ތައިވާނުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އަދި ތައިޕޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޕޫމާ ޝެންއަށް ސިއްރުން ފާރަލައި ފޮޓޯއާއި ވީޑިއޯ ނެގި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ތައިވާނުގެ ޕްރޮސެކިއުޓަރުން ދައުވާ އުފުލައިފި އެވެ.
ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި، މި އަމަލު ހިންގާފައިވަނީ ބޭރުގެ ދުޝްމަން ބާރަކާ ގުޅުންހުރި ހޮންކޮންގުގެ ދެ މީހެއްގެ މާލީ އެހީތެރިކަމާއެކުގައެވެ. ޕޫމާ ޝެންއަކީ ތައިވާނުގެ މިނިވަންކަމަށް ތާއީދުކުރައްވާ ބޭފުޅަކަށްވާތީ، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މީގެކުރިންވެސް އޭނާއަށް އަމާޒުކޮށް ފިޔަވަޅުތައް އަޅާފައެވެ.
ތައިޕޭ ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕްރައިވެޓް އިންވެސްޓިގޭޓަރެއް ކަމަށްވާ ޗެންގް-ޗިން އަށް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 5 ގައި ހޮންކޮންގުގެ ޖޫ ޖުއެކްސިއާން އަދި ލިން ކިންގްގެ ފަރާތުން 360،000 ނިއު ތައިވާން ޑޮލަރު ލިބުނެވެ. އެއީ ޝެންއަށް ފާރަލުމުގެ މަސައްކަތް ކުރުމަށެވެ. ޗެންގް ވަނީ މި މަސައްކަތް 180،000 ނިއު ތައިވާން ޑޮލަރަށް އެހެން އިންވެސްޓިގޭޓަރެއް ކަމަށްވާ ސިއޭ ޔީ-ޗެންއާ ހަވާލުކޮށްފައެވެ. ސިއޭ ވަނީ އޭނާގެ މުވައްޒަފެއް ކަމަށްވާ ޗިއަންގް ވެން-ހްސިން މެދުވެރިކޮށް މި އޮޕަރޭޝަން ރޭވުމަށްފަހު، ހައު ކައި-ހަން އަދި އެހެން މީހެއްގެ އެހީތެރިކަން ހޯދާފައެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި، ފުރަތަމަ ތުހުމަތުކުރެވޭ މީހުން އުޅުނީ ޝެންގެ ފަހަތުން އުޅެގެން ފާރަލާށެވެ. ނަމަވެސް އޭނާގެ ސެކިއުރިޓީންނަށް އެކަން ފާހަގަކުރެވުމުން އެކަން ނާކާމިޔާބުވިއެވެ. މިއާއެކު، ހޮންކޮންގުގެ ދެމީހުން ކަމަށްވާ ޖޫ އާއި ލިން ވަނީ 2024 ސެޕްޓެމްބަރު 27 ގައި ތައިވާނަށް ދަތުރުކޮށް، މި އޮޕަރޭޝަން ސީދާ ބަލަހައްޓަން ފަށާފައެވެ.
ފާރަލުމުގެ ފުރަތަމަ މަރުހަލާ ނާކާމިޔާބުވުމުން، ތައިޕޭގެ ދާއާން ޑިސްޓްރިކްޓްގައި ހުންނަ ޝެންގެ ގޭގެ ބޭރުގައި ކުޑަ ސިއްރު ކެމެރާއެއް ހަރުކުރުމަށް ސިއޭ ލަފާދިނެވެ. އެގޮތުން ޝެންގެ ގޭގެ ވަންނަ ދޮރަށް އަމާޒުކޮށް، ގޭބޭރުގައި ބަހައްޓާފައި ހުރި ސައިކަލެއްގެ ގޮނޑިދަށުގައި ކުޑަ ކެމެރާއެއް ހަރުކުރިއެވެ.
ޕްރޮސެކިއުޓަރުން ބުނީ، ތުހުމަތުކުރެވޭ މީހުން މޮބައިލް ފޯނު އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކެމެރާއަށް ވަދެ، ޝެންއާއި އޭނާގެ އާއިލާއަށް ފާރަލަމުންދިޔަ ކަމަށެވެ. މީގެއިތުރުން ގޭގެ ކައިރީގައި ކާރުތައް ބާއްވައިގެން އިތުރު ފޮޓޯއާއި ވީޑިއޯ ނަގައި، އެ ތަކެތި ޓެލެގްރާމް ގްރޫޕަކަށް އަޕްލޯޑްކުރުމަށްފަހު ފައިސާ ދިން ފަރާތްތަކަށް ފޮނުވަމުންދިޔައެވެ. މި ފާރަލުން 2024 ވަނަ އަހަރުގެ ނޮވެމްބަރު 8 އާ ހަމައަށް ކުރިއަށްދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.





