ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ އިސްރާއީލުގެ ޔަހޫދީން، އެ ސަރަހައްދުގެ ފަލަސްތީނު އާންމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތަކަކީ ނަސްލު ސާފުކުރުމެއް ކަމަށާއި އަދި އެއީ "ޔަހޫދީ ޓެރެރިޒަމް" ކަމަށް ސިފަކޮށް، އިސްރާއީލުގެ ސިފައިންގެ ކުރީގެ މަތީ ފަންތީގެ ވެރިން ފާޑު ކިޔަން ފަށައިފިއެވެ.
އިސްރާއީލުގެ ސިފައިންގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ މޭޖަރ ޖެނެރަލް އޭޔާލް ބެން-ރެއުވެން އާއި އެ ގައުމުގެ ސެކިއުރިޓީ ދާއިރާގެ އިސް މަގާމުތައް ކުރިން ފުރާފައިވާ މީހުންގެ ޖަމާއަތަކުން ވަނީ ވެސްޓް ބޭންކުގެ ފަލަސްތީނު ދަނޑުވެރިންނާއި އާންމުންނާ ބައްދަލުކޮށް، އެ މީހުންނަށް ކުރިމަތިވަމުންދާ ނުރައްކާތެރި ހާލަތު އަމިއްލައަށް ބަލާފައެވެ. ބެން-ރެއުވެން ބުނި ގޮތުގައި، ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ސުކޫލުތައް ހިސާރަކޮށް، އާންމުންނަށް ދެމުންދާ އަނިޔާތަކަކީ އިސްރާއީލަށް މިވަގުތު އޮތް އެންމެ ބޮޑު ނުރައްކަލެވެ. އަދި މިއީ އީރާނާއި، ޣައްޒާ ނުވަތަ ލުބުނާނުގެ ނުރައްކަލަށް ވުރެން ބޮޑު ނުރައްކަލެއ ްކަމަށެވެ.
ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވުމަށް ގޮވާލައި އިސްރާއީލުގެ ނުފޫޒުގަދަ 200 އަށްވުރެ ގިނަ ފަރާތަކުން ވަނީ ސަރުކާރަށް ޚާއްސަ ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީގައި ސޮއިކުރި މީހުންގެ ތެރޭގައި ކުރީގެ ދެ ބޮޑުވަޒީރުންނާއި، ސިފައިންނާއި ވައިގެ ސިފައިންގެ 30 އަށްވުރެ ގިނަ ރިޓަޔަރޑް ޖެނެރަލުންގެ އިތުރުން އެތެރޭގެއާއި ބޭރުގެ ޖާސޫސީ އިދާރާތަކުގެ ކުރީގެ ވެރިން ހިމެނެއެވެ. މީގެ އިތުރުން ޤާނޫނީ ވަކީލުންނާއި، ޑިޕްލޮމޭޓުން އަދި ނޮބެލް އިނާމު ހާސިލުކުރައްވާފައިވާ މީހުންވެސް މީގައި ބައިވެރިވެއެވެ.
މި ސިޓީގައި ވަނީ ސިފައިންނާއި އެތެރޭގެ ޖާސޫސީ އިދާރާ އަދި ފުލުހުންގެ ބައިވެރިވުމާއެކު ނުވަތަ އެކަންކަން ހުއްޓުވުމުގައި އިހުމާލުވަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ހުޅަނގު އައްސޭރީގެ ޔަހޫދީ ޓެރަރިސްޓު ވަޒަންވެރިންނަށް މަގުތަކާއި، ފެނާއި، ކަރަންޓުގެ އިތުރުން ވެހިކަލްތަކާއި ހަތިޔާރު ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތަކުގެ ތަފްސީލު ހާމަކުރުމަށްވެސް ވަނީ އެދިފައެވެ.
ނަމަވެސް، އިސްރާއީލުގެ ސިފައިން ވަނީ އަނިޔާވެރި ވަޒަންވެރިންނަށް އެހީތެރިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިފައިންގެ މަސައްކަތަކީ އެ ސަރަހައްދުގައި އުޅޭ އެންމެން ހިމާޔަތްކުރުން ކަމަށާއި، ވަޒަންވެރިންގެ ހަމަލާތަކުގައި ބައިވެރިވާ ނުވަތަ އެކަންކަން ހުއްޓުވަން މަސައްކަތް ނުކުރާ ސިފައިން އެ ކުރަނީ އަމުރާ ހިލާފު ކަމެއް ކަމަށެވެ.
ކުރިން ފަލަސްތީނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިވި ބައެއް މީހުން މިހާރު ދަނީ ވަޒަންވެރިންގެ އަމަލުތަކަށް ފާޑުކިޔަމުންނެވެ. އިސްރާއީލުގެ ޖަސްޓިސް މިނިސްޓްރީގެ އިންޓަރނޭޝަނަލް ޑިވިޜަންގެ ކުރީގެ ވެރިޔާ ގަލް އީލީއެޒަރ ބުނީ، ސިފައިން ޣައްޒާގައި ކުރި ކަންކަމަކީ ގާނޫނީގޮތުން ދިފާއު ކުރެވިދާނެ ކަންކަން ކަމަށް ވިޔަސް، ހުޅަނގު އައްސޭރީގައި މިހާރު ހިންގަމުންދާ އަމަލުތަކަކީ އެއްވެސް ގޮތަކުން ދިފާއު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
އދގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގެ ފަހުން ހުޅަނގު އައްސޭރިން 1,100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރެއިން ގިނަ މީހުން މަރާފައިވަނީ އިސްރާއީލުގެ ސިފައިން ދިން ހަމަލާތަކުގައެވެ. މީގެ އިތުރުން، ވަޒަންވެރިންގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލުނު ފަލަސްތީނު މީހުންގެ އަދަދު ވަނީ ކުރީ އަހަރާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައެވެ. އަދި ވަޒަންވެރިންގެ ހަމަލާތަކުގައި އަނިޔާވާ ފަލަސްތީނު މީހުންގެ ނިސްބަތް 2020 ވަނަ އަހަރު ކޮންމެ ތިން ދުވަހަކުން އެކަކަށް ހުރިނަމަވެސް، މިހާރު އެ އަދަދު ވަނީ ދުވަހަކު ތިން މީހުންނަށްވުރެ އިތުރުވެފައެވެ.







