azhar
azhar

އަލްއަޒުހަރުގެ އިމާމްގެ ނަމުގައި ހަދާފައިވާ އޭއައި ވީޑިއޯތަކަށް އަލްއަޒްހަރުން އިންޒާރުދީފި

އަލްއަޒްހަރުގެ އިމާމް ޑރ.  އަޙްމަދު އައްޠައްޔިބުގެ ތަސްވީރާއި އަޑު، ބޭނުންކޮށްގެން މަސްނޫއީ ބުއްދިން އުފައްދާފައިވާ، ބޭސްފަރުވާއާއި ސިއްޙީ އުފެއްދުންތައް އިޝްތިހާރުކުރުމަށް ބޭނުންކުރަމުންދާ ދޮގު ވީޑިއޯތަކާ މެދު އަލްއަޒްހަރުގެ މީޑިއާ ސެންޓަރުން އިންޒާރުކޮށްފިއެވެ.

އެ ސެންޓަރުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މިފަދަ ތަކެއްޗަކީ އެއްވެސް ހުއްދައެއް ނެތި، އިމާމުގެ ނަމާއި ތަސްވީރު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން އާންމުންނަށް އޮޅުވާލުމަށް އުފައްދާފައިވާ ފޭކު އުފެއްދުންތަކެކެވެ.

އަލްއަޒްހަރުން ސިފަކުރި ގޮތުގައި އިމާމުގެ ތަސްވީރާއި އަޑު މިފަދަ ކަންކަމުގައި ބޭނުންކުރުމަކީ މަކަރާއި ހީލަތުން އޮޅުވާލުމުގެ ބޮޑު ޖަރީމާއެކެވެ. އަދި މިއީ އިމާމުގެ އަބުރާއި އިއްޒަތުގެ ބޭނުންކޮށްގެން އާންމުންގެ އަތުން ޣައިރުޤާނޫނީ ގޮތުގައި ފައިސާ ހޯދުމަށް ހިންގާ ނޭއްގާނީ ވިޔަފާރިއެކެވެ. އެހެންކަމުން މީސް މީޑިއާ ބޭނުންކުރާ ފަރާތްތަކުން މިފަދަ އިޝްތިހާރުތަކަށް ނުހެއްލުމަށާއި، އެފަދަ ތަކެތި ޙިއްޞާ ނުކުރުމަށް އަލްއަޒްހަރުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އަލްއަޒްހަރުން ވަނީ ހާމަކޮށްފައެވެ. އަދި އާންމުން އަލްއަޒްހަރާ ގުޅޭ މަޢުލޫމާތުތައް ހޯދުމުގައި އެ މުއައްސަސާގެ ރަސްމީ ޕްލެޓްފޯމްތަކުން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށާއި، މިފަދަ އޮޅުވާލުންތައް ރިޕޯޓުކުރުމަށް އަލްއަޒްހަރުގެ މީޑިއާ ސެންޓަރުން ވަނީ އެދިފައެވެ.

ހިއްސާ ކުރައްވާ!