އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސަމިޓް ނިއުޔޯކްގައި އަންގާރަ ދުވަހު ފެށިގެން ދިޔައީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި، އިރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ މައްސަލާގެ ބަހުސްތަކުންނެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ އިފްތިތާހީ ތަގުރީރާއެކު ފެށުނު މި ސަމިޓުގައި، ދުނިޔޭގެ އެކި ގައުމުތަކުގެ ޒައީމުން ވަނީ ޣައްޒާގެ ހާލަތާއި، ހުޅަނގު އައްސޭރީގެ މަސްރަހާއި، ހުރުމުޒު ކަނޑުއޮޅީގެ ނުރައްކަލާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ސަމިޓް ހުޅުއްވައިދެއްވަމުން ގުޓަރޭސް ވަނީ ފަލަސްތީނާއި އިސްރާއީލުގެ ދެ ދައުލަތް ގާއިމުކުރުމުގެ ހައްލު ނެތެމުންދާ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި ހުޅަނގު އައްސޭރީގައި ހިންގާ ނަސްލުނައްތާލުމުގެ އަމަލުތަކާއި ވަޒަންވެރިވުން އިތުރުވުމަކީ ނުރައްކާތެރި ސިގްނަލެއް ކަމަށް ވިދާޅުވެ، މިހާރު އޮތް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކީ އެދެވޭ ހައްލެއް ނޫން ކަމަށް ފާހަގަކުރައްވާފައެވެ.
އެމެރިކާއާއި އިރާނުގެ ބައްދަލުވުން:
މި ސަމިޓުގެ ހަވާސާގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ އެމެރިކާއާއި އިރާނުގެ މަސްއޫލުވެރިންގެ ދެމެދުގައި ބޭއްވި ސިއްރު މަޝްވަރާތަކަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މަންދޫބުން ކަމަށްވާ ޖާރެޑް ކުޝްނާއާއި ސްޓީވް ވިޓްކޯފް ވަނީ އިރާނުގެ ޑިޕްލޮމެޓުންނާއެކު ތިން ގަޑިއިރުގެ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމަށްފަހު ރައީސް ޓްރަމްޕް ވިދާޅުވީ، އިރާނާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުއްމީދު ބޮޑު ކަމަށާއި، ދެގައުމުގެ ގުޅުމަށް އެދެވޭ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އަދި ހުރުމުޒު ކަނޑުއޮޅީގެ މައިންތައް ނަގައި، ތެޔޮ ބޭރުކުރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އިރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދޭނެ ކަމަށް ޓްރަމްޕް ތަކުރާރު ކުރެއްވިއެވެ.
އިރާނުގެ ރައީސް މަސްއޫދު ޕަޒެޝްކިއަން ނިއުޔޯކަށް މިއަދު ވަޑައިގެންފިއެވެ.، އިރާނުގެ މަސްއޫލުވެރިން ވަނީ އެމެރިކާއިން ސިފައިންގެ ފިއްތުންތައް ކުޑަކޮށް، ބަނދަރުތަކުގެ ބްލޮކޭޑް އުވާލައިފިނަމަ ހުރުމުޒު ކަނޑުއޮޅި ހުޅުވާލަން ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.
- ގައުމުތަކުގެ ވެރިންގެ ކަންބޮޑުވުންތައް:
- ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލްޘާނީގެ ތަގުރީރުގައި، ޣައްޒާގައި ހިންގަމުންދާ ހަމަލާތަކަކީ އިންސާނިއްޔަތަށް އޮތް ބޮޑު ލަދެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ޚާއްސަކޮށް ހުރުމުޒު ކަނޑުއޮޅި ދަތުރުފަތުރަށް ހުޅުވާލައި، ގަލްފު ސަރަހައްދުގައި ރައްކާތެރިކަމުގެ އާ ނިޒާމެއް ގާއިމުކުރުމަށް އަމީރު ގޮވާލެއްވިއެވެ.
- އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމް ވަނީ އިސްރާއީލަށް ހުރި ނުރައްކާތަކަށް އަލިއަޅުވާލައްވައި ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލު ސަރުކާރުން ހިންގާ އަމަލުތައް ދިފާއު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އަމަލީ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
- ސޫރިޔާގެ ރައީސް އަހުމަދު އަލްޝަރައު ވަނީ ޖޯލާން ގެ އުސްބިންތަކަކީ ސޫރިޔާގެ ތަނެއް ކަމަށާއި، އެއީ ބަހުސްކުރެވޭނެ ތަނެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުން ސޫރިޔާގެ ރިޔާސީ ގަނޑުވަރަށާއި އެއާޕޯޓްތަކަށް ހަމަލާދީފައިވާ ކަން ފާހަގަކުރެއްވިއެވެ.
- ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ ލުބުނާނުގެ ސިޔާދަތަށް އިހުތިރާމްކުރުމަށާއި، ޣައްޒާގެ ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައްވާފައެވެ.
- މި ސަމިޓުގެ ތެރެއިން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިސްރާއީލުގެ އަމަލުތަކަށް ފާޑުވިދާޅުވުމުން އިސްރާއީލުގެ ޑިޕްލޮމެޓުން ވަނީ ޖަލްސާ ދޫކޮށް ގޮސްފައެވެ.
- އެމެރިކާގެ ރައީސް ޓްރަމްޕް ކިއުބާއަށް ފާޑުވިދާޅުވުމުން ކިއުބާގެ މަންދޫބުންވެސް ވަނީ މަޖިލިސް ދޫކޮށް ގޮސްފައެވެ.
މިއަދުގެ ނިޔަލަށް ސަމިޓުގެ މުހިންމު ބައްދަލުވުންތައް ކުރިއަށްދާއިރު، ދުނިޔޭގެ މަސްރަހު ހަމައަކަށް އަޅުވައި، ޑިޕްލޮމެޓިކް މަގުން ހައްލުތަކެއް ހޯދުމަށް ގައުމުތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.




