އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރުކުރަން ފެށުމާއެކު، ގިނަ ގައުމުތަކެއްގެ މަންދޫބުންނާއި ޑިޕްލޮމެޓުން މާލަން ދޫކުރައްވައި ނުކުމެވަޑައިގެންފިއެވެ. ޣައްޒާގައި ހިންގަމުންދާ ޖެނޮސައިޑް ހަމަލާތަކާއި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އޭނާ ހައްޔަރުކުރުމަށް އަމުރު ނެރެފައިވާ ދަނޑިވަޅެއްގައި، ނަތަންޔާހޫގެ ޒިޔާރަތާ ދެކޮޅަށް އދގެ މައި މަރުކަޒު ކައިރީގައި ވަނީ ވަރުގަދަ މުޒާހަރާތަކެއްވެސް ކޮށްފައެވެ.
އދގެ އާންމު މަޖިލީހުގެ މާލަމުގެ ތެރެއިން ފެނުނު މަންޒަރުތަކުން އެނގޭ ގޮތުގައި، ނަތަންޔާހޫ ޕޯޑިއަމްއަށް ހުއްޓުމާއެކު ޑިޕްލޮމެޓުން ވަނީ ސަފުސަފުސަފަށް ތިބެގެން މާލަން ދޫކޮށް ނުކުމެވަޑައިގެންފައެވެ. މި ކަމާ ގުޅިގެން ލަދުކުޑަ ނަތަންޔާހޫ ވަނީ މަޖިލިސް ދޫކޮށް ދިޔަ މަންދޫބުންނަކީ "އަޚުލާގީ ގޮތުން ފިނޑިން" ކަމަށް ސިފަކޮށްފައެވެ. އަދި ސިއްރިއްޔާތުގައި ގިނަ ގައުމުތަކެއްގެ ވެރިން އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ދިން ހަމަލާތަކަށް ޝުކުރު އަދާ ކޮށްފައިވާ ކަމަށް ބުނެ ބައިނަލްއަގުވާމީ މުޖުތަމައުގެ މުނާފިގު ކަމަށް އޭނާ ފާޑުކިޔެވެ.
ތަގުރީރުގެ ތެރޭގައި ނަތަންޔާހޫ ވަނީ ތަފާތު އިޝާރާތްތަކާއި ވަސީލަތްތައް ބޭނުން ކޮށްގެން ސިޔާސީ މެސެޖުތަކެއް ދޭން މަސައްކަތް ކޮށްފައެވެ. އެގޮތުން 2024 ވަނަ އަހަރު ލުބުނާނުގެ ހިޒްބުﷲގެ މެންބަރުންނަށް އަމާޒުކޮށް ދިން އުދުވާނީ ހަމަލާތަކަށް އިޝާރާތް ކޮށް "ޕޭޖަރ" ސެޓެއް ނަގައި އާންމު މަޖިލީހަށް ދެއްކިއެވެ. މީގެ އިތުރުން އީރާނުގެ ރައްޔިތުންނަށް އިންޓަނެޓްގެ މިނިވަންކަން ދިނުމަށް އިޝާރާތް ކުރައްވައި "ސްޓާލިންކް" ރޫޓަރެއްވެސް ނަތަންޔާހޫ ދެއްކިއެވެ.
ހަނގުރާމަިއގެ މުޖުރިމުގެ ތަގުރީރު ނިންމާ ލުމަށްފަހު، އދއަށް ކަނޑައަޅާފައި ހުންނަ ޔަހުދީ ސަފީރު ދާނީ ދާނޮން ވަނީ އީރާނުގެ މަންދޫބާ ދިމާއަށް ގޮސް އީރާނު މަންދޫބުންގެ ގަޔަށް ބޮލަށް އަރައިގަނެ ސްޓާލިންކް ރޫޓަރު ހަވާލުކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އީރާނުގެ މަންދޫބު ވަނީ އެކަމަށް އެއްވެސް ސަމާލުކަމެއް ނުދެއްވައި ހިމޭނުން ތިއްބަވާފައެވެ. މީސް މީޑިއާ ގައި ޔަހޫދީ މީހާ ވަނީ އޭނާގެ އަމަލުތައް ދނިޔެއަށް ރީކޮށް ދައްކަން މަސައްކަތް ކޮށްފައެވެ.
މި ތަގުރީރުގައި ނަތަންޔާހޫ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ޖެނޮސައިޑް ހަނގުރާމައަށް ދޭ ތާއީދާއި އެހީތެރިކަމަށް އިބްލީސްގެ ފަރާތުންނާއި ޔަހޫދީންގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ. އަދި ސޫރިޔާގެ މަސްރަހާ ގުޅޭގޮތުން ވާހަކަދައްކަމުން، ގޯލާންގެ އުސްބިންތަކަކީ މޫސާގެ ފާނުގެ ޒަމާމުގައިވެސް ޔަހޫދީންނާ ގުޅިފައިވާ ތަނެއް ކަމަށް ބުނެފައެވެ.
ނަތަންޔާހޫ އދގެ މައި މަރުކަޒަށް ދިޔަ ވަގުތު، ނަތަންޔާހޫގެ ޖެނޮސައިޑާ ދެކޮޅު ޔަހޫދީން އިންތިޒާމުކޮށްގެން މެންހެޓަންގައި ވަނީ ބޮޑު މުޒާހަރާއެއް ބާއްވާފައެވެ. ޣައްޒާއަށް ދެމުންދާ ޖެނޮސައިޑް ހަމަލާ ތައް ހުއްޓާލުމަށާއި އިސްރާއީލަށް ޖެނޮސައިޑް ހަތިޔާރު ފޯރުކޮށްދިނުން އެމެރިކާއިން ހުއްޓާލުމަށް ގޮވާލައި ކުރި މި މުޒާހަރާގެ ތެރެއިން ނިއުޔޯކް ފުލުހުން ވަނީ ސަތޭކައެއްހާ މީހުން ހައްޔަރުކޮށްފައެވެ.
މި ސަމިޓް ގައި ނަތަންޔާހޫ ތަގުރީރު ކޮށްފައިވަނީ ޣައްޒާގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ކަމަށް ބުނެ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.





