މިޞްރުގައި އަލަށް ބިނާ ކުރި އައު ވެރިރަށް އަލްޤާހިރާ އަލްޖަދީދާގައި ހުންނަ އަލްފައްތާޙު އަލްޢަލީމް މިސްކިތުގެ ހަރިންމައިގައި މިއުޒިކާއި ނެށުމާއެކު ބޭއްވި ކައިވެނީގެ ޙަފްލާއަކާ ގުޅިގެން އާންމުންގެ ނުރުހުމަކާއި ފާޑުކިޔުން ތަކެއް އަމާޒުވެއްޖެއެވެ. މި ޙަފްލާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ދީނީ ޝިޢާރުތަކަށް އިހުތިރާމް ކުރުމަށާއި މިސްކިތްތަކުގެ ހުރުމަތް ކަނޑައިނުލުމަށް ގޮވާލައި ގިނަ ބަޔަކު ވަނީ އަޑުއުފުލާފައެވެ.
އާންމުވެފައިވާ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި، ކައިވެނީގެ ބައިވެރިންނާއި މެހެމާނުން ވަނީ މިއުޒިކްގެ ރާގަށް މިސްކިތުގެ ހަރިންމައިގައި ފުމެ ނަށާފައެވެ. މީގެ އިތުރުން، ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔެފައިވާ ބޮޑު މުސްހަފެއްގެ ސިފައިގައި ހަދާފައިވާ ޑިކޮރޭޝަނެއްގެ ކުރިމަތީގައި މިއުޒިކް ކުޅޭ ފަރާތަކުން ހަރަކާތްތެރިވަމުންދާ މަންޒަރުވެސް މި ވީޑިއޯތަކުން ފެނިގެން ދެއެވެ. މި ޢަމަލާ ގުޅިގެން ޢާންމުން ކަންބޮޑުވުންތަކެއް ފާޅުކޮށް، ދީނީ ބިނާތަކުގެ މާތްކަން ހިފެހެއްޓުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފެވެ.

މި ހާދިސާއާ ގުޅިގެން މިޞްރުގެ އަވްޤާފް ވުޒާރާގެ ޚަޠީބު އަދި ދާޢީ ޝައިޚް މުޙައްމަދު އަބޫބަކުރު ވިދާޅުވީ، މިސްކިތްތަކުގައި ކައިވެނި އަޤްދު ކުރުމަކީ ހުއްދަ އަދި ބަރަކާތްތެރި ކަމެއް ކަމަށެވެ. ނަމަވެސް، މިސްކިތުގެ ހަރިންމައިގައި ނަށައި މިއުޒިކު ކުޅޭ މައިދާނަކަށް އެތަން ބަދަލުކުރުމަކީ ޝަރީއަތާއި ޤާނޫނު ޤަބޫލުކުރާ ކަމެއް ނޫނެވެ. އަދި ކީރިތި ޤުރުއާން ސިފަކޮށްދޭ ބިނާތައް ބިމުގައި ބަހައްޓައިގެން އޭގެ ޙުރުމަތް ކެނޑޭ ގޮތަށް ފޮޓޯ ނެގުމަކީ ވެސް ދީނީ ޝަޢާއިރުތަކަށް ކުރެވޭ މަލާމާތެއް ކަމަށް ވިދާޅުވެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް އުފެދުނު ސުވާލުތަކަކީ މިފަދަ ބޮޑެތި އަދި މުހިންމު ދީނީ ބިނާތައް ބެލެހެއްޓުމުގައި އިދާރީ މިންގަނޑުތައް ތަންފީޒުކުރުމުގައި ސީސީ ސަރުކާރުގެ އިހުމާލެވެ. ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އާދައިގެ ކުދި މިސްކިތްތަކުގައި ކައިވެނި ކުރުމުގެ ކުރިން ހިުއްދަ ހޯދަން ޖެހުމާއި އެތަންތަން ކޮންތްރޯލު ކޮށްފައި އޮންނައިރު މިފަދަ ބޮޑެތި ބިނާތަކުގައި މިފަދަ ކަންކަން ހިނގުމަކީ އިދާރީ ގޮތުން ގެންގުޅޭ ތަފާތުކުރުމެއް ކަން ދޭހަވާ ކަމަށެވެ.







