މީހުންގެ ގައިން ކަހައިދޭ ޚާއްސަ ޚިދުމަތެއް ފަށައި، މަހެއްގެ މައްޗަށް ބޮޑު އާމްދަނީއެއް ލިބޭ

ޗައިނާގައި މީހުންގެ ގައިން ކަހައިދީގެން އާމްދަނީ ހޯދާ އާދަޔާޚިލާފު ވިޔަފާރިއެއް ފަށައި، ބޮޑު މަޤުބޫލުކަމެއް ހޯދަން ފަށައިފިއެވެ. ޢުމުރުން 32 އަހަރުގެ ޒުވާން ވިޔަފާރިވެރިއެއް ކަމަށްވާ ޒަންގް ޝިއާއޯކިއާއޯ ފެށި މީހުންގެ ގައި ކަހައިދޭ މި ޚިދުމަތަކީ މީހުންނަށް އަމިއްލައަށް ނުކެހޭ ތަންތަން ކަހައިދީ، ހަށިގަނޑަށް ލުޔެއް ހޯދައިދިނުމަށް ތަޢާރަފުކޮށްފައިވާ ޚިދުމަތެކެވެ.

ހުބޭ ޕްރޮވިންސަށް ނިސްބަތްވާ ޒަންގް މި ވިޔަފާރި ފަށާފައިވަނީ ޝެންޒެން ސިޓީގައެވެ. މި ޚިދުމަތް ދެމުންދަނީ މަސާޖުކުރާ ތަންތަނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ޚާއްސަ ކޮޓަރިތަކުގައެވެ. މިތަނަށް އަންނަ ކަސްޓަމަރުން އެނދުގައި އޮންނައިރު، ތަމްރީނު ލިބިފައިވާ މުވައްޒަފުން ޚާއްސަ ބައްޓަމަކަށް ފަރުމާކޮށްފައިވާ ނިޔަފަތިތަކެއް ބޭނުންކޮށްގެން ހަށިގަނޑުގެ އެކި ތަންތަން މަޑުމަޑުން ކަހައިދެއެވެ.

މި ޚިދުމަތުގެ އަގަކީ އެއް ގަޑިއިރަށް 300 ޔުއާނެވެ. މިއީ ހަށިގަނޑަށް ލިބޭ ނުތަނަވަސްކަން ކުޑަކޮށް، ސްޓްރެސް ފިލުވައި، އަދި ރަނގަޅަށް ނިދުމަށް މަގުފަހިކޮށްދޭ ޚިދުމަތެއްގެ ގޮތުގައި އެ ފަރާތުން ސިފަކުރެއެވެ. ޚިދުމަތް ހޯދާ ފަރާތްތަކުން އެމީހުންގެ ހަށިގަނޑުގެ ކޮން ތަނެއްކަން އެންމެ ބޮޑަށް ކަހަން ބޭނުންވަނީ މުވައްޒަފުންނަށް ކިޔައިދިނުމުން، އެ ސަރަޙައްދަކަށް ޚާއްސަ ސަމާލުކަމެއް ދެވެއެވެ.

"ޗައިނާގެ އެންމެ ކުރިއަރާފައިވާ ބޮޑެތި ސިޓީތަކުގައި އުޅޭ މީހުންނަށް ވަރަށް ބޮޑަށް ނަފްސާނީ ޕްރެޝަރާއި ސްޓްރެސް ކުރިމަތިވޭ. މި ސަބަބާ ހުރެ، މިފަދަ ޚިދުމަތަކަށް ވަނީ ބޮޑު ޑިމާންޑެއް އައިސްފައި،" ޒަންގް ބުންޏެވެ.

މިދިޔަ މެއި މަހު ޝެންޒެންގެ ބާއަން ޑިސްޓްރިކްޓުގައި މި ފިހާރައިގެ ފުރަތަމަ ގޮފި ހުޅުވުމަށްފަހު، އޭގެ މަހެއް ފަހުން ފުޖިއާން ޑިސްޓްރިކްޓުގައި ވަނީ ދެވަނަ ގޮތްޕެއް ހުޅުވާފައެވެ. މި ދެ ފިހާރައިން އެކުގައި މަހެއްގެ މައްޗަށް 100,000 ޔުއާން ގެ އާމްދަނީއެއް ލިބެމުންދާ ކަމަށާއި، މިހާރު ވިޔަފާރި ހަމައަކަށް އެޅިފައިވާ ކަމަށް އޭނާ ބުނެއެވެ. އަދި މި ޚިދުމަތް ހޯދާ މީހުންގެ ތެރޭގައި ފިރިހެނުންގިނަ ކަމަށއި ޖުމްލަ ކަސްޓަމަރުންގެ 70 އަކީ ފިރިހެނުން ކަމަށް ވެސް އޭނާ ބުންޏެވެ.

މި ބިނަ ކުރަނިވި އައިޑިއާ ޒަންގްގެ ސިކުނޑިއަށް އައީ މީސް މީޑިއާގައި ދައުރުވި ކުރު ވީޑިއޯއެއް ބެލުމަށްފަހުގައެވެ. އަންހެނަކު އޭނާގެ ފިރިމީހާގެ ބުރަކަށި ކަހައިދޭ މަންޒަރު ފެންނަ އެ ވީޑިއޯއަށް މީހުން ދިން ޚިޔާލުތަކުން، މިއީ ފައިސާ ދީގެންވެސް ކުރުވަން ބޭނުންވާ ކަމެއްކަން އޭނާއަށް އެނގިގެންދިޔައެވެ.

މިއީ އޭނާގެ ކުޑައިރުގެ ހަނދާންތަކާވެސް ގުޅިފައިވާ ކަމެކެވެ. ކުޑައިރު ބައްޕަ އޭނާގެ ބުރަކަށި ކަހައިދިނުމުން ފަސޭހައިން ނިދޭކަން ހަނދާން އާކުރަމުން، މިކަން ވިޔަފާރިއަކަށް ބަދަލުކުރެވިދާނެ ކަމަށް ވިސްނުނީ ކަމަށް ޒަންގް ބުންޏެވެ.

މިފަދަ ވިޔަފާރިއެއް ކުރިން ޗައިނާގައި ނެތުމުން، ޚިދުމަތްދޭނެ ގޮތާއި ކަސްޓަމަރުންނަށް އެންމެ ފަސޭހަވާނެ އުޞޫލުތައް އަމިއްލައަށް ތަޖުރިބާކޮށްގެން އޭނާ ވަނީ ތަރައްޤީކޮށްފައެވެ. މި ވިޔަފާރިއަށް ލިބެމުންދާ ތަރުޙީބާއެކު، ކުރިއަށް އޮތް ތަނުގައި ޗައިނާގެ އެކި ސަރަޙައްދުތަކުގައި ގައި ކަހައިދޭ 100 އިތުރު ފިހާރަ ހުޅުވައި، މިއީ ޤައުމީ ފެންވަރުގައި ބަލައިގަންނަ ޚިދުމަތަކަށް ހެދުމަށް އޭނާ އަންނަނީ މަސައްކަތްކުރަމުންނެވެ.

ހިއްސާ ކުރައްވާ!