އެއާޕޯޓުގެ ސެކިއުރިޓީ: އެއާޕޯޓަށް ވަގަށް ވަންނަން އުޅުމަކީ ސީރިއަސް މައްސަލައެއް

ދިވެހިރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ކަންކަން އެންމެ މަތީ ދަރަޖައަކަށް ކަށަވަރުކޮށް، އެއްވެސް ދުވަހެއްގައި ސެކިއުރިޓީއަށް ބުރޫއަރައިފާނެ ފަދަ ކަމަކަށް ފުރުސަތު ނުދިނުމަށް އެއާޕޯޓް ސެކިއުރިޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެހެން މީހަކަށް ދޫކޮށްފައިވާ އެކްސެސް ފާހެއް ބޭނުންކޮށްގެން ގާނޫނާ ޚިލާފަށް އެއާޕޯޓަށް ވަންނަން އުޅުނު އިންޑިއާގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.

އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ ހުޝިޔާރުކަމާއި ސަމާލުކަމަށް ތައުރީފު ހައްގު، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން ފަންސަޔާޅީސް އަހަރުގެ ސަންޖީވާ ރެއްޑީ ޔެލްމާ ނަމަކަށް ކިޔާ އިންޑިއާ މީހެކެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާއަށް 15 ދުވަހުގެ ވާނުވާއެއް ޖަހައި ދީފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި، ސަންޖީވާ އެއާޕޯޓުގެ ސެކިއުރިޓީ ރައްކާތެރިކޮށްފައިވާ ސަރަހައްދަށް ވަންނަން މަސައްކަތްކޮށްފައިވަނީ އެއާޕޯޓްގެ އިރުމަތީ ފަޅީގައި ގާއިމުކޮށްފައިވާ 51 ނަންބަރު ގޭޓުންނެވެ. އޭނާއަކީ ރާއްޖޭގައި ގާނޫނާ އެއްގޮތަށް ވަޒީފާ އަދާކުރަމުންދާ މީހެއް ނަމަވެސް، އެއާޕޯޓަށް ވަންނަން ބޭނުންކުރީ އެހެން ބިދޭސީއަކަށް ދޫކޮށްފައިވާ އެކްސެސް ކޮންޓްރޯލް ފާހެކެވެ. އިތުރަށް ބެލިބެލުމުން އެ ފާހުގެ ވެރިފަރާތުގެ ވޯކް ވިސާ ވެސް އޮތީ ބާތިލުކޮށްފައެވެ.

ސެކިއުރިޓީ އޮފިސަރުންގެ ލޯތަކަށް މިކަން ފާހަގަވެ، އޭނާ ހުއްޓުވައި ފުލުހުންނާ ހަވާލުކުރި ކުރުމަކީ، އެއާޕޯޓު ފަދަ ގައުމީ ސަލާމަތާ ގުޅިފައިވާ އަދި ހައްސާސް ތަނެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެއްވެސް ދުލެއް ނުދޭނެކަމަށް ހެކިދޭ ކަމެކެވެ.

ކޯޓު މަރުހަލާގައި ސަންޖީވާ ބުނެފައިވަނީ އޭނާ ބޭނުންކުރި ފާހަކީ އޭނާގެ ބޮސް އޭނާއާ ހަވާލުކުރި ފާހެއް ކަމަށެވެ. ނަމަވެސް، ހުއްދަނެތި މުހިންމު ސަރަހައްދަކަށް ވަންނަން އުޅުނުކަމުގެ އެކަށީގެންވާ ހެކި ހުށަހެޅިފައިވުމާއެކު، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި ގާޒީ ވަނީ އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރައްވާފައެވެ.

ހަވީރުގެ ވަގުތުތަކާއި ރޭގަނޑު އެތައް ހާސް ބަޔަކު ދަތުރުކުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ބައިނަލްއަގުވާމީ ސޭފްޓީ އެންޑް ސެކިއުރިޓީ މިންގަނޑުތަކަށް ފެތޭ ގޮތަށް ބެލެހެއްޓެމުންދާ ތަނެކެވެ. އެއާޕޯޓުގެ އެކްސެސް ކޮންޓްރޯލް ނިޒާމުގެ ތެރެއިން މިފަދަ އަމަލެއް ވަގުތުން އަތުލައިގަނެވުމަކީ، ގައުމީ ސެކިއުރިޓީއާ މެދު ދިވެހި އޮފިސަރުން ފަރުވާކުޑަ ނުކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށާއި ފަތުރުވެރިންނަށް ލިބިގެންދާ ކަމެކެވެ.

މިފަދަ މނައްސަލަތަކަކީ އެހެން ގައުމުތަކުގައިވެސް އެންމެ މަތީ ދަރަޖައަކަށް ބަލައި ތަހުގީގު ކުރާނެ ބާވަތުގެ ސީރިއަސް މައްސަލައެކެވެ.

ހިއްސާ ކުރައްވާ!