ޔޫރޭނިއަމް ފައްކާކުރުމުގެ ހައްގު ދޫނުކުރާނެ ކަމަށާއި އެމެރިކާއިން ޝަރުތުތަކަށް އެއްބަސްވާންޖެހޭނެ ކަމަށް އީރާނުން ބުނެފި

އީރާނުން ޔޫރޭނިއަމް ފައްކާކުރުމަށް އޮތް ހައްގު އެއްވެސް ހާލެއްގައި ދޫނުކުރާނެ ކަމަށާއި، ނިއުކްލިއާ މައްސަލައިގައި އިތުރު މަޝްވަރާތަކެއް ކުރެވޭނީ އެމެރިކާއިން އީރާނުގެ ޝަރުތުތަކަށް ފުރަތަމަ އިޖާބަދީގެން ކަމަށް އީރާނުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވެއްޖެ އެވެ.

އީރާނުގެ މަސްއޫލުވެރިޔާ މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. ވެންސް ވިދާޅުވެފައިވަނީ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ހަނގުރާމަ ނިންމުމަށްޓަކައި އީރާނުން ޔޫރޭނިއަމް ފައްކާކުރުމުގެ ގާބިލުކަން ކުޑަކުރަންޖެހޭނެ ކަމަށެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރެއް ނުހަދާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އަމަލީ ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް، އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވީ ޔޫރޭނިއަމް ފައްކާކުރުމުގެ ހައްގު އެމެރިކާއިން ގަބޫލުކުރުމަކީ އީރާނުގެ "ރަތް ރޮނގު" ކަމަށެވެ. އަދި ވޮޝިންގްޓަނުން ހުށަހަޅާ ޚިޔާލުތަކަކީ އީރާނުގެ އެދުންތަކާ މުޅިން ޚިލާފު ކަންކަން ކަމަށާއި، ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި އެއްވެސް އަމަލީ ސީދާ މަޝްވަރާއެއް ހިނގަމުން ނުދާ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް، ފައްކާކުރުމުގެ ތަފްސީލީ ކަންކަމާ މެދު ފަހުން ވާހަކަދެއްކިދާނެ ކަމުގެ އިޝާރާތެއް އޭނާ ދެއްވި އެވެ.

މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވިދާޅުވީ، އީރާނުގައި ކަންކަން ނިންމަނީ ކޮން ބައެއްކަން ނޭނގުމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެމެރިކާއިން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި ޚާރިޖީ ވަޒީރު އަައްބާސް އަރާގްޗީއާ ވާހަކަދައްކަމުންދިޔަ ނަމަވެސް، ތެހެރާންގެ ނިންމުންތައް ނިންމުމުގެ ބާރު އެބޭފުޅުންނަށް އޮތް މިންވަރާމެދު ވެންސް ވަނީ ސުވާލު އުފައްދަވާފައެވެ. ޓްރަންޕް އިތުރަށް ވިދާޅުވީ އީރާނާއެކު އޮތް މައްސަލަތައް ނިންމުމަކަށް ގެނައުމާ އެމެރިކާ ވަރަށް ގާތްވެފައިވާ ކަމަށާއި، އީރާނުގެ ޑްރޯން އުފެއްދުމުގެ ގާބިލުކަންވެސް ވަރަށް އަވަހަށް ނައްތާލެވޭނެ ކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އަައްބާސް އަރާގްޗީއާއި ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވަނީ އީރާނުގެ ނިންމުންތައް ވަރަށް ސާފު އަދި ވަރުގަދަވާނެ ކަމަށް ވިދާޅުވެފައެވެ. އެބޭފުޅުން ތަކުރާރުކޮށް ވިދާޅުވިގޮތުގައި، އީރާނުން ހުށަހަޅާފައިވާ ސާފު ޝަރުތުތައް އެމެރިކާއިން ފުރިހަމަނުކުރަނީސް ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެއްވެސް ފިޔަވަޅެއް ނާޅާނެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ހުށަހެޅުނު ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ޓްރަންޕް ރައްދުކުރެއްވި ފަހުން، ދެ ގައުމުގެ މެދުގައި ކުރިއަށްދިޔަ މަޝްވަރާތައް ވަނީ މަޑުޖެހި،ފައެވެ.

ހިއްސާ ކުރައްވާ!