ބަންގްލަދޭޝްގެ އަންހެނުން ޗައިނާއަށް ގެންދިއުމަށްޓަކައި ކައިވެންޏާއި ޢާއިލީ ވިސާގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކީ އިންސާނީ ވަގުފާރީގެ ބޮޑު ނެޓްވޯކެއްގެ ތެރެއިން ހިންގޭ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ފާހަގަވެއްޖެއެވެ. ޤާނޫނީ ޞައްޙަ އިދާރާތަކާއި ކައިވެނި ރަޖިސްޓްރީ ކުރާ އޮފީސްތައް މެދުވެރިކޮށް ހިންގާ މިފަދަ ޢަމަލުތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ އަންހެނުންނަށް ބޭރު ޤައުމުތަކުގައި އަނިޔާއާއި ޖިންސީ ގޯނާ ކުރިމަތިވަމުންދާ ކަމަށް ޑެއިލީ ސްޓާރގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ޗައިނާ މީހުންނާއި ބަންގްލަދޭޝްގެ އަންހެނުންނާ ދެމެދު ކުރެވޭ ކައިވެނިތައް އިތުރުވެފައިވާކަން ރެކޯޑުތަކުން ދައްކައެވެ. ޗައިނާ އެމްބަސީގެ ރެކޯޑުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރު ޢާއިލީ ވިސާގައި ބަންގްލަދޭޝުން ޗައިނާއަށް ދިޔައީ އެންމެ 7 އަންހެނުންނެވެ. ނަމަވެސް އެ އަދަދު 2023 ވަނަ އަހަރު 1,016 އަށް އަރާފައިވެއެވެ. އަދި، 2024 ވަނަ އަހަރު އެ ޢަދަދު ވަނީ 1,378 އަށް އިތުރުވެފައެވެ. އަދި 2025 ވަނަ އަހަރު ނިމުނުއިރު މި ޢަދަދު ވަނީ 1,721 އަށް އަރާފައެވެ. މިފަދަ ކައިވެނިތަކުގެ ތެރެއިން ގިނަ މީހުންނަށް ވަނީ އެކި ކަހަލަ ދަޅައަށް ހުށަހެޅި، މަކަރާއި ހީލަތުން ޗައިނާއަށް ގެންގޮސް ނަހަމަގޮތުގައި ބޭނުންކޮށްފައި ކަމަށް ޑެއިލީ ސްޓާރގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
- މި މައްސަލައިގެ ތެރެއިން ފާހަގަކުރެވުނު ބައެއް ޙާދިސާތަކަށް ބަލާއިރު، 2024 ވަނަ އަހަރު 21 އަހަރުގެ އަންހެނަކު ވަނީ އޭނާގެ ރުހުމަކާނުލައި ޗައިނާ މީހަކާ ކައިވެނިކުރުވައިގެން ގެންގޮސްފައިވާ ކަމަށް ބުނެ މައްސަލަ ހުށަހަޅާފައެވެ.
- 2025 ވަނަ އަހަރުގެ އޯގަސްޓު މަހު 19 އަހަރުގެ އަންހެނަކު ބުނެފައިވާގޮތުގައި، އޭނާއަށް މަސްތުވާތަކެތިދީގެން ވީޑިއޯކޮށް، އެ ވީޑިއޯ މެދުވެރިކޮށް ބްލެކްމެއިލްކޮށްގެން ޗައިނާ މީހަކާ ކައިވެނިކުރުވައިގެން ގެންގޮސްފައި ވެއެވެ
- ފަހުން އޭނާ ވަނީ ޗައިނާ ފުލުހުންނާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެއްގެ އެހީތެރިކަމާއެކު އަނބުރާ ޤައުމަށް އައިސްފައެވެ.
މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ބަންގްލަދޭޝް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. ޗައިނާ އެމްބަސީން ވެސް ވަނީ ޤާނޫނާ ޚިލާފަށް މެދުވެރިން މެދުވެރިކޮށް ކައިވެނިކުރުމުގެ މުޢާމަލާތްތައް ނުހިންގުމަށް އިރުޝާދުދީފައެވެ. ނަމަވެސް، ކައިވެނި ރަޖިސްޓްރީ ކުރާ އޮފީސްތަކާއި، އިމިގްރޭޝަން އަދި ފުލުހުންގެ އިދާރާތައް ގުޅިގެން ހަރުދަނާ ނިޒާމެއް ޤާއިމުކޮށްގެން ނޫނީ މިފަދަ ޖަރީމާތައް ހުއްޓުވުމަށް ދަތިވާނެ ކަމަށް ބުނެއެވެ.





