ލިތުއޭނިއާގެ ވައިގެ ސަރަހައްދަށް ވަން ޑްރޯނެއް ނެޓޯގެ ހަނގުރާމަވެރި މަތިންދާބޯޓުތަކަކުން ވައްޓާލައިފި

ލިތުއޭނިއާގެ ވައިގެ ސަރަހައްދަށް ވަން ހަނގުރާމަވެރި ޑްރޯނެއް، ނެޓޯގެ ހަނގުރާމަވެރި މަތިންދާބޯޓުތަކަކުން ވައްޓާލާފައިވާ ކަމަށް އެ ޤައުމުގެ ރައީސް ގައިޓަނާސް ނައުސެޑާ ވިދާޅުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ވެރިރަށް ވިލްނިއަސް އާއި ވަށައިގެންވާ ސަރަޙައްދުތަކުގައި ކުއްލި ނުރައްކަލުގެ ސައިރަންތައް ޖަހައި، ވައިގެ ސަރަޙައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފެވެ.

އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަވަށްޓެރި ބެލަރޫސްގެ ސަރަހައްދުން ލިތުއޭނިއާގެ ދެކުނުގެ ވައިގެ ސަރަޙައްދަށް ވަދެފައިވަނީ ކޮން ޤައުމަކަށް ނިސްބަތްވާ ޑްރޯނެއްކަން އަދި ކަށަވަރުވެފައި ނުވާ ކަމަށް ލިތުއޭނިއާގެ ނޭޝަނަލް ކްރައިސިސް މެނޭޖްމަންޓް ސެންޓަރުގެ ތަރުޖަމާނު ވިދާޅުވިއެވެ. މިއީ ޔުކްރޭން ހަނގުރާމަ ފެށުނުފަހުން ޔޫރަޕްގެ ޤައުމުތަކުގެ ވައިގެ ސަރަޙައްދަށް މިފަދަ އުޅަނދުތައް ވަނުން އިތުރުވެފައިވާ ދަނޑިވަޅެއްގައި ހިނގި ކަމެކެވެ.

ރައީސް ނައުސެޑާ މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ލިތުއޭނިއާގެ ސިފައިންނާއި އިޓަލީގެ ޕައިލެޓުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ނެޓޯގެ މަތިންދާބޯޓުތައް ބޭނުންކޮށްގެން އެ ޑްރޯން ވައްޓާލާފައިވާ ކަމަށެވެ. އަދި ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ހިންގާ ހަނގުރާމަ ވަރުގަދަވެފައިވާ މި ދަނޑިވަޅުގައި، ޤައުމުގެ ވައިގެ ސަރަޙައްދު ދިފާޢުކުރުމަށް މިފަދަ ތައްޔާރީ ހާލަތެއްގައި ތިބުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

ރަޝިޔާއާއި ބެލަރޫސްގެ ބޯޑަރާ ގުޅިފައިވާ ލިތުއޭނިއާއަކީ ސަލާމަތީ ގޮތުން ނާޒުކުފަހަރާ ކުރިމަތިލާންޖެހިފައިވާ ޤައުމެކެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް އެ ޤައުމަށް ޑްރޯން ވަދެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާއިރު، މިއަހަރުގެ ތެރޭގައި ބޯޑަރު ހުރަސްކޮށް ޑްރޯން ވަނުމުގެ އެތައް ހާދިސާތައް ވަނީ ހިނގާފައެވެ.

ހިއްސާ ކުރައްވާ!