ޔަހޫދީ ރެޖީމްގެ ބޮޑުވަޒީރު ނަތަންޔާހޫ، 2014 ވަނަ އަހަރު ޣައްޒާގައި ހިންގި ޖެނޮސައިޑް ހަނގުރާމައިގެ ތެރޭގައި ޙަމާސް ޖަމާޢަތާއި އެ ޖަމާއަތުގެ ލީޑަރު ޝަހީދު ޔަހުޔާ ސިންވާރާއެކު ސިއްރު މުއާޞަލާތްތަކެއް ކޮށްފައިވާ ކަމަށް ޔަހޫދީންގެ ކުރީގެ ދިފާޢީ ވަޒީރު އަވީގްޑޯ ލީބަރމަން ތުހުމަތުކޮށްފިއެވެ. ސޯޝަލް މީޑިއާ ޕްލެޓފޯމް އެކްސްގައި ޙިއްޞާކުރި ބަޔާނެއްގައި ލީބަރމަން ބުނީ، ޙަމާސް އާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަޅަމުންދިޔައިރު އަސްކަރީ ވެރިންނަށާއި މޮސާދުގެ ވެރިޔާއަށް ސިއްރުން ނަތަންޔާހޫ ވަނީ ޔަހުޔާ ސިންވާރާއެކު މަޝްވަރާތައް ބާއްވާފައި ކަމަށެވެ.
އިތުރަށް އޭނާ ބުނެފައި ވަނީ ސިންވާރު ރުއްސުމަށްޓަކައި ނަތަންޔާހޫ ވަނީ ޑޮލަރު ބަރުކުރި ފޮށިތަކެއް ފޮނުވުމަށްވެސް މަގުފަހިކޮށްދީފައި ކަމަށެވެ. އަދި ލިބަރމަން ބުނީ ނަތަންޔާހޫއަކީ ޔަހޫދީންނާއެކު އެކު އުޅޭ މީހެއްކަމުގައި ވިނަމަވެސް އޭނާ ޔަހޫދީން ވިއްކާލަން ފަސް ނުޖެހޭނެ ކަމަށެވެ.
ޔަހޫދީ ރެޖީމްގެ ނޫހެއްކަމަށްވާ މަޢާރިވް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ހަނގުރާމަ އެންމެ ހޫނުވި ދުވަސްވަރު، ސަލާމަތީ އިދާރާތަކަށް އެނގުމަކާނުލައި ވިޔަފާރިވެރިއެއް މެދުވެރިކޮށް ނަތަންޔާހޫ ވަނީ ޔަހުޔާ ސިންވާރާ އެކު ސިއްރުން ސީދާ މުއާޞަލާތް ކޮށްފައެވެ. މި މުއާޞަލާތްތައް ހިންގާފައިވަނީ ޤަޠަރު ނުވަތަ މިޞރުފަދަ މެދުވެރިއެއްގެ ޒަރީއާއިން ނޫން ކަމަށާއި، ސީދާ ފޯނުގެ ޒަރީއާއިން ކަމަށް ރިޕޯތް ކޮށްފައި ވެއެވެ. މި މަސައްކަތުގައި މުއާމަލާތު ކޮށްފައި ވަނީ ޔަހޫދީ ވިޔަފާރިވެރިޔާ ޝްލޯމީ ފޯގަލް މެދުވެރިކޮށް ކަން ރިޕޯޓުން ހާމަވެއެވެ.
މި މައްސަލައާ ގުޅިގެން ޔަހޫދީންގެ ޕާލަމެންޓް ކެނެސެޓުގެ މެންބަރު ޔުލިއާ ނޮވްސްކީ 2024 ވަނަ އަހަރު ވަނީ ޝްލޯމީ ފޯގަލްގެ މައްސަލަ ފުލުހަށާއި ޝިން ބެޓަށް ހުށަހަޅާފައެވެ. ޙަމާސްއާ ގުޅުން އޮތް ފަރާތްތަކާ ބައްދަލުކޮށް ވިޔަފާރީގެ ގުޅުންތައް ބަހައްޓާފައިވާކަމަށް ބުނެ ހުށަހެޅި މި މައްސަލައިގެ ސަބަބުން، ކުރީގެ ސަރުކާރުތަކުން ޙަމާސްއާ މެދު ގެންގުޅުނު ސިޔާސަތުތަކާ މެދު ސިޔާސީ މަސްރަޙުގައި ވަނީ ޝައްކު ތަކެއް އުފައްދާފައެވެ. މިއީ ޔަހޫދީން އާންމު އިންތިޚާބަކާ ކުރިމަތިލާއިރު އެއްބަޔަކު އަނެއްބަޔަކަށް ދޭ ހަމަލަތަކެވެ.







