ފޮޓޯ: އެވިއޭޓާރޒް މޯލްޑިވްސް
ފޮޓޯ: އެވިއޭޓާރޒް މޯލްޑިވްސް

ޓްރިވެންޑްރަމާއި ކޮޗިންއަށް މޯލްޑިވިއަންއިން ކުރާ ދަތުރުތައް ޑިސެމްބަރު މަހު އިތުރުކުރަނީ

ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރަމުންދާ ޝެޑިއުލް ދަތުރުތަކުގެ އަދަދު އިތުރުކޮށް، އެ ކުންފުނީގެ ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ހާމަކުރައްވާފައިވާ ގޮތުގައި، ދަތުރުތަކަށް އޮތް ޑިމާންޑަށް ބަލައި ގެންނަ މި ބަދަލާއެކު، އަންނަ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ މި ދެ މަންޒިލަށް ކުރާ ދަތުރުތައް ހަފުތާއަކު 6 ދުވަހަށް ބަދަލުވެގެންދާނެއެވެ.

  • މިވަގުތު މޯލްޑިވިއަންއިން ޓްރިވެންޑްރަމާއި ކޮޗިންއަށް ދަތުރުތައް ބާއްވަމުންދަނީ ހަފުތާއަކު ފަސް ދުވަހު
  • އެއީ ހޯމަ، ބުދަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު
  • ޑިސެންބަރު 13 އިން ފެށިގެން ކޮންމެ އާދީއްތަ ދުވަހަކުވެސް މި މަންޒިލްތަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ

އިންޑިއާއަކީ ބޭސްފަރުވާއަށާއި، ތަޢުލީމީ ބޭނުންތަކަށް އަދި ވިޔަފާރިއާއި ފަތުރުވެރިކަމަށް ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ދަތުރުކުރާ ޤައުމަކަށްވާތީ، އިތުރުކުރެވޭ ދަތުރުތަކާއެކު ދަތުރުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް އަހަރުގެ ފަހުކޮޅަކީ ޗުއްޓީ ދުވަސްވަރަށް ވާތީ، މި ދުވަސްވަރު ދަތުރުފަތުރުގެ ޑިމާންޑު އިތުރުވެގެންދެއެވެ. މޯލްޑިވިއަންއިން ވަނީ މި އިތުރުކުރެވުނު ދަތުރުތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުޞަތު މިހާރު އާންމުކޮށް ހުޅުވާލާފައެވެ.

ޤައުމީ އެއަރލައިނުން ދަނީ އެ ކުންފުނީގެ ޚިދުމަތްތައް ބައިނަލްއަޤްވާމީ މައިދާނުގައި ފުޅާކުރުމަށް ސްޓްރެޓެޖީތައް އެކުލަވައިލަމުންނެވެ. މޯލްޑިވިއަންއިން މިވަގުތު ބައިނަލްއަޤްވާމީ 4 ޤައުމެއްގެ 7 މަންޒިލަކަށް ޝެޑިއުލް ދަތުރުތައް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ ދެ ސިޓީގެ އިތުރުން، ބަންގްލަދޭޝްގެ ޑާކާ، ޗައިނާގެ ތިން ސިޓީއެއް އަދި އޮސްޓްރޭލިއާގެ މެލްބަން ހިމެނެއެވެ.

ހިއްސާ ކުރައްވާ!