ޗައިނާއާއި އިންޑިއާއަކީ ވާދަވެރިންނަށްވުރެ ބޮޑަށް ބައިވެރިން: ޝީ ޖިންގްޕިންގް

ނިއުދިއްލީގައި ބޭއްވުނު ބްރިކްސް ސަމިޓްގެ ހަވާސާގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ބޯޑަރު ސަރަޙައްދުތަކުގެ މައްސަލަ ހަމައަކަށް އެޅުވުމަށް މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. މި ބައްދަލުވުމަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި މި ދެ ވެރިން ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ޗައިނާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝޫ ފެއިހޮންގް މީސް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ރަނގަޅަށް މެނޭޖުކޮށް، ބޯޑަރު ސަރަޙައްދުގެ ސުލްޙަވެރިކަން ދެމެހެއްޓުމަށް ދެ ވެރިން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. މިއީ ދެ ޤައުމުގެ ސްޓްރެޓެޖީކް ގުޅުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ފާޖަހަ ކުރެއްވިއެވެ. "އެންމެ މުހިންމު އެއްބަސްވުމަކަށް އާދެވިފައިވަނީ ޗައިނާއާއި އިންޑިއާއަކީ ވާދަވެރިންނަށްވުރެ ބޮޑަށް ބައިވެރިން ކަމުގައި ވާންޖެހޭނެ ކަމަށް ޗައިނާ ރައިސް ވިދާޅުވިކަމަށް،" ސަފީރު ވިދާޅުވިއެވެ.

މި ސަމިޓްގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ވަނީ އާޓިފިޝަލް އިންޓެލިޖެންސާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ވިޔަފާރި ފަސޭހަކުރުމާ ގުޅޭ ފަސް ނުކުތާގެ ސްޓްރެޓެޖީ ޕްލޭނެއް ހުށަހަޅުއްވާފައެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ވިދާޅުވީ، ޗައިނާއިން ހުށަހެޅި މި ހުށަހެޅުންތައް ދިރާސާކޮށް، ކުރިއަށް އޮތް ތަނުގައި އެކަމާ މެދު އަމަލުކުރާނެ ގޮތެއް މެންބަރު ޤައުމުތަކުން ކަނޑައަޅާނެ ކަމަށެވެ.

ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ޚާއްސަކޮށް ގްލޯބަލް ސައުތުގެ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!