ޖޮހަންސަބާގްގައި ސިލްސިލާ މަރުތަކެއް: ނުވަ ވަނަ އަންހެނެއްގެ ހަށިގަނޑު ފެނިއްޖެ

ދެކުނު އެފްރިކާގެ ޖޮހަންސަބާގްގެ އިރުމަތީ ސަރަހައްދުން ނުވަ ވަނަ އަންހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ. މިއީ އެ ސަރަހައްދުގައި ހިންގަމުންދާ ސިލްސިލާ އަނިޔާވެރި މަރުތަކަކާ ގުޅުންހުރި ކަމެއްކަމަށް ބެލެވި، މުޅި ސަރަހައްދު އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އެކުރުހުލެނީ މުނިސިޕަލްޓީގެ އެކި ސަރަހައްދުތަކުން މީހެއްގެ 9 ހަށިގަނޑު ވަނީ ފެނިފައެވެ. ފުލުހުން ބުނާގޮތުގައި މިއީ އެކަކު ނުވަތަ އެއް ގްރޫޕަކުން ރާވައިގެން ހިންގާފައިވާ ޖަރީމާތަކެއް ކަމަށް ޝައްކުކުރެވެއެވެ. ފުރަތަމަ ފެނުނު ހަށިގަނޑުތަކުގެ މަރުގައި އެއްގޮތް ކަންތައްތަކެއް ހުރުމުން، މިއީ އާންމުންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށް ބުނެ ފުލުހުން ވަނީ އިންޒާރުދީފައެވެ.

ޕްރޮވިންސް ޕޮލިސް ކޮމިޝަނަރު ފްރެޑް ކެކާނާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެންމެ ފަހުން ފެނުނު އަންހެން މީހާގެ ހަށިގަނޑު ފެނިފައި ވަނީ ކޮންސްޓްރަކްޝަން ސައިޓެއް ކައިރިން ކަމަށެވެ. އަދި އެއީ ގާތގަނޑަކަށް 30 އަހަރުގެ އަންހެނެއް ކަމަށާއި، އޭނާގެ ހަށިގަނޑުގެ އެއްފަރާތަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި އޭނާގެ ކަރު ބުރިކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ފޮރެންސިކް ތަހުގީގުތައް ނިމުމާ ހަމައަށް މަރުވި ސީދާ ސަބަބު އަދި ކަށަވަރުވެފައި ނުވާ ކަމަށާއި، މި މަރަކީ ކުރީގެ މައްސަލަތަކާ ސީދާ ގުޅުންހުރި ކަމެއްކަން ކަށަވަރުކުރުމަށް އިތުރު ތަހުގީގުތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާތަކާ ޖޮހަނަސްބާގްގެ އެކި ހިސާބުތަކުގައި ބިރުވެރިކަން އާންމުވެފައި ވެއެވެ. ގެއްލިފައިވާ މީހުން ހޯދުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ، އާއިލާއެއްގެ މީހަކު ގެއްލިއްޖެނަމަ ވީ އެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، މަރުވެފައިވާ މީހުންގެ ފޮޓޯއާއި ޔަގީންނުވާ މައުލޫމާތު ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އިންޒާރުދީފައެވެ. ފުލުހުން ބުނީ އެފަދަ ކަންކަމުގެ ސަބަބުން މުޖުތަމައުގައި އިތުރަށް ބިރުވެރިކަން ފެތުރި، ކުށް ކުރާ މީހުންނަށް ހިތްވަރު ލިބިގެން ހިނގައިދާނެ ކަމަށެވެ.

މިފަދަ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށާއި، އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ގޮވާލައި އާންމުންނާއި، ދީނީ ލީޑަރުންގެ އިތުރުން މަދަނީ ޖަމިއްޔާތަކުން ވަނީ ބުރާސްފަތި ދުވަހު ޕޮލިސް ސްޓޭޝަންތައް ކައިރިއަށް އެއްވެ އަޑުއުފުލާފައެވެ. އަދި ގެއްލުނު މީހުންގެ ހަނދާނުގައި އެކި ސަރަހައްދުތަކުގައި އެއްވުންތައް ބާއްވާފައި ވެއެވެ.

ހިއްސާ ކުރައްވާ!