ރަޝިޔާގެ ސައިބީރިއާ ސަރަހައްދުގައި ހުންނަ ރިސާޗް އިންސްޓިޓިއުޓެއްގެ ލެބޯޓްރީއެއްގައި ނުރައްކާތެރި "ނޫމޮނިކް ޕްލޭގް" ބެކްޓީރިއާ އެކުލެވޭ ޓެސްޓް ޓިއުބެއް ތެޅި، އެ މަސައްކަތުގައި އުޅުނު 28 އަހަރުގެ އަންހެން ޓެކްނީޝަނަކު މަރުވުމާ ގުޅިގެން ފަސް ހޮސްޕިޓަލެއް ބަންދުކޮށް، ސަތޭކައިން މަތީގެ އަދަދަކަށް މީހުން ކަރަންޓީނުކޮށްފިއެވެ.
ކުތުސްކް ސަރަހައްދުގެ ޝެލެޚޯވްގައި ހުންނަ "އެންޓި-ޕްލޭގް ރިސާޗް އިންސްޓިޓިއުޓް" ގައި މަސައްކަތްކުރި ދާރިއާ ޝިޕިލޯވާ މަރުވެފައިވަނީ ސެޕްޓެމްބަރު 29 ގައި ނިއުމޯނިއާގެ އުނދަގޫތަކާއެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް އޮކްޓޯބަރު 1 ވަނަ ދުވަހުއެވެ. ސާމްޕަލް ނެގުމުގެ މަސައްކަތުގެ ތެރޭގައި ދިރޭ ބެކްޓީރިއާ ހުރި ޓިއުބެއް އަތުން ދޫވެ ތެޅުނު ކަމަށް އޭނާ މަރުވުމުގެ ކުރިން މެޑިކަލް ސްޓާފުންނަށް ކިޔައިދީފައިވާ ކަމަށް މީޑިއާ ރިޕޯޓްކުރެއެވެ.
މި ހާދިސާއާ ގުޅިގެން ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. ޝިޕިލޯވާއާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބައްދަލުވި 200 އަށްވުރެ ގިނަ މީހުން ދެނެގަނެ، އެ މީހުން ވަނީ ކަރަންޓީނުކޮށް މެޑިކަލް އޮބްޒަވޭޝަންގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން ކުތުސްކް ސަރަހައްދުގައި އާންމުން އެއްވެ އުޅޭ ހަރަކާތްތައް ވަގުތީ ގޮތުން ބަންދުކުރުމަށް ވަނީ އަންގާފައެވެ.
ކުތުސްކް ސަރަހައްދުގެ ގަވަރުނަރު އިގޯރ ކޮބްޒެވް ފުރަތަމަ ވިދާޅުވީ ނުރައްކާތެރި އިންފެކްޝަނެއް ފެތުރޭ ކަމަށް ކުރެވިފައިވާ ކަމަށެވެ. އެއަށްފަހު ޓެލެގްރާމް މެދުވެރިކޮށް އޭނާ ހާމަކުރެއްވި ގޮތުގައި، ޝިޕިލޯވާގެ ހަށިގަނޑުން ނެގުނު ސާމްޕަލްތަކުން އޭނާގެ ވަޒީފާއާ ގުޅުންހުރި މައިކްރޯއޯގަނިޒަމްތަކެއް ފެނިފައިނުވާ ކަމަށާއި، ބަލިމަޑުކަން ކޮންޓްރޯލްކުރުމަށްޓަކައި "ރޮސްޕޯޓްރެބްނަޑްޒޯރ" އާއި ގުޅިގެން ރައްކާތެރިކަމުގެ ހުރިހާ ސްޓްރެޓެޖީއެއް ތަންފީޒުކުރަމުންދާ ކަމަށެވެ. އަދި އިންސްޓިޓިއުޓްގެ އެހެން މުވައްޒަފެއްގެެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައިނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް އެސަރަހައްދާ އިންވެގެންވާ ބުރިއާތިޔާ ސަރަހައްދުގެ ގަވަރުނަރު އަލެކްސީ ސިޑެނޯވް މީސް މީޑިއާގައި ލިޔުއްވާފައިވަނީ، ކުތުސްކްގައި މަރުވި އަންހެން މީހާ މަރުވީ ޕްލޭގް ބަލީގައި ކަމަށް ބެލެވޭ ކަމަށެވެ.
ޑޮކްޓަރުންނާއި ސައިންސްވެރިން ބުނާ ގޮތުގައި، ނޫމޮނިކް ޕްލޭގަކީ ޕްލޭގް ބަލީގެ ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އަދި ފުއްޕާމެޔަށް އަސަރުކުރުވާ ބާވަތެވެ. ވައިގެ ތެރެއިން ނޭވާލާ ނިޒާމުގެ މައިދާން މެދުވެރިކޮށް ވަރަށް އަވަހަށް ފެތުރޭ މި ބަލީގެ އަލާމާތްތައް 24 ގަޑިއިރު ތެރޭގައި ފެންނަން ފަށައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހާމަކުރާ ގޮތުގައި، ބަލިޖެހޭތާ ފުރަތަމަ 24 ގަޑިއިރު ތެރޭގައި އެކަށީގެންވާ ފަރުވާއެއް ނުލިބިއްޖެނަމަ، މި ބައްޔަކީ ފުރާނައަށް ނުހަނު ނުރައްކާތެރި ބައްޔެކެވެ.
1934 ވަނަ އަހަރު އުފެއްދި އެންޓި-ޕްލޭގް ރިސާޗް އިންސްޓިޓިއުޓަކީ ޕްލޭގް ފަދަ ނުރައްކާތެރި ބަލިތައް ކޮންޓްރޯލްކޮށް ދިރާސާކުރުމަށް ގާއިމުކޮށްފައިވާ މަރުކަޒެކެވެ. ސިއްހީ ކަމާބެހޭ މާހިރުން ދަނީ މި ހާދިސާ އިތުރަށް ބަލައި، ބަލިމަޑުކަން އިތުރަށް ފެތުރުނަނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.






