މާކް ރަފާލޯއަށް ކުރާ ތުހުމަތުތަކާ ދެކޮޅަށް ހޮލީވުޑްގެ ޔަހޫދީ ފަންނާނުން ތެދުވެއްޖެ

އެމެރިކާގެ މަޝްހޫރު ފިލްމީ ތަރި މާކް ރަފާލޯ، "ޔަހޫދީންނާ ދެކޮޅު" ޚިޔާލުތަކެއް ގެންގުޅޭ ކަމަށް ބުނެ ކުރާ ތުހުމަތުތައް ބަލައިނުގަނެވޭނެ ކަމަށް ބުނެ، ހޮލީވުޑްގައި ހަރަކާތްތެރިވާ 170 އަށްވުރެ ގިނަ ޔަހޫދީ ފަންނާނުންނާއި ލިޔުންތެރިން ނުކުމެ ސޮއިކޮށް ބަޔާނެއް ނެރެފިއެވެ. މީސް މީޑިއާގައި މި މައްސަލަ ބޮޑުވެފައިވަނީ، "ޕެރަމައުންޓް ސްކައިޑާންސް" އިން "ވާނާ ބްރަދާސް ޑިސްކަވަރީ" ގަންނަން އުޅޭ 111 ބިލިއަން ޑޮލަރުގެ ބޮޑު މުއާމަލާތާ ދެކޮޅަށް ރަފާލޯ ވާހަކަދެއްކުމާ ގުޅިގެންނެވެ.

މި މައްސަލަ އުފެދުނީ، ޕެރަމައުންޓްގެ ބޯޑު މެންބަރު ސަފްރާ ކާޓްސް، އިސްރާއީލު ސިފައިންގެ އަސްކަރީ ކަންކަމަށް އެހީވުމަށް އޮރެކަލް ކުންފުނީގެ ޓެކްނޮލޮޖީ ބޭނުންކުރާ ކަމަށް ބުނާ ވީޑިއޯއެއް ރަފާލޯ މީސް މީޑިއާގައި ހިއްސާކުރުމުންނެވެ. ރަފާލޯ ވަނީ، ޣައްޒާގައި އިސްރާއީލު ސިފައިން ހިންގާ ގަތުލުއާންމަށް އެހީވާ ކުންފުނިތަކުގެ ނުފޫޒު މީޑިއާގެ ތެރެއަށް ފެތުރުމަކީ ނުރައްކަލެއް ކަމަށް ބުނެ، ޔަހޫދީ އެލިސަން އާއިލާއަށް ފާޑުކިޔާފައެވެ. އެއާއެކު ޕެރަމައުންޓު ކުންފުނިން ވަނީ، ވިޔަފާރީގެ ޚިލާފުތަކުގެ ތެރެއަށް ޔަހޫދީންނާ ދެކޮޅު ޚިޔާލުތައް މަސްހުނިކުރާ ކަމަށް ބުނެ ރަފާލޯއަށް ތުހުމަތުކޮށްފައެވެ.

ނަމަވެސް، ޔަހޫދީ ފަންނާނުން ސޮއިކޮށް ނެރުނު ހުޅުވާލެވިފައިވާ ސިޓީގައި ބުނެފައިވަނީ، ޣައްޒާގައި ހިންގާ ޖެނޮސައިޑް ހަނގުރާމައާއި، ވިޔަފާރި ކުންފުނިތަކުގެ ނުފޫޒު ދިފާއުކުރުމަށްޓަކައި "ޔަހޫދީންނާ ދެކޮޅު" ކަމުގެ ދޮގު އިލްޒާމް އަޅުވައިގެން ދައްކާ ބަހަނާތަކުގެ ވަގުތު މިހާރު ހަމަވެއްޖެ ކަމަށެވެ. އަދި ރަފާލޯއާއެކު ސާބިތުވެ ތިބިކަން ހާމަކޮށް، މީޑިއާ ކުންފުނިތައް އެއްކޮށްލުމުން ގިނަ ބައެއްގެ ވަޒީފާ ގެއްލި، މިނިވަން ފަންނުވެރިކަމަށް ހުރަސްއެޅޭނެ ކަމުގެ ކަންބޮޑުވުންވެސް އެފަރާތްތަކުން ފާޅުކުރިއެވެ. މީގެ އިތުރުން، އޮސްކާ ކާމިޔާބުކޮށްފައިވާ ޑިރެކްޓަރު ކެނެތު ލޯނާގަންވެސް ވަނީ ރަފާލޯއަށް ކުރާ ތުހުމަތުތަކަކީ "މަކަރުވެރި ދޮގެއް" ކަމަށް ބުނެ އޭނާގެ ދިފާއުގައި ވާހަކަދައްކާފައެވެ.

މި މައްސަލަ ހޫނުވެފައިވަނީ އެމެރިކާގެ އަދުލު އިންސާފާ ބެހޭ މައިދާނުގައިވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ކެލިފޯނިއާ އާ އެމެރިކާގެ 12 ސްޓޭޓަކުން ވަނީ، މި ދެ ކުންފުނި އެއްކޮށްލުމަކީ ވާދަވެރިކަން ކުޑަވެ، މާކެޓް މޮނޮޕޯލައިޒްވާނެ ކަމެއް ކަމަށް ބުނެ، އެ މުއާމަލާތް ހުއްޓުވުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން ނުވަތަ 2027 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އެ މުއާމަލާތް މަޑުޖެއްސާލުމަށްވެސް މިހާރު ވަނީ އެއްބަސްވެފައެވެ.

ހޮލީވުޑްގެ އެތައް ފަންނާނުންނެއް ރަފާލޯގެ ދިފާއުގައި ތެދުވުމާއެކު، މިއީ ހަމައެކަނި ފިލްމީ ދާއިރާގެ ވިޔަފާރި މުއާމަލާތެއްގެ ބަހުސެއްގެ އިތުރުން، ހުޅަނގު އައްސޭރި އާއި ޣައްޒާގެ މަސްރަހާއި އެމެރިކާގެ ސިޔާސީ އަދި އިގްތިސާދީ ނުފޫޒާ ގުޅިފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި މިހާރު ވަނީ ބަދަލުވެފައެވެ.

ހިއްސާ ކުރައްވާ!