އިޒްރޭލުގެ އަރަބި ދަރިކޮޅުގެ ޔަހޫދީންގެ އެންމެ އިސް ފާދިރީ ވަނީ ޣައްޒާ މުޅިން ސުންނާފަތިކޮށް ލުމަށާޢި ހުޅަނގު އައްސޭރި ހިފުމަށާއި އެ ދެތަނުގައި މުސްލިމު އަންހެނުން ރޭޕް ކުރުމަށް ގޮވާލާފައެވެ. އޭނާ ބުނެފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަކީ އިންސާނުންގެ ދަރަޖައިގަިއ ހިމެނޭ ބަޔެއް ނޫން ކަމަށެވެ.
އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ދެމުންދާ ޖެނޮސައިޑް ނަސްލު ނައްތާލުމުގެ ހަމަލާތަކަށް ގާތްގަނޑަކަށް ތިން އަހަރު ފުރެން ކައިރިވެފައި ވަނިކޮށް، ޔަހޫދީންގެ އެންމެ އިސް ފާދިރީ ޑޭވިޑް ޔޫސުފް ބުނަނީ ފަލަސްޠީނުގެ ރައްޔިތުންނަކީ ވަުޖޫދުން މުޅިން ފޮހެލަން ޖެހޭ ބަޔއް ކަމަށެވެ.
އިޒްރޭލުގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުރިން ޖެނޮސައިޑް ރެޖީމްގެ އެންމެ މަތީ ފާދިރީންގެ ކޯޓުގެ ރައީސްކަންވެސް ކޮށްފައިވާ ޑޭވިޑް ޔޫސުފް މި ވާހަކަތައް ބުނެފައި ވަނީ ހުޅަނގު ޤުދުސްގައި ހުންނަ ޔަހޫދީންގެ ދާރުލްއާސާރަކަށް ކުރި ޒިޔާރަތެއްގައެވެ. އޭނާ ވަނީ ޣައްޒާ މުޅިން ސުންނާފަތިކޮށް ލުމަށްފަހު އެ ބިންތަކުގަިއ ޔަހޫދީން އާބާދު ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ބުނެފައެވެ.
ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތައް ބަޔާންކުރާ ގޮތުގައި، ހުޅަނގު އައްސޭރިއާއި ހިފާފައިވާ ފަލަސްޠީނުގެ ވެރިރަށް ޤުދުސްގެ އިތުރުން ޣައްޒާއަކީ އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކެކެވެ. ނަމަވެސް އެ ކަންކަމަށް ބެލުމެއްނެތި ޑޭވިޑް ޔޫސުފް ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ހައްގެއް ފަލަސްޠީނުގައި ނުވާ ކަމަށް ބުނެފައެވެ.
ތާރީޚީ އެކި ލިޔުންތަކާއި ދިރާސާތަކުން ސާބިތުކޮށްދޭ ގޮތުގައި، ފަލަސްޠީނުގެ ޤައުމީ ހައިސިއްޔަތާއި ވަކިވަރަކަށް އުފެދިފައިވާ ވަތަނީ ސިފަތަކަކީ ޢުޘްމާނީ ޚިލާފަތުގެ ފަހުކޮޅު، ޚާއްޞަކޮށް 1908 އާއި 1914 އާ ދެމެދު ފާޅުވެފައިވާ ކަންކަމެވެ. އަދި 1919 ވަނަ އަހަރުގެ ޖެނުއަރީ މަހު ޤުދުސްގައި ފަލަސްޠީނުގެ ފުރަތަމަ ޢަރަބި ކޮންފަރެންސް ބާއްވާފައިވާއިރު، 1922 ވަނަ އަހަރު އިނގިރޭސިން ހެދި ފުރަތަމަ ބޯހިމެނުމުން ވެސް ފަލަސްޠީނުގެ އާބާދީގެ ބޮޑުބައަކީ މުސްލިމުންނާއި ނަޞާރާއިންކަން ސާބިތުވެއެވެ.
ސޮލީބީންނާއި ސަހުޔޫނީން ފަލަސްޠީނުގެ މައްޗަށް ހިންގަމުންދާ އެމީހުންގެ ޝަޚުސިއްޔަތު ފޮހެލާ ހަރުކަށި ފިކުރުތަކާއި ޢުދުވާންތަކުގެ ހަގީގަތް މިހާރު ދުނިޔެއަށް އެނގި ފާޅުވެފައި ވެއެވެ.







