ޕާކިސްތާނާއި ޗައިނާއާ ދެމެދު އެއްވެސް ބޯޑަރެއް ނެތް ކަމަށް ބުނެ، އެ ދެ ގައުމު ގުޅިގެން "ބައުންޑަރީ ޖޮއިންޓް ކޮމިޝަން" އެއް އުފެއްދުމަށް ނިންމި ނިންމުމަށް އިންޑިއާއިން ދެކޮޅު ހަދައިފިއެވެ. އިންޑިއާއިން ސިފަކުރި ގޮތުގައި އެ ކޮމިޝަނަކީ އެއްވެސް ގާނޫނީ އަސާސެއް ނެތް، އަދި ބާތިލް ކަމެކެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ) ގެ އޮފިޝަލް ތަރުޖަމާނު ރަންދީރު ޖައިސްވާލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޗައިނާއާއި ޕާކިސްތާނާ ދެމެދު ބޯޑަރެއް ނޯންނަކަމަށް ބުނާ ވާހަކައަށް އިންޑިއާގެ ޖަވާބަކީ ވަރަށް ސާފު ޖަވާބެކެވެ.
"އަޅުގަނޑުމެންނަށް މިކަމާ ގުޅޭ ރިޕޯޓްތައް ފެނިފައިވޭ. ޗައިނާއާއި ޕާކިސްތާނާ ދެމެދު އޮންނަ ބޯޑަރު ނެތް ކަމަށް ބުނާ ވާހަކައަކީ އެއްވެސް އަސާސެއް އޮތް ކަމެއް ނޫން. އަޅުގަނޑުމެން މިއަދުވެސް މި ދެކޮޅު ހަދަނީ އެފަދަ ޖޮއިންޓް ކޮމިޝަންތަކަށް،" ޖައިސްވާލް ވިދާޅުވި އެވެ.
މީގެ އިތުރުން، އިންޑިއާގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމަށް އަސަރުކުރާނެ ފަދަ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ޖައްމޫ ކަޝްމީރާއި ލަދާކަކީ އަބަދުވެސް އިންޑިއާގެ ވަކިނުކުރެވޭ މުހިންމު ބައިތަކެއް ކަމަށާއި، އެ ސަރަހައްދުތަކާ ގުޅޭގޮތުން އެއްވެސް އެހެން ގައުމަކަށް ނުވަތަ ޖޮއިންޓް ކޮމިޝަނަކަށް ގާނޫނީ ހައްގެއް ލިބިގެން ނުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދުވަހަކުވެސް 1963 ވަނަ އަހަރު ވެފައިވާ ކަމަށް ބުނާ 'ޗައިނާ-ޕާކިސްތާން ބައުންޑަރީ އެގްރީމަންޓް' ބަލައިގަނެފައެއް ނުވޭ. އެއީ ގާނޫނާ ޚިލާފަށް އަދި ބާތިލު ގޮތަކަށް ހިންގާފައިވާ ކަމެއް،" ޖައިސްވާލް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، ޕާކިސްތާނުން ގަދަކަމުންނާއި ގާނޫނާ ޚިލާފަށް ހިފާފައިވާ އިންޑިއާގެ ސަރަހައްދުތައް ވީ އެންމެ އަވަހަކަށް ހުސްކުރުމަށް ގޮވާލާ ކަމަށެވެ.
މި ކަންކަން މިހެން ހުރިއިރު، މީގެ ކުރިން ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ އިންޑިއާ-ޗައިނާ ބޯޑަރުގެ މައްސަލަތައް އިންސާފުވެރިކަމާއި، ބުއްދިވެރި ކަމާއެކު އަދި ދެފަރާތުންވެސް ޤަބޫލުކުރެވޭ ފަދަ ގޮތަކަށް ހައްލުކުރުމަށް މަޝްވަރާކުރައްވާފަ އެވެ.
ނިއުދިއްލީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، ތަފާތުތައް ދެބަސްވުންތަކަކަށް ވެގެން ނުވާނެ ކަމަށާއި، ދެ ގައުމުގެ ގުޅުން ކުރިއަށް ގެންދިއުމަށްޓަކައި ބޯޑަރު ސަރަހައްދުތަކުގައި ސުލްހައާއި ހަމަޖެހުން އޮތުން ކޮންމެހެން ބޭނުންވާ ކަމަށެވެ.





