އިންޑިއާގައި ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ބުލެޓް ރޭލު މަޝްރޫޢުގެ ޓެސްޓް ދަތުރުތައް އަންނަ އަހަރު ފަށާނެކަން އިއުލާން ކޮށްފިއެވެ. އިންޑިއާގެ ރޭލުވޭގައި ދުއްވާ ފުރަތަމަ އިންޑިއާގެ އަމިއްލަ ޤައުމީ ހައިސްޕީޑް ރޭލުގެ ޓެސްޓް ދަތުރުތައް 2027 ވަނަ އަހަރުގެ މެއި ނުވަތަ ޖޫން މަހު ފަށާނެ ކަމަށް ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ޓެސްޓް ދަތުރުތައް ކުރިއަށްދާނީ މުމްބާއާއި އަޙްމަދުއާބާދާ ދެމެދު ހަދަމުންދާ ކޮރިޑޯގެ މަސައްކަތް ނިމެމުންދާ ސަރަޙައްދުގައެވެ. ޓެސްޓްކުރުމުގެ މަރުޙާ ނިމުމާ އެކު، ދެ މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޢާންމު ދަތުރުފަތުރަށް މި ޚިދުމަތް ހުޅުވާލެވޭނެއެވެ.
ވަޑޯދްރާގައި ބޭއްވި ޙަފުލާގައި ވާހަކަދައްކަވަމުން އިންޑިއާގެ ރޭލާ ބެހޭ ވަޒީރު ވިދާޅުވީ، ހައި-ސްޕީޑް ރޭލުގެ ފުރަތަމަ ބޮޑީ ފްރޭމްގެ މަސައްކަތް ނިމި، ކޯޗުތަކުގެ އޮނިގަނޑުގެ ވަރުގަދަކަން ބެލުމަށްޓަކައި ސްކުއީޒް ޓެސްޓް ކުރަމުންދާ ކަމަށެވެ.
މި މަޝްރޫޢަކީ އިންޑިއާ ސަރުކާރުގެ އަމިއްްލަ ނަފްސަށް ބަރޯސާވާ ސިޔާސަތުގެ ދަށުން ހިންގާ މުހިންމު މަޝްރޫޢެކެވެ. ގުޖުރާތުގެ މުހިންމު ދެ ސިޓީއާއި މުމްބާއާ ދެމެދު ކުރާ ދަތުރުތަކުގެ ވަގުތު މީގެ ސަބަބުން ކުޑަވެގެންދާނެއެވެ. ވަޑޯދްރާއިން ބުލެޓް ރޭލުގައި މުމްބާއިއަށް ނަގާނީ ދޮޅު ގަޑިއިރުގެ ވަގުތެކެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި މިހާރު ކުރިއަށް ދަނީ ސޫރަތާއި ވާޕީއާ ދެމެދު ހަދާ ސަރަޙައްދުގެ މަސައްކަތް ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. އަދި މި ސެގްމެންޓްގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒުހިފާފައެވެ.
އިންޑިއާގެ ބްލެޓު ޓްރޭންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައި ވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ސޫރަތުން ބިލިމޯރާއަށް އަދި އެއަށްފަހު، ވާޕީ ސޫރަތު އަދި އެއަށްފަހު ވާޕީ އަމްދާވާދު އަދި ފަހުން އަމްދާވާދު ތާނޭ އަދި އެންމެ ފަހުން އަމްދާވާދު މުމްބާއިގެ ޚިދުމަތާއެކު މުޅި ސެކްޓަރ އެއްކޮށް ނިންމާލެވޭނެއެވެ.
މި މަޝްރޫޢުގެ އިތުރުން، އިންޑިއާގެ އެކި ކަންކޮޅުތަކުގައި އިތުރު 7 ހައި-ސްޕީޑް ރޭލު ކޮރިޑޯއެއް ޤާއިމުކުރުމަށް މިހާރު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ދިއްލީން ވަރަނާސީއަށް އަދި މުމްބާއި އިން ޕޫނޭއަށް އަދި ބެންގަލޫރުން ޗެންނާއި އަށް ހައިސްޕީޑް ރޭލު ދަތުރު ފެށުން ހިމެނެއެވެ.





