ނައިޖީރިއާގެ އޮންޑޯ ސްޓޭޓަށް އެ ގައުމުގެ ސިފައިންގެ އެއާ ފޯސްގެ އޭޓީއާރު-42 މަރުކާގެ ޖެޓެއް ވެއްޓި، އެއާ ސްޓާފްގެ ޗީފް އެއާ މާޝަލް ސަންޑޭ ކެލްވިން އަނޭކޭ އާއެކު 32 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ރައީސް ބޯލާ އަހްމަދު ޓިނުބޭ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާނުކުރައްވައިފި އެވެ.
ރިއާސީ ގަނޑުވަރުން ނެރުއްވި ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި ސިފައިންގެ ހަނދާނުގައި މުޅި ގައުމުގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށްވެސް ރައީސް ޓިނުބޭ ވަނީ އަމުރުކުރައްވާފައެވެ.
މި މަތިންދާބޯޓު ވެއްޓިފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ބެނިން އިން ލާގޯސްއަށް ކުރަމުންދިޔަ އާދައިގެ ދަތުރެއްގެ ތެރޭގައި އޮންޑޯ ސްޓޭޓްގެ އިގްބޯކޯޑާ ސަރަހައްދުގައި އޮންނަ ނޭވަލް ބޭސެއްގެ ކައިރިއަށެވެ. މަތިންދާބޯޓުން ދަތުރުކުރީ 25 ފެސެންޖަރުންނާއި 7 ކްރޫއިންނެވެ.
މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވަމުން ރައީސް ޓިނުބޭ ވިދާޅުވީ، މިއީ އެ ގައުމުގެ ސިފައިންނަށާއި މުޅި ގައުމަށްވެސް ކުރިމަތިވި ވަރަށް ފުން ހިތާމައެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ސިފައިންނަށާއި މުޅި ގައުމަށް ކުރިމަތިވި ވަރަށް އަސަރުން ފުރިގެންވާ ދަނޑިވަޅެއް. އަޅުގަނޑުމެންގެ އެއާ ފޯސްގެ ސިފައިންނަކީ ނައިޖީރިއާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ މީހުންގެ ފުރާނަ ގުރުބާންކުރަން ތައްޔާރަށް ތިބި ބައެއް. އެ މީހުންގެ ގުރުބާނީ މަތިން ގައުމު އަބަދުވެސް ހަނދާން ބަހައްޓާނެ،" ރައީސް ޓިނުބޭ ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުން ހުއްޓުވުމުގެ މަގުސަދުގައި، ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ވަގުތުން ތަހުގީގުކުރުމަށް ނައިޖީރިއާގެ އެއާ ފޯސްއަށް ރައީސް ޓިނުބޭ ވަނީ އަމުރުކުރައްވާފައެވެ.
"މިފަދަ ހާދިސާއެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ފުރިހަމައަށް ތަހުގީގުކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށް އަޅުގަނޑު ވަނީ ނައިޖީރިއާގެ އެއާ ފޯސްއަށް އަމުރުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ހާދިސާއަށްފަހު ވަގުތުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް ފެށިކަމަށްޓަކައި އެއާ ފޯސްއަށް ރައީސް ޓިނުބޭ ސާބަސް ދެއްވި އެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި ފަސްޓް ރެސްޕޮންޑަރުންނާއި އޮންޑޯ ސްޓޭޓް ސަރުކާރުން ފޯރުކޮށްދިން އަވަސް އެހީތެރިކަމަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، މަރުވި ސިފައިންގެ ފުރާނައަށް ހެޔޮ ދުއާ ކުރައްވަމުން، ނައިޖީރިއާގެ ސިފައިން ގައުމުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން ރައީސް ޓިނުބޭ ދެއްވި އެވެ.






