ޖަޕާނުގެ ދިފާއީ ވުޒާރާއިން ކުރިއަށް އޮތް މާލީ އަހަރަށް ބޭނުންވާ ބަޖެޓުގެ ގޮތުގައި 8.89 ޓްރިލިއަން ޔެން (55.6 ބިލިއަން އެމެރިކާ ޑޮލަރު) ހޯދުމަށް އެދި ރަސްމީކޮށް ހުށަހަޅައިފިއެވެ. މިއީ އެގައުމުގެ ތާރީޚުގައިވެސް ދިފާއީ ކަންކަމަށް އެދިފައިވާ އެންމެ ބޮޑު ބަޖެޓެވެ. މި ބަޖެޓުގެ މައިގަނޑު އަމާޒަކީ ސަރަހައްދީ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ދުރުރާސްތާގެ އެޑްވާންސް މިސައިލް ނިޒާމުތަކާއި، އަސްކަރީ ޑްރޯން، އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ދީގެން ސިފައިންގެ ގާބިލުކަމުގެ ތެރެއަށް އިތުރުކުރުމެވެ.
މި ފަހަރުގެ ބަޖެޓު ހުށަހެޅުމުގައި ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައިވަނީ އެމެރިކާގެ ނޯތްރޯޕް ގްރޫމަން ކުންފުނީގެ "އޭއޭއާރްޖީއެމް-އީއާރް" ގެ ރާޑަރު ނައްތާލާ މިސައިލް ގަތުމަށް ހުށަހަޅާފައިވާ ހުށަހެޅުމެވެ.
މިއީ މިފަދަ ޚާއްޞަ އެންޓި ރޭޑާ މިސައިލެއް ގަތުމަށް ޖަޕާނުން ޝައުގުވެރިކަން ފާޅުކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، ސަބްމެރިންއިން ފޮނުވާލެވޭ ގައިޑެޑް މިސައިލް ނިޒާމުތަކާއި، ކަނޑުއަޑީގައި ދުއްވާ އުޅަނދުތަކުން ފޮނުވާލެވޭ ދުރުރާސްތާ މިސައިލް މޮޑިއުލްތައް އުފެއްދުމަށް 16.3 ބިލިއަން ޔެން ވަނީ ކަނޑައަޅާފައެވެ. އަދި އެފް-35 މާކްގެ ޖެޓްތަކާއި ކޭސީ-46 ޓޭންކަރު ބޯޓުތައް އިތުރަށް ގަތުމަށްވެސް ވަނީ ހުށަހަޅާފައެވެ.
ޖަޕާނުން ދަނީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އެމެރިކާގެ "އެމްކިއު-9ބީ ސީގާޑިއަން" މާރުކާގެ 17 ޑްރޯން ގަތުމަށް 292.2 ބިލިއަން ޔެން އަށް އެދެމުންނެވެ.
އަދި ހަނގުރާމައިގެ މައިދާނުގައި ނިންމުންތައް އަވަސްކުރުމަށް އޭއައި ސިސްޓަމްތައް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. މި ބަޖެޓު ހުށަހެޅުން މިހާރު ވަނީ ތަންފީޒީ މަރުހަލާގެ ކުރިން ޖަޕާނުގެ މާލީ ވުޒާރާގެ ފާސްކުރުމަށް ފޮނުވާފައެވެ. މިއީ ސަރަހައްދީ ސަލާމަތީ ތިލަފަތަށް އަންނަމުންދާ ބަދަލުތަކާއެކު ޖަޕާނުގެ ދިފާއީ ސިޔާސަތަށް އަންނަމުންދާ ބޮޑު އިންގިލާބީ ބަދަލެކެވެ.







